ނޯވޭގެ ވެރިރަށް އޮސްލޯގައި އެ ގައުމުގެ ބޮޑުވަޒީރު ޔެންސް ސްޓޮލްޓެންބާގު ޓެކްސީ ޑުރައިވަރެއްގެ ގޮތުގައި އެއް ދުވަހު މަސައްކަތްކޮށްފި އެވެ.

ސްޓޮލްޓެންބާގު ވިދާޅުވީ ޓެކްސީ ޑުރައިވަރެއްގެ ގޮތުގައި މަސައްކަތްކުރީ ވަގަށް ކަމަށާއި އެއީ އާއްމު ރައްޔިތުންގެ ހިޔާލު ހުރި ގޮތް ހޯދުމަށް ކުރި ކަމެއް ކަމަށެވެ.

މިދިޔަ ޖޫން މަހު ސްޓޮލްޓެންބާގު މި މަސައްކަތް ކޮށްފައި ވަނީ ކަޅު އައިނެއް އަޅައިގެން، ޓެކްސީ ޑުރައިވަރުން ލާ ކަހަލަ ޔުނިފޯމެއް ލައިގެން ނެވެ.

ޑުރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރި އިރު، ދަތުރުވެރިންނާ އެކު ސްޓޮލްޓެންބާގު ދެއްކި ވާހަކަތައް ނޯވޭގެ އެޑްވަޓައިޒިންގް އެޖެންސީއަކާ ގުޅިގެން ރެކޯޑުކުރުމަށް ފަހު، ސްޓޮލްޓެންބާގުގެ ފޭސްބުކު ޕޭޖަށް އެ ވީޑިއޯ މިހާރު ވަނީ ލާފަ އެވެ.

"އާއްމު ރައްޔިތުންގެ ވިސްނުމާއި ފިކުރު ހުރި ގޮތް މުހިއްމު. ހަގީގަތް އެއްވެސް އޮޅުވާލުމެއް ނެތި އާއްމުން ކިޔައިދެނީ ތަނަކީ ޓެކްސީ ދަތުރުތަކުގައި ޑުރައިވަރުންނަށް،" ނޯވޭގެ މީޑިއާއަށް މައުލޫމާތުދެމުން ސްޓޮލްޓެންބާގު ވިދާޅުވި އެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި ގިނަ ދަތުރުތަކުގައި މީހުން ދައްކަނީ ސިޔާސީ ވާހަކަ އެވެ. އަދި ދަތުރުކުރާ މީހާއަށް ޑުރައިވަރަކީ ސްޓޮލްޓެންބާގު ކަމަށް ޝައްކުވުމުން، އެކަން ކަށަވަރުކޮށްދެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސްޓޮލްޓެންބާގު ކާރެއް ދުއްވާފައި ވަނީ އަށް އަހަރު ދުވަހަށް ފަހު އެވެ. މިދަތުރުތަކަށް ދަތުރުވެރިންގެ އަތުން ސްޓޮލްޓެންބާގު ފައިސާ ހޯދާފަ އެއް ނުވެ އެވެ.