ވެނެރުޒުއޭލާ ސަރުކާރުގެ އެންމެ ބޮޑު ތެޔޮކުންފުނި ޕެޓްރޯލިއެސް ޑި ވެނެޒުއޭލާ އެސް އޭ (ޕީޑީވީއެސްއޭ)ގެ ތެޔޮސާފުކުރާ ކާރުޚާނާއަކަށް ހޮނު އެޅުމުގެ ސަބަބުން އަލިފާންރޯވެ، ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ.

ރަޝިޔާގެ "ރަޝިޔާ ޓްޑޭ" (އާރްޓީ) ނޫހުން ބުނީ ކާރުޚާނާގައި އަލިފާން ރޯވުމުން ވަރަށް އަވަހަށް އެސަރަހައްދުން މީހުން ހުސްކުރި ކަމަށެވެ. ވެނެޒުއޭލާގެ އިންފޮމޭޝަން މިނިސްޓަރު ޑެލްސީ ރޮޑްރިގޭޒްއާ ހަވާލާދީ ނޫހުން ބުނީ ކާރުޚާނާގައި ރޯވި އަލިފާނުގެ ސަބަބުން އެއްވެސް މީހަކު މަރުނުވާ ކަމަށާ މީހަކަށް އަނިޔާ ވެސް ނުވާ ކަމަށެވެ.

"ފުރާނައެއް ގެއްލިފައެއް ނުވޭ، މީހަކަށް އަނިޔާއެއް ވެސް ނުވޭ، މީހުން ހުސްކުރުމަކީ ހަމަ އެކަނި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރި ކަމެއް،" ރޮޑްރިގޭޒް ވިދާޅުވެފައިވެ އެވެ.

ޕީޑީވީއެސްއޭގެ ނައިބު ރައީސް އަސްދުރަބަލް ޗާވޭޒްއާ ހަވާލާދީ ބުނީ ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތު ކާރުޚާނާގައި ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

ރެކޯޑް މިންވަރެއްގެ އަވަސްމިނުގައި އަލިފާން ނިއްވާލާފައި ވާތީ އަލިފާން ނިވާމީހުންނަށް، އަސްދުރަބަލް ޗާވޭޒް މަރުހަބާ ދަންނަވާފައިވާ ކަމަށް އާރްޓީ ނޫހުން ބުންޏެވެ.

ވެނެޒުއޭލާގެ ތެޔޮސާފުކުރާ އެންމެ ބޮޑު ކާރުޚާނާގައި މިދިޔަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި 40 މީހުން މަރުވި އެވެ.

ވެނެޒުއޭލާގެ ޕުއެރްތޯ ލާ ކްރޫޒް ނަމަކަށް ކިޔާ ރަށުގައި ހުންނަ އެކާރުޚާނާއިން ދުވާލަކު 200،000 ފީފާ ތެޔޮ ސާފުކުރެ އެވެ. އިއްޔެ ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން އެތަނުގެ އުފެއްދުންތެރިކަމަށް އެއްވެސް އަސަރެއް ނުކުރެ އެވެ.