މި އަހަރު އޯލެވެލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށް ނޫސްވެރިކަމުގެ އަސާސީ ހުނަރުތައް ދަސްކޮށްދޭ ކޯހެއް ޝަހީބު މީޑިއާ ކޮންސަލްޓަންސީ (އެސްއެމްސީ)ގެ ނަމުގައި ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.


މިޑިއާ ކޮންސަލްޓަންސީ ދިނުމަށް ރާއްޖޭގައި އުފެދުނު ފުރަތަމަ ކުންފުނިން ބުނީ މި ކޯސް ކުރިޔަށް ގެންދަނީ އެމްއެންބީސީ އާއި މޯލްޑިވްސް ޕޮލިޓެކްނިކާ ގުޅިގެން ކަމަށާއި ކޯސް ތާވަލުކޮށްފައި ވަނީ މި މަހުގެ 21 އިން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހަށް ކަމަށެވެ.


ޝަހީބު މީޑިއާ ކޮންސަލްޓަންސީ ސީއީއޯ، މުހައްމަދު ޝަހީބު ވިދާޅުވީ މިފަދަ ކޯހެއް އިންތިޒާމް ކުރީ ރާއްޖޭގައި މީޑިއާގެ ވަސީލަތްތައް ގިނަވެ، ނޫސްވެރިންނަށް ވަޒީފާގެ ފުރުސަތު ހުޅުވިފައިވާ މި ދަނޑިވަޅުގައި، ކެރިއަރެއްގެ ގޮތުގައި ނޫސްވެރިކަން ހިޔާރުކުރާ ކުދިންނަށާއި ފަށައިގަންނަ ނޫސްވެރިންނަށް މިފަދަ ކޯހެއް މިވަގުތަށް މުހިންމު ކަމަށް ފެނިގެން ކަމަށެވެ.


މި ކޯހުގައި ނޫސްވެރިކަމުގެ އަސާސީ ހުނަރުތަކުގެ އިތުރުން، ލިއުންތެރިކަމުގައި ނޫސްވެރިންގެ ދައުރާއި ދިވެހި ނޫސްވެރިކަމަށް މިއަދު ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކާ ބެހޭގޮތުން ކިޔަވައިދޭނެ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.


 މި ކޯހުގައި ބައިވެރިކުރުމަށް މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.