ޤާހިރާ (އޮގަސްޓް 12): މަޤާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުން ޤާހިރާގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނާއި ނަހްޒާ މައިދާނުގައި މީގެ ސާޅީހަކަށް ދުވަސްކުރިން ފެށިގެން ކުރިޔަށްގެންދާ އިޙްތިޖާޖްތައް ރޫޅާލުމުގެ މަސައްކަތް މިއަދު ހެނދުނު މިސްރުގެ ސަލާމަތީ ބާރުތަކުން ފަށާނެ ކަމަށް ޚަބަރު ލިބިއްޖެ އެވެ.

މިސްރުގެ އަމްނާ ބެހޭ ދާއިރާތަކާ ޙަވާލާދީ ބައިނަލްއަޤްވާމީ ޚަބަރު ފަތުރާ ވަސީލަތްތަކާއި ނޫސްއެޖެންސީތައް ބުނާގޮތުން އިއްޔެއިން ފެށިގެން މިސްރުގެ ސަލާމަތީ ބާރުތައް ގެންދަނީ މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުގެ ދިގުލީ މުޒާހަރާތަކާއި އިޙްތިޖާޖްތައް ރޫޅާލުމަށް ތައްޔާރުވަމުންނެވެ. ރިޕޯޓްތައް ބުނާ ގޮތުން މުރުސީ އަލުން ވެރިކަމަށް ގެނައުމަށް ގޮވާލައި އޭނާ އަށް ތާއީދުކުރާ ދެތިން ހަތަރު ލައްކައެއްހާ މީހުން ޤާހިރާގެ މަދީނަތުއްނަސްރުގެ ރާބިޢާ އަލްޢަދަވިއްޔާ މައިދާނާއި ޖީޒާ ސަރަހައްދުގައިވާ ނަހްޒާ މައިދާނުގައި ކުރިޔަށް ގެންދާ އިޙްތިޖާޖްތައް ރޫޅާލުމަށް ސަލާމަތީ ބާރުތަކުން ރާވާފައި ވަނީ މަރްޙަލާތަކަކަށް ބަހާލައިގެން އެކަން ކުރުމަށެވެ.

ބާރުގެ ބޭނުންކުރުމަށް ވެސް ރާވާފައި ވަނީ ކުއްލިގޮތަކަށް ނޫންކަމަށާ އެކިފަހަރުމަތިން ކަމަށާ އިޙްތިޖާޖްތައް ރޫޅާލުމުގެ އެންމެ ފުރަތަމަ މަރްޙަލާއެއްގެ ގޮތުން އެދެމައިދާނުގެ ވަށައިގެން ސަލާމަތީ ސަރަހައްދެއް ޤާއިމްކޮށް އެދެމައިދާނަށް މީހުން ވަނުން މަނާކުރުމާއި ކާބޯތަކެއްޗާއި ފެންފަދަ ތަކެތި ވެއްދުން މަނާކުރުން ހިމެނޭ ކަމަށްވެ އެވެ. މި އިޙްތިޖާޖްތައް ރޫޅާލުމަށް މިސްރުގެ ސަލާމަތީ ބާރުތަކުން ކުރާ މަސައްކަތުގައި މުރުސީއަށް ތާއީދުކުރާ ފަރާތްތަކާ ކުރިމަތިލުންތައް ހިނގައި ގިނަ އަދަދެއް ބަޔަކު މަރުވެ އަދި ޒަޚަމްވެގެންދާނެ ކަމަށްވަނީ ލަފާކުރެވިފަ އެވެ.

ރާބިޢާ އަލްޢަދަވިއްޔާ މައިދާނުގައި މުރުސީއަށް ތާއީދުކުރާ ފަރާތްތަކުން ކުރިޔަށްގެންދާ އިޙްތިޖާޖްތައް ރޫޅާލުމަށް މީގެކުރިންމިސްރުގެ ސިފައިން ބާރުގެ ބޭނުންކުރުމުގެ ސަބަބުން މުރުސީ އަށް ތާއީދުކުރާ މީހުންގެ ތެރެއިން 261 މީހަކު މަރުވެފައިވެ އެވެ. މިބައިމީހުންގެ މަރުގެ ޒިންމާ އުފުއްލަވަން ޖެހޭނީ މިސްރުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ ކަމަށާ އޭނާ އަށް މިކަމުން ސަލާމަތް ނުވެވޭނެ ކަމުގެ އިންޒާރު މުރުސީގެ އިޚްވާނުލްމުސްލިމޫން ޖަމާއަތުން ވަނީ ދީފަ އެވެ.

އިޚްވާން ޖަމާއަތަކީ މިސްރުގެ ސިޔާސީ އެންމެ ބޮޑު ބާރެވެ. މުރުސީ އަލުން ވެރިކަމަށް ގެނައުމަށް ގޮވާލައި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ކުރަމުން ގެންދާ އިޙްތިޖާޖްތައް ދިގުލައިގެންދާތީ އޭނާ މަޤާމުން ދުރުކުރި މިސްރުގެ ސިފައިންނާއި ސިފައިންގެ ބެލުމުގެ ދަށުން އެކުލަވާލާފައިވާ ވަގުތީ ސަރުކާރުގެ ވެރިން ކަންބޮޑުވެފައިވާ ކަމަށް މުރާސިލުން ބުނެ އެވެ.
މުރުސީ އަށް ތާއީދުކުރާ ފަރާތްތަކުގެ އިޙްތިޖާޖްތައް ރޫޅާލުމުގެ މަސައްކަތް މިސްރުގެ ސަލާމަތީ ބާރުތަކުން މިއަދު ހެނދުނު ފަށާނެކަމުގެ ޚަބަރު ލިބިފައި މިވަނީ މިކަމުގެ ސަބަބުން ގިނަ އަދަދެއް ބަޔަކު މަރުވެ އަދި ޒަޚަމްވެގެންދާނެތީ މިކަން ނުކުރުމަށް މިސްރުގެ އެތެރެއިން ނާއި ބޭރުން ވަގުތީ ސަރުކާރަށާއި ސިފައިންނަށް އިލްތިމާސް ކުރަމުން ގެންދާ ވަގުތެއްގަ އެވެ. (އަލްޖަޒީރާ)