12 Aug 2013, 11:33
އެތުލެޓިކްސް ވޯލްޑް ޗެމްޕިއަންޝިޕްގެ 100 މީޓަރު ދުވުމުގެ ރޭސް ކާމިޔާބުކޮށް ޖެމެއިކާގެ އުސެއިން ބޯލްޓް، ޖެހިޖެހިގެން ދެވަނަ ފަހަރަށް އެ މުބާރާތުގެ ރަން މެޑަލް ހޯދައިފި އެވެ.
ރަޝާގެ ވެރިރަށް މޮސްކޯގެ ލުޒްނިކީ ސްޓޭޑިއަމްގައި ކުރިއަށްދާ އެ މުބާރާތުގައި އެމެރިކާގެ ޖަސްޓިން ޖެޓްލިންއާއި، ޖެމެއިކާގެ ނެސްޓާ ކާޓާއާއި ވާދަކޮށް ބޯލްޓް ރޭސް ނިންމާފައިވަނީ، 9.77 ސިކުންތުންނެވެ. 100 މީޓަރާއި 200 މީޓަރުގެ ދުނިޔޭގެ ރެކޯޑް ހަދާފައިވާ ބޯލްޓްގެ މި ނަތީޖާއަކީ މިޒީޒަންގައި 100 މީޓަރު ދުވުމުން ދުވުންތެރިއެއް ނެރެފައިވާ އެންމެ ރަނގަޅު ނަތީޖާއެވެ.
ސިލްވާ މެޑަލްހޯދި އެމެރިކާގެ ޖަސްޓިން ރޭސް ނިންމާފައި ވަނީ، 9.85 ސިކުންތުންނެވެ. އަދި ބްރޯންޒް މެޑަލް ހޯދި ޖެމެއިކާގެ ނެސްޓާ ރޭސް ނިންމާފައިވަނީ، 9.95 ސިކުންތުންނެވެ.
އެމެރިކާގެ ބާރު ދުވުންތެރިޔާ ޓައިސަން ގޭއާއި އަސަފާ ޕަވެލް، ކުޅިވަރުގައި ބޭނުން ކުރުން މަނާ ބޭހަށް ޕޮސިޓިވްވެ، ޑޯޕިންގެ ހިޔަނި އެތުލެޓިކްސްއަށް އެޅިފައި މިވާ ދުވަސްވަރުގައި 100 މީޓަރު ދުވުމުން ރަންމެޑަލް ހޯދި ބޯލްޓް ވަނީ، ކާމިޔާބީއާ ދޭތެރޭގައި ހިތްހަމަޖެހުން ފާޅުކޮށްފަ އެވެ.
ދިހަ ސިކުންތުވެސް ހަމަނުވަނީސް ރޭސް ނިންމާލައިގެން ބޯލްޓް މިހާރު މިވަވީ، އެމެރިކާގެ މަޝްހޫރު ގޯލްޑް މެޑަލިސްޓް ކާލް ލުވިސް ހޯދާފައިވާ ބައިނަލްއަގްވާމީ އަށް ރަން މެޑަލްގެ ރެކޯޑާ އެއްވަރު ކޮށްފަ އެވެ.