12 Aug 2013, 10:42
އަގު ހެޔޮކޮށް ދަތުރުތައް ކޮށްދޭ ދުބާއީގެ އެއާލައިނެއް ކަމަށްވާ "ފްލައިދުބާއީ" ރާއްޖެ އަށް ކުރާ ދަތުރުތަކުގައި ބިޒްނަސް ކްލާސް ތައާރަފްކޮށްފިކަމަށް ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް، އިނަ މޯލްޑިވްސް އިން ބުނެފި އެވެ.
އިނަމޯލްޑިވްސް އިން ބުނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ފްލައިދުބާއީގެ ބައެއް އެއަކްރާފްޓްތަކަށް ތައާރަފްކުރި ބިޒްނަސް ކުލާހުގެ ހިދުމަތާ އެކު ރާއްޖެ އަށް ދަތުރު ކުރާ ފުރަތަމަ ފްލައިޓް އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް ހަމަޖެހިފައި ވަނީ، މާދަމާ ރޭ ދަންވަރު 12:45ގައި ކަމަށެވެ.
ފްލައިދުބާއީގެ ދަތުރުތައް އެ އެއާލައިންގެ ބޯއިން 737-800ގެ ފްލައިޓްތަކަށް މިދިޔަ ޖޫން މަހުގެ 19 ވަނަ ދުވަހު ތައާރަފް ކޮށްފައިވާ އިރު ބިޒްނަސް ކްލާހުގައި ދަތުރު ކުރާ ފަރާތްތަކަށް ލިބިދޭ ހާއްސަ އިނާޔަތްތަކުގެ ތެރޭގައި އާދައިގެ ގޮނޑިތަކަށް ވުރެ، ޖާގައިގެ ގޮތުން ބޮޑު އަދި އަރާމު ގޮޑިއަކާއި ދަތުރުމަތީގައި ފިލްމް ބާލާލުމަށް 12.1 އިންޗީގެ ޓަޗް ސްކްރީން ޕްލޭޔަރަކާއި، ލެޕްޓޮޕް އަދި އެފަދަ އާލާތްތައް ޗާޖު ކުރުމަށް "ޕަވަސަޕްލައި"އާއި ބައިނަލްއަގްވާމީ ފެންވަރުގެ ކެއުން ލިބޭއިރު ހިދުމަތްދިނުމަށް ހާއްސަ ކެބިން ކުރޫއިން ތިބޭނެ އެވެ.
ފްލައި ދުބާއީގެ ސީއީއޯ ގައިސް އަލް ގައިސް ވިދާޅުވީ ލޯބަޖެޓް އެއާލައިނުން ބިޒްނަސް ކްލާހުގެ ހިދުމަތް ތައާރަފްކުރީ، އެ އެއާލައިންގެ ކަސްޓަމަރުން އެކަމަށް ވަރަށް ބޮޑަށް އެދެމުންދާތީ ކަމަށާއި ބިޒްނަސް ކްލާހުގައި ދުބާއީ އަށް ދަތުރު ކުރެވޭނޭ ގޮތެއް ނެތް ގިނަ މަންޒިލްތަކެއް ހުރުމުން ކަމަށެވެ. އަދި އެ އެއާލައިން އިން ބިޒްނަސް ކްލާސް ތައާރަފް ކުރި ނަމަވެސް އެހެން އެއާލައިންތަކާ އަޅާކިޔާ އިރު ބިޒްނަސް ކްލާހުގެ އަގުތައް މާ ބޮޑު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިދުމަތް ދޭންފެށިތާ އަދި ހަތަރު އަހަރުވެސް ނުވާ ދުބާއީގެ ލޯ ބަޖެޓް އެއާލައިންގެ ދަތުރުތައް މިހާރު ވެސް ދުނިޔޭގެ 60 މަންޒިލަކަށް ކުރަމުން ގެންދާ އިރު އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ފަށާފައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އެވެ.