ޕީޕީއެމްގެ ސަރުކާރެއްގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި ހދ. ކުޅުދުއްފުށީ އުތުރުކޮޅުގައި އެއާޕޯޓެއް އަޅާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ޔާމީން ވިދާޅުވީ ކުޅުދުއްފުއްޓަކީ ޕީޕީއެމްގެ ސަރުކާރެއްގައި އުތުރުގެ ސަރަހައްދީ ތަރައްގީގެ ނާރެހަކަށް ހައްދަވާނެ ކަމަށެވެ. އަދި އެ ޕާޓީގެ ސަރުކާރުގެ ފުރަތަމަ 24 މަސް ދުވަސް ފާއިތުވާ އިރު ޑޮމެސްޓިކް އެއާޕޯޓެއް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސަރަހައްދުގެ ހަނިމާދޫގައި އެއާޕޯޓެއް އޮތުމަކުން މިކަން މުޅިން ފުދިގެނެއް ނުދޭ. އެހެންވީމަ އަޅުގަނޑުމެންގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ފުރަތަމަ 24 މަސް ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ކުޅުދުއްފުށީގައި ޑޮމެސްޓިކް އެއާޕޯޓެއް އޮންނާނެ. ދަތުރުފަތުރުގެ ފަސޭހަކަމަކީ ތަރައްގީގެ އެންމެ ބޮޑު އަސާސް. އަޅުގަނޑުގެ ދަތުރުފަތުރުގެ ފަސޭހަކަން މިގެންދަނީ ތަރައްގީގެ ވިސްނުމާއެކީ،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީ ކައިރީ ތިން ރަށެއް ރިސޯޓެއް ހަދަން ދޫކުރި ނަމަވެސް އެތަންތަން ނުނިމޭ ކަމަށެވެ. އަދި ޕީޕީއެމްގެ ސަރުކާރެއްގައި އެއް އަހަރުގެ ތެރޭގައި އެ ތިން ރަށާ މެދު ތިން އަހަރުގެ ތެރޭގައި ގާނޫނީ ގޮތުން ނިންމަން ޖެހޭ ކަންތައްތައް ނިންމުމަށް ފަހު އެ ތިން ރަށް ތަރައްގީކުރާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އެ ޕާޓީގެ ސަރުކާރެއްގައި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން ކޮންމެ އަހަރަކު ރިސޯޓް ތަރައްގީކުރަން އިއުލާންކުރާ ދިހަ ރަށުގެ ހަތަރު ރަށް އެ ސަރަހައްދުގައި ތަރައްގީކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ހިސާބުތަކަށް ބަލާއިރު އަޅުގަނޑުމެންގެ ސަރުކާރެއްގެ ފަސް އަހަރެއްގައި ސަތޭކައަކުން 30 ޕަސެންޓް ރަށް އޮންނާނީ ހއ. ހދ. އަދި ށ. މި ސަރަހައްދުގައި،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ފަސް އަހަރުގައި 15 ރިސޯޓް ހުޅުވިގެންދާއިރު 7500 އާ ވަޒީފާ އުފެދިގެންދާނެ. މުސާރައަށް ބަދަލުކޮށްލީމަ ހަމައެކަނި މަހު މުސާރައަށް ބަލާއިރު 75 މިލިއަން ރުފިޔާ އިރާދަކުރެއްވިއްޔާ މި ސަރަހައްދަށް ވަންނާނެ."

ޔާމީން ވިދާޅުވީ އެ ސަރަހައްދުގައި ސިނާއީ ބައެއް މަސައްކަތްކުރާނެ ރަށްތައްތައް ތަރައްގީކުރާނެ ކަމަށެވެ. އަދި މިހާރު ބައެއް ފަރާތްތަކަށް ދޫކޮށްފައި ހުރި ރަށްތައް އެ ސަރަހައްދުގެ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަކަށް ދޫކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިތަނުގައި އަޅުގަނޑަށް އެނގޭ ކުޅުދުއްފުއްޓަކީ އާބާދީގެ ގޮތުން 9،000އަށް ވުރެ ބޮޑު އާބާދީއެއް އޮތްތަނެއް. އަދި ކައިރި ރަށްރަށުން އަބަދު މިރަށުގައި ވަޒަންވެރިވުމަށް ނުވަތަ އަވަސް މިނެއްގައި ފުރާ އައިސް އުޅޭ މީހުންގެ އަދަދަށް ބަލައިގެން މި ހިސާބުކޮށްފި ނަމަ 12،000 ވުރެ ބޮޑު އާބާދީއެއް ކުޅުދުއްފުށީގައި އެބަ އުޅޭ،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް މައުމޫންގެ ސަރުކާރުގައި އުތުރުގެ ސަރަހައްދީ ނާރެހެއްގެ ގޮތުގައި ކަނޑައަޅުއްވާފައި އޮތީ ކުޅުދުއްފުށި ކަމަށެވެ. އަދި އެ ރަށުގައި ފުރެމުންދާ ބިން އޮތް ކަމަށްވީ ނަމަވެސް މިހާރު ބިމުގެ ތަނަވަސްކަން އެބައޮތް ކަމަށް ޔާމީން ވިދާޅުވި އެވެ.

"ކުޅުދުއްފުއްޓަކީ 20،000ގެ އާބާދީއެއް ހިފަހައްޓާލުމުގެ ހަކަތަ އާއި ފަންވަރު ހުރި ރަށެއް. އަދި ކުޅުދުއްފުށީގައި މިއޮތީ އެކުވެރި ރައްޔިތެއް. އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ވިސްނަނީ ކުޅުދުއްފުއްޓަކީ އުތުރުގެ ސަރަހައްދުގެ އަދި މުޅި ރާއްޖެއަށް ބެލި ނަމަވެސް މާލެ ނަގާފައި ދެ ރަށް ތަރައްގީގެ ސަރަހައްދީ ނާރެހަށް ހަދާ ކަމަށްވަންޏާ ކުޅުދުއްފުއްޓަކީ އޭގެ އެއް ރަށް،" މ. މުލަކު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ރަށަކީ ޕީޕީއެމްގެ ސަރުކާރެއްގެ ތަރައްގީގެ ޗާޓުގައި އެންމެ މުހިންމު ތިން ރަށުގެ ތެރޭގައި ހިމެނޭ ރަށެއް ކަމަށެވެ. އަދި މާލެ އާއި ސ. ހިތަދޫ ފިޔަވައި އުތުރުގެ ތަރައްގީގެ ނާރެހަކީ ކުޅުދުއްފުށި ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިދައްކާ ވާހަކައަކީ އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންތައްތަކުގެ ވާހަކަ. މިއީ ވޯޓު ހޯދުމަށް ދައްކާ ވާހަކައެއް ނޫން،" އޭނާ ވިދާޅުވި އެވެ.