ރޮބިން ވެން ޕާސީ ޖަހައިދިން ދެ ލަނޑުން ވިގަން އެތުލެޓިކް 2-0 އިން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް، އިނގިރޭސި އެފްއޭ ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކޮށްފި އެވެ.

މިރޭ ލަންޑަންގެ ވެންބްލީގައި ހުސްވި އަހަރުގެ އެފްއޭ ކަޕް ޗެމްޕިއަންއާ ދެކޮޅަށް އިނގިރޭސި ލީގު ޗެމްޕިއަން ކުޅު މެޗުގެ ފުރަތަމަ ލަނޑު ވެންޕާސީ ކާމިޔާބުކުރީ މެޗުގެ ހަ ވަނަ މިނިޓުގައި ވިގަންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ޕެޓްރިސް އެވްރާ ނަގައިދިން ރީތި ހުރަހެއް ބޮލުންޖަހައި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ޔުނައިޓެޑްގެ ދެވަނަ ލަނޑު މެޗުގެ 59 ވަނަ މިނިޓުގައި ވެން ޕާސީ ކާމިޔާބު ކުރީ ޑެނީ ވެލްބެކް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ ބޮޑު ބައެއްގައި ޔުނައިޓެޑުގެ ކުޅުން ވަރުގަދަ ކަމަށް ފެނިގެން ދިޔަ ނަމަވެސް ދެވަނަ ޑިވިޝަންގެ ވިގަންއިން، ޔުނައިޓެޑްގެ ކުޅުންތެރިން ހާސްކަމުގެ ތެރެއަށް ފޮނުވާލި ވަގުތުތައްވެސް ދިޔައެވެ. އެހެން ނަމަވެސް މުޅިމެޗުގައިވެސް ވިގަންއަށް ޔުނައިޓެޑްގެ ގޯލަށް އަމާޒު ކުރެވިފައިވަނީ އެންމެ ހަމަލާއެކެވެ.

މިރޭ ވެންޕާސީ ކާމިޔާބު ކުރި ދެ ލަނޑާއެކު ޕްރިމިއާ ލީގުގެ މިދިޔަ ސީޒަންގެ ޓޮޕް ސްކޮރާ ވަނީ، ވިގަންއާ ދެކޮޅަށް އޭނާ އެންމެ ފަހުން ކުޅުނު ހަމެޗުގައި ހަތް ލަނޑު ކާމިޔާބު ކޮށްފަ އެވެ.

މިރޭގެ ކާމިޔާބަކީ ޔުނައިޓެޑްގެ އާ ކޯޗް ޑޭވިޑް މޮއިސްއަށް 2000 ވަނަ އަހަރު ޕްރިސްޓަން ނޯތު އެންޑާއެކު ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދިފަހުން ކޯޗު ކަމުގައި މިހާތަނަށް ލިބުނު ފުރަތަމަ ކާމިޔާބެވެ.

ޕްރިމިއާ ލީގުގައި އަންނަ ހަފްތާގެ ހޮނިހިރު ދުވަހު ސުވަންސީއާ ދެކޮޅަށް ޔުނައިޓެޑް ނުކުންނަ އިރު ވިގަން ވާދަކުރާނީ ދެވަނަ ޑިވިޝަންގެ ބޯންމައުޘްއާ ދެކޮޅަށެވެ.