11 Aug 2013, 22:42
އަންނަ މަހުގެ 7 ވަނަ ދުވަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ބަހައްޓާނެ ވޯޓް ފޮށީގެ އަދަދު އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ރަޖިސްޓްރީ ވުމަށް އެދި ހުށަހަޅާފައިވާ ގިނަ އަދަދެއްގެ ފޯމްތަކެއް މިއަދު ހަވީރު ޗެކްކޮށް ނިމުނު އިރު ވޯޓް ފޮށި ކުރިން ބަހައްޓަން ނިންމާފައިވާ އަދަދަށް ބަދަލު އަައިސްފައިވާ ކަމަށެވެ. އެގޮތުން ސެޕްޓެންބަރު މަހު ހަތް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި މުޅި ޖުމްލަ ބަހައްޓާނީ 464 ވޯޓް ފޮށި ކަމަށް ފުއާދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންގެ ފޯމްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފޯމްތަކެއް މިއަދު ހަވީރުގެ ނިޔަލަށް ޗެކްކޮށް ނިމުނު އިރު އަޅުގަނޑުމެން ކުރިން ވޯޓް ފޮށި ބަހައްޓަން ނިންމާފައި އަދަދަށް މިވަނީ ބަދަލު އައިސްފައި. ކުރިން އަޅުގަނޑުމެން މި ރިޔާސީ އިންތިހާބުގައި މުޅި ޖުމްލަ ބަހައްޓަން ނިންމާފައި ވަނީ 481 ވޯޓް ފޮށި. އެހެން ނަމަވެސް މިހާރު މި ރިޔާސީ އިންތިހާބުގައި އާދެ ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ބަހައްޓަން ކަނޑައެޅި އަދަދަކީ 464 ވޯޓް ފޮށި . ދެން މި އަދަދަށް ބަދަލު އަންނާނެ ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ،"
ފުއާދު ވިދާޅުވީ ކުރިން ކަނޑައެޅި ވޯޓު ފޮށީގެ އަދަދަށް ބަދަލު އަންނަން ޖެހުނީ ރަޖިސްޓްރީ ކުރި ބައެއް ތަންތަނުގައި 50 މީހުން ހަމަނުވާވަރަށް ރަޖިސްޓްރީކޮށްފައި ނުވާތީ ކަމަށެވެ. އެގޮތުން އެ ތަންތަނުގައި ތެރޭގައި ހިމެނެނީ ރިސޯޓްތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްތައް ކަމަށް ފުއާދު ވިދާޅުވި އެވެ.
ވޯޓް ފޮށި ބަހައްޓާ ސަރަހައްދުތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ފުއަދު ޥިދާޅުވީ މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެހިން ވޯޓް ލުމަށް ޓަކައި ބަހައްޓާނީ 48 ވޯޓު ފޮށި ކަމަށެވެ. މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުން ވޯޓް ލުމަށް ބަހައްޓަން ނިންމާފައި ވަނީ 55 ވޯޓް ފޮއްޓެވެ. އަދި މާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ބަހައްޓަން ނިންމަވާފައި ވަނީ 304 ވޯޓް ފޮށި ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.
ފުއާދު ވިދާޅުވީ ކުރިން ރިސޯޓްތަކުގައި 58 ވޯޓް ފޮށި ބަހައްޓަން ހަމަޖެހިފައިވީ ނަމަވެސް މިހާރު ރިސޯޓްތަކުގައި ބަހައްޓަން ނިންމާފައި ވަނީ 42 ވޯޓް ފޮށި ކަމަށެވެ. އަދި ކުރިން ސިނާއި ފަސް ރަށެއްގައި ވޯޓް ފޮށި ބަހައްޓަން ނިންމާފައިވީ ނަމަވެސް މިހާރުު ކަނޑައަޅާފައި ވަނީ ސިނާއީ ރަށްތަކުގައި ހަތަރު ވޯޓް ފޮށި ބެހެއްޓުމަށް ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ. އަދި ޖަލުތަކުގައި ބަހައްޓަން ކަނޑައަޅާފައި ވަނީ ހަތަރު ވޯޓް ފޮށި ކަމަށް ވެސް ކޮމިޝަންގެ ރައީސް ވިދާޅުވި އެވެ.
ފުއާދު އިތުރަށް ވިދާޅުވީ ރާއްޖެ އިން ބޭރުގައި ބަހައްޓަން ނިންމާފައި ވަނީ ހަ ވޯޓް ފޮށި ކަމަށާއި އެއީ ސްރީލަންކާގެ ކޮލަންބޯ، އިންޑިއާގެ ވެރިރަށް ނިއުދިއްލީ އާއި ޓްރެވިންޑްރަމް މީގެ އިތުރުން މެލޭޝިޔާއާއި ސިންގަޕޫރާއި އަދި އިގިރޭސިވިލާތުގެ ލަންޑަންގައި ކަމަށެވެ.