12 Aug 2013, 09:44
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގައި ރޭ ކުޅުނު ދެމެޗުގެ ތެރެއިން ފުރަތަމަ މެޗުން މައްޗަންގޯޅީ ވިދުވަރު އަދި ދެވަނަ މެޗުން ގުލްޒާރު މޮޅުވެ ކުއާޓާފައިނަލްގެ އުންމީދު އާކޮށްފި އެވެ.
ވިދުވަރު ރޭގެ މެޗު ކާމިޔާބުކުރީ ގްރޫޕް ސީގެ ގޮއިދޫ ޔޫތު ސޮސައިޓީއާ ވާދަކޮށް 37 ލަނޑު 32 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
ރޭ ކުޅުނު ގްރޫޕް އޭ ގެ މެޗު ގުލްޒާރު ޓީމް ކާމިޔާބުކުރީ ގަދަމޫ ޓީމާއާއި ވާދަކޮށް 37 ލަނޑު 22 ލަނޑު ތިން ފޯލިންނެވެ.
ގްރޫޕް ސްޓޭޖްގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ޖުމުލަ ނަތީޖާއަށް ބަލާއިރު ތިން މެޗު ކުޅެގެން ލިބުނު ހަ ޕޮއިންޓް 94 ލަނޑާއެކު ގްރޫޕް އޭ ގެ އެއްވަނައިގައި އޮތީ ގުލްޒާރު އެވެ. ހަ ޕޮއިންޓް 83 ލަނޑާއެކު ނިއުސްޓާ ދެވަނައިގައި އޮތް އިރު ކުޅުނު ދެ މެޗުން މޮޅުވެ ހަޕޮއިންޓް 69 ލަނޑާއެކު ތިން ވަނައިގައި އޮތީ ފީއަލި އެކުވެރި ޒުވާނުންގެ ގުޅުމެވެ. އެ ގްރޫޕުގެ ސްޓާއާއި ގަދަމޫއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
ގްރޫޕް ބީގެ އެއްވަނައިގައި ހުޅުމާލޭ ވިމެންސް ސްޕޯޓްސް އޮތީ ތިން މެޗު ކުޅެގެން ހަ ޕޮއިންޓް 84 ލަނޑާއެކު އެވެ. ދެވަނައިގައި ހަ ޕޮއިންޓް 61 ލަނޑާއެކު ކާމިނީ ސްޕޯޓްސް އޮތް އިރު ތިން ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ ހުޅުމާލޭ ވިމެންސް ސްޕޯޓްސް މާރަނިއެވެ. އެ ގްރޫޕްގެ ހެންވޭރު ނޫމާއާއި ހުވަނދުމާ ޓީމަށް ޕޮއިންޓެއް ނުލިބެ އެވެ.
ގްރޫޕް ސީއަށް ބަލައިލާއިރު ތިން މެޗު ކުޅެގެން ހަ ޕޮއިންޓް 99 ލަނޑާއެކު ގްރޫޕްގެ އެއްވަނައިގައި އޮތީ ގޮއިދޫ ޔޫތު ސޮސައިޓީއެވެ. ހަ ޕޮއިންޓް 69 ލަނޑާއެކު މައްޗަންގޯޅީ ވިދުވަރު ދެވަނައިގައި އޮތް އިރު ތިން ޕޮއިންޓާއެކު ތިންވަނައިގައި އޮތީ ބަނޑިދޫ ބަށިޓީމް އެވެ. ހަވަރު ސްޕޯޓްސްއާއި މައްޗަންގޯޅީ އަރާތަރިއަށް ޕޮއިންޓެއް ލިބިފަ އެއް ނުވެ އެވެ.
ގްރޫޕް ޑީ ގެ ނަތީޖާއަށް ބަލާއިރު ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއެކު އެއްވަނައިގައި އޮތީ އޭދަފުށީ އަންހެނުންގެ ރޫހު އެވެ. ތިން ޕޮއިންޓާއެކު ދެވަނައިގައި މުޑި ޖަމިއްޔާ ބަށިޓީމް އޮތްއިރު ޕޮއިންޓެއް ނުލިބި 20 ލަނޑާއެކު ތިންވަނައިގައި އޮތީ ހެންވޭރު ތަރިއެވެ. އަދި 18 ލަނޑާއެކު ހަތަރުވަނަ ލިބެނީ ހޯނޑެއްދޫ ޗެލެންޖް އަށެވެ.
ހަތަރު ގްރޫޕަކަށް ބާހާލައިގެން ގްރޫޕް ސްޓޭޖް ކުޅުން ނިމޭއިރު ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް މުބާރާތުގެ ކުއާޓާ ފައިނަލަށް ދާނެ އެވެ.