ޕީޕީއެމް އިން މިރޭ ކުޅުދުއްފުށީގައި ބާއްވާ ޖަލްސާ އަށް އެ އަތޮޅު ކުރިނބީން ދަތުރުކުރި ދޯންޏެއް ކުޅުދުއްފުށީ ފަރަށް އަރައި ގެއްލުންތަކެއްވެއްޖެ އެވެ.

މިރޭ ސަން އަށް މައުލޫމާތު ދެއްވި ކުރިނބީ، ސޫރަޖު، އަލީ ވިސާމު ވިދާޅުވީ އެ ރަށު "ހިދުމަތް" ދޯނި ކުޅުދުއްފުށީ ފަރަށް އެރީ، އެ ރަށު ނެރުން ވަންނަނިކޮށް ކަމަށެވެ. އަދި އޭނާ ވިދާޅުވީ ދޯނި ފަރަށް އެރުމުން އެ ދޯނީގައި ތިބި ބައެއް މީހުން ފަތާފައި ގޮސް ކުޅުދުއްފުށިން ދޯންޏެއް ގެނެސް ކުޑަކުދިންނާއި އަންހެނުން ފުރަތަމަ ސަލާމަތް ކުރި ކަމަށެވެ.

އޭނާ ވިދާޅުވީ ދޯނި ފަރަށް އެރުމުން ދޯނި ވަނީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި އަދި ދޯނި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ.

ސަން އޮންލައިނަށް މައަލޫމާތު ދެއްވަމުން ކުރިނބީ ކައިންސިލްގެ ރައީސް މުހައްމަދު އަފްރާޙް ވެސް ވިދާޅުވީ މިރޭ ކުޅުއްދުއްފުށީގައި ބާއްވަމުން ގެންދާ ޕީޕީއެމްގެ ޖަލްސާ އަށް ދިއުމަށް ޓަކައި އެ ރަށުން ދަތުރު ކުރި ދޯނި ފަރަށް އަރާފައިވާ ކަމަށެވެ. އަދި މިހާރު އެ ދޯނީ ފުލުހުންނާއި އެމްއެންޑީއެފް އަދި އާންމު ރައްޔިތުންގެ އެހީތެރިކަމާ އެކު ފުންކޮށްފައިވާ ކަމަށެވެ.

އަފްރާޙް ވިދާޅުވީ އެ ދޯނިން ދަތުރު ކުރީ 45 މީހުން ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށާއި އަދި އެ މީހުންނަށް މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަރުވާ ދެމުންގެންދާ ކަމަށް ވެސް ވިދާޅުވި އެވެ.

އަފްރާހް އިތުރަށް ވިދާޅުވީ ފަރަށް އެރި ދޯނި މިހާރު ވަނީ ބޭނުން ކުރެވޭނެ ހާލަތެއްގައި ނޫން ކަމަށާއި ދޯންޏަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ދޯނި ކުރިބީން ފުރާފައި ވަނީ 7.15 ގައި ކަމަށާއި އަދި އެ ދޯނީ ފަރަށް އަރާފައި ވަނީ 8.00 އެހާކަށްހާއިރު ކަމަށެވެ.

ސަން އަށް މައުލޫމާތު ދެއްވި ކުނރިބީގެ ރައްޔިތަކު ވިދާޅުވީ އެ ދޯނީން ދަތުރުކުރި މީހުންގެ ތެރެއިން އަނިޔާވެފައި ވަނީ ތިން މީހުންނަށް ކަމަށެވެ. އެއީ ދެ ފިރިހެނުންނާއި އެއް އަންހެނަކަށް ކަމަށެވެ.

އެ ދޯނި ފަރަށް އަރައި ގެއްލުންތަކެއް ވެފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. އަދި އެމްއެންޑީއެފުން ބުނީ އެ ދޯނި ކުޅުދުއްފުއްޓަށް އެރުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.