ލ. ގަމުގައި ސައިކަލު ދުއްވާފައި ދިޔަ މީހަކަށް ބަޔަކު ހަމަލާދީ މަރާލިތާ ހަތަރު ހަފްތާ ފަހުން އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.

މިދިޔަ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރު ސައިކަލެއްގައި ދަނިކޮށް ހަމަލަދީ މަރާލި ލ. ގަން ތުނޑި ވުޑްލޭންޑް އަހުމަދު ނިޒާރު،31،ގެ މަރުގެ މައްސަލައާ ގުޅިގެން މިފަހަރު ހައްޔަރުކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖެކެވެ.

ފުލުހުން ބުނީ އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ނިޒާރަށް ބަޔަކު ހަމަލަދީ މަރާލުމާ ގުޅިގެން މީގެ ކުރިން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ. އެގޮތުން މިދިޔަ މަހުގެ 15 ވަނަ ދުވަހު 21 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ އިރު ޖުލައި 17 ވަނަ ދުވަހު ވަނީ 22 އަހަރުގެ މީހަކު ހައްޔަރުކޮށްފަ އެވެ. އަދި ޖުލައި މަހުގެ 19 ވަނަ ދުވަހު ވަނީ 26 އަހަރުގެ ފިރިހެނަކާއި 22 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފަ އެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ހައްޔަރުގައި ތިބި މީހުންނަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު އެ މައްސަލައިގައި ހިމެނޭ ފަސް މީހަކު މިހާރު ވަނީ ފުލުހުންގެ ތަހުގީގަށް މާލެ ގެނެސްފައި ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގާފައި ވަނީ ހަތަރު މީހަކު ސައިކަލުގައި ކައްދުއަށް ގޮސް ކައްދޫ ޕޯސްޓުގައި އޮތް ޖާޒީބައެއް ނަގައިގެން ގަމަށް ދަނިކޮށް ގަމު މުކުރިމަގު އަވަށުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

އަދި ނިޒާރަށް ބަޔަކު މީހުން ހަމަލާދީފައި ވަނީ ދަގަނޑު ބުރިއަކުންނާއި ލަކުޑި ބުރިއެއް ބޭނުންކޮށްގެން ކަމަށާއި ހާދިސާ ހިނގިތަނުން ފުލުހުންނަށް އެތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

މިހާތަނަށް ބެލިބެލުމުން އަހްމަދު ނިޒާރު އަކީ އެއްވެސް ކުށެއްގެ ރެކޯޑެއް އޮތް މީހެއްނޫން ކަމަށް އެނގޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.