12 Aug 2013, 11:29
އަންނަ މަހު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބު ބްރޯޑްކާސްޓިން ކަވަރޭޖުގެ ދަށުން ކެންޑިޑޭޓަކަށް ޑިރެކްޓް އެކްސެސްގެ ގޮތުގައި ދޫކުރާ ވަގުތު 10 ޕަސަންޓަށް ވުރެ އިތުރުވެގެން ނުވާނެ ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފި އެވެ.
ރިޔާސީ އިންތިހާބަށް ޓީވީ ޗެނަލްތަކާއި ރޭޑިއޯ ސްޓޭޝަންތަކުން ގެނެސްދޭ ކަވަރޭޖް މޮނިޓާކުރުމުގެ މަސައްކަތް ބްރޯޑްކާސްޓިން ކޮމިޝަނުން ފެށުމާ ގުޅިގެން އެ ކޮމިޝަންގެ ޕަބްލިކް ރިލޭޝަން ކޯޑިނޭޓާ އީމަން އަންވަރު "ސަން"އަށް ވިދާޅުވީ އިންތިހާބާ ބެހޭ އާންމު ގާނޫނުގެ ދަށުން ބްރޯޑްކާސްޓަރުންގެ އޮންއެއާ ޓައިމްގައި ކެންޑިޑޭޓުންނަށް ވިއްކާ ވަގުތާއި "ޕްރައިމް ޓައިމް" ފޮނުވާ ކޮންޓެންޓް މޮނީޓާ ކުރާނެ ކަމަށެވެ. އެގޮތުން ކެންޑިޑޭޓަކަށް ދޭން ކަނޑައަޅާ ވަގުތަށް ވުރެ 10 ޕަސެންޓް އިތުރުވޭތޯ ބަލާނެ ކަމަށާއި އެއަށް ވުރެ އިތުރުވާ ނަމަ އަޅާނެ ފިޔަވަޅަކާ މެދު އިލެކްޝަންސް ކޮމިޝަނާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް އީމަން ވިދާޅުވި އެވެ.
"ރިޔާސީ އިންތިޚާބު މޮނިޓަރކުރުމުގެ ގޮތުން ކޮމިޝަނުން މޮނިޓާކުރަން ހަމަޖެހިފައި ވަނީ ކެންޑިޑޭޓުންނަށް ރޭޑިއޯ/ޓީވީ ސްޓޭޝަންތަކުން 'ޑިރެކްޓް އެކްސަސް'ގެ ގޮތުގައި ދޫކުރާ ވަގުތާއި ޓީވީ ސްޓޭޝަންތަކުގެ 'ޕްރައިމް ޓައިމް' ކަމުގައިވާ ކޮންމެ ރެއަކު 08:00 އިން 11:00 އަށް ފޮނުވާ ކޮންޓެންޓް" ބްރޯޑްކާސްޓިން ކޮމިޝަނުން އާއްމު ކުރި ލިޔުމެއްގައިވެ އެވެ.
ޑިރެކްޓް އެކްސަސް މޮނިޓާކުރުމުގައި އިންތިޚާބާ ބެހޭ އާއްމު ޤާނޫނުގައިވާ ގޮތުގެ މަތިން ހުރިހާ ކެންޑިޑޭޓުންނަށް ވަގުތު ދޫކުރުމުގައި ހަމަހަމަކަމާ އެކު ވަގުތު ދޫކޮށްފައިވޭތޯ ވެސް ބަލާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ކޮމިޝަނުން ބުނީ ޕްރައިމްޓައިމް މޮނިޓާ ކުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ޕްރައިމް ޓައިމްގައި ގެންނަ ހަބަރު އަދި ޕްރޮގްރާމްގެ އިތުރުން ސަރުކާރާއި ކެންޑިޑޭޓުންނަށާއި އިލެކްޝަން ކޮމިޝަނަށް ދީފައިވާ ވަގުތާއި އަދި އެ ފަރާތްތަކުގެ ކަވަރޭޖް ގެނެސްފައި ވަނީ ޕޮޒިޓިވް، ނިއުޓުރަލް އަދި ނެގެޓިވް ޓޯނެއްގައިތޯ މޮނިޓާ ކުރާނެ ކަމަށެވެ.
ކޮމިޝަނުން ހާމަ ކުރި ގޮތުގައި ޕްރައިމް ޓައިމް މޮނިޓާ ކުރުމަށް ހަމަޖެހިފައި ވަނީ ދިހަ ޗެނަލެވެ. އެއީ ޕަބްލިކް ސާވިސް ބްރޯޑްކާސްޓަރު ޓީވީއެމާއި ކޮމާޝަލް ސްޓޭޝަންތައް ކަމުގައިވާ ވީޓީވީ، ދިޓީވީ ރާއްޖެޓީވީ، ދިއެފްއެމް ޕްލަސް، ސަންޓީވީ ޕްލަސް، ޗެނަލް13، ޗެނަލްވަން، ޖަޒީރާ ޓީވީ އަދި ޔެލް ޓީވީ ކޮންޓެންޓް މޮނީޓާ ކުރާނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބަކީ ކޮމިޝަން ވުޖޫދަށް އައުމުގެ ފަހުން ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބު ކަމަށްވުމާ އެކު ބްރޯޑްކާސްޓަރުންނާ ގެނެސްދޭ ކޮންޓެންޓާ ބެހޭ ރިޕޯޓެއް ތައްޔާރުކޮށް އާންމުކުރުމަށް ވެސް އެ ކޮމިޝަނުން ވަނީ ނިންމާފަ އެވެ.
ރިޔާސީ އިންތިޚާބު މޮނިޓާ ކުރުމުގެ ގޮތުން ކޮމިޝަނުގެ މުވައްޒަފުންގެ ތެރޭގައި ވަނީ ހާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާ ލާފަ އެވެ. އަދި ކޮމިޝަނުގެ ރަސްމީ ގަޑި ވަނީ ހެނދުނު 8:00 އިން 16:00 އަށް ހަމަޖައްސާ ކޮންމެ ހޮނިހިރު ދުވަހަކު 10:00 އިން 15:00 މަސައްކަތްކުރާ ގޮތަށް ހަމަޖައްސާފަ އެވެ.