ތ. ގާދިއްފުއްޓަށް އެހެލާފައި ހުރި ދޯނި ސާވިސްގެ ފެރީއެއް ބޭލުމަށް ދެކޮޅުހެދި އެ ރަށު ބަޔަކާ ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި ބައެއް މީހުނަށް އަނިޔާވެފައިވެ، އަދި ބައެއް މީހުން ހައްޔަރުކުރި ކަމަށް އެ ރަށު ބައެއް މީހުން ބުނެފި އެވެ.


ތ. ގާދިއްފުށިން ވާހަކަ ދެއްކި ތިން މީހަކު މިއަދު ސަން އޮންލައިނަށް ބުނީ ދޯނި ސާވިސްގެ ފެރީއެއް އެ ރަށުން ބޭލުމަށް ދެކޮޅުހެދި، އެ ރަށުގެ ގިނަ އަދެއްގެ ރައްޔިތުންނަށް ފުލުހުން ބޮޑެތި އަނިޔާތަކެއް ކޮށްފައިވާ ކަމަށާއި އެމީހުން ދޯނި ސާވިސްގެ ފެރީ ކައިރީގައި ތިއްބައި ފުލުހުން އައިސް އެއްވެސް އިންޒާރަކާ ނުލައި "މިތަނުން ރައްކާވާށޭ" ބުނެ އެ މީހުނަށް ގޯނާކޮށްފައިވާ ކަމަށެވެ.


"ފުލުހުންގެ 50 ވަރަކަށް މީހުން ލޯންޗެއްގައި އައިސް އެއްވެސް އިންޒާރެއް ނުދީ އައިގޮތަށް އައިސް ބުނީ ރައްކާވާށޭ. އަންހެނަކަށް ކުޑަ ކުޑަކުއްޖަކަށް ވެސް ނުބަލައި. އަށާރަ އަހާރު ނުފުރޭ ބައެއް ކުދިން ވެސް ހައްޔަރު ކޮށްގެން ގެންދިޔައީ. އަޅުގަނޑު ވެސް ބިޑި އަޅުވައިގެން ގެންދިޔަ. އަދިވެސް ގައިގެ އެކިތަންތަން ރަތްވެފައި އެބަހުރި،" ވޭމަންޑު އަށް ގެންދިއުމަށް ފަހު ދޫކޮށްލި އެ ރަށު އަބްދުﷲ މައޫޒް ކިޔާ މީހަކު ބުންޔެވެ.


ގާދިއްފުށީ ބަޔަކު ނުކުމެ ދޯނި ސާވިސްގެ ދޯނި ބޭލުމަށް ދެކޮޅު ހެދީ، އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި، ސަރުކާރުން އެ ރަށު ރައްޔިތުންނަށް ހަދިޔާކޮށްފައި ހުރި މަސްދޯނި، ދޯނި ސާވިސް އަށް ކުއްޔަށް ދީފައި ވަނިކޮށް އެ މީހުން ކުލި ނުދައްކައި އޮއްވައި ދޯނި ހަލާކުވަމުންދާތީ އެވެ.


"އަޅުގަނޑުމެން އެއްވެ ތިބީ ދޯނި ބޭލިޔަނުދިނުދޭން. ބައެއް މީހުން ތިބި ދޯނި ކުރިމަތީ އޮށޯވެގެން ވެސް. ޖަޕާނު ސަރުކާރުން އަޅުގަނޑުމެން ރަށު ރައްޔިތުންނަށް ހަދިޔާކޮށްފައި އޮތް ދޯންޏެއްގެ ކުލިނުދޭތާ ދެ އަހަރު ދުވަސް ވެއްޖެ. ދޯނި ފަޅުތެރޭގައި އޮވެ ހަލާކުވެގެން ދަނީ. އިންޖީނަށް ވެސް ފެންވަދެ މުޅިން ހަލާކު ވެއްޖެ. ބުރަފަތި ވެސް ބަނޑިވެފައި ހުރީ،" ދޯނިސާވިސްގެ ފެރީ ފުލުހުންގެ އެހީތެރިކަމާ އެކު ރޭ ވަނީ ބާލައިފަ އެވެ. ނަމަވެސް  އަދިވެސް އެ ރަށުގައި ފުލުހުން ހަރަކާތެރިވަމުން އަންނަ ކަމަށް އެރަށު މީހުން ބުނެ އެވެ. ފުލުހުންގެ މީޑިއާ ކޯޑިނޭޓަރު ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ގާދިއްފުއްޓަށް އެހެލާފައި ހުރި ދޯންޏެއް ބޭލުމުގައި ދޯނީގެ ވެރިފަރާތާއި ރަށު ރައްޔިތުންނާ ދެމެދު ހަމަނުޖެހުމެއް ހިނގާފައި ވާތީ އެ މައްސަލަ ހައްލުކުރުމަށް ގާދިއްފުއްޓަށް ފުލުހުން ދިޔަ ކަމަށެވެ. 


އެރަށު މީހަކު ބުނި ގޮތުގައި ދޯނި ބޭލުމަށް ދެކޮޅު ހެދި އަށް މީހަކު ފުލުހުން ހައްޔަރުކޮށްގެން ވޭމަންޑު އަށް ގެންދިޔަ އެވެ. ނަމަވެސް ފުލުހުން ބުނީ ހައްޔަރު ކުރި އެންމެން ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި ފުލުހުން ބުނީ އެއްވެސް މީހަކަށް އަނިޔާ ނުކުރާ ކަމަށެވެ.


ގާދިއްފުށީ ކުޑަކަތީބު މުހައްމަދު އަޒްހީމް ވިދާޅުވީ އެ ރަށު ރައްޔިތުންނަށް ޖަޕާނު ސަރުކާރުން ހަދިޔާ ކޮށްފައި އޮތް ދޯނި، ދޯނި ސާވިސް އިން ކުއްޔަށް ހިފާފައި ވަނީ މަހަކަށް ގާތްގަނޑަކަށް 63000ރ. އަށް ކަމަށެވެ. އަދި އޭނާ ވިދާޅުވީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އެއްގޮތަކަށް ވެސް  ދޯނިން ކުލި ނުލިބޭ ކަމަށެވެ. އެ ރޭޓުން ބަލާ އިރު ދޯނި ސާވިސް އިން އެ ރަށު ރައްޔިތުންނަށް ދޭން ޖެހޭ ފައިސާގެ އަދަދު 1.32 މިލިއަނަށް ވަނީ އަރާފައިވާ ކަމަށް ވެސް އެ ރަށު މީހަކު ބުންޏެވެ.


ދޯނިސާވިސް އިން ފޯނު ނުނަގާތީ އެ ފަރާތުގެ ބަހެއް އަދި ލިބޭގޮތް ނުވެފަ އެވެ.