21 Mar 2010, 10:14
އުމްރާ އަށް ގޮސް ތިބި އައްސަފާ ގްރޫޕްގެ ތިން މީހަކު އެކްސިޑެންޓްވެ، އެކެއްގެ ބޯފަޅައިގެން ގޮސް އަނެއް މީހާގެ ފައިގެ ކަށިގަނޑުގައި ރެނދުލައިގެން ފަރުވާ ދެމުން އެބަދެ އެވެ.
އައްސަފާ ގްރޫޕުން ދިޔަ މީހުންނާ ހަވާލުވެގެން ހުންނެވި ޝެއިޚް އަބުދުﷲ ނަސީމް މުހައްމަދު މިއަދު ވިދާޅުވީ، އެ އެކްސިޑެންޓް ހިނގަން ދިމާވީ ފުވައްމުލަކު އެއް އާޢިލާއަކަށް ނިސްބަތްވާ ހަ މީހަކު މިސްކިތަށްދިޔަ މަގުމަތީ ފިހާރައަކަށް ވަންނަން މަގު ހުރަސްކުރަން އުޅެނިކޮށް ކާރެއްގައި ޖެހިގެން ކަމަށެވެ. އަދި ބުރާސްފަތި ދުވަހު ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި ތިން މީހުންގެ ތެރެއިން އެކެއްގެ ބޯފަޅައިގެން ގޮސް އޭނާ އަށް އެ ދުވަހު ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ޝެއިޚް ނަސީމް ވިދާޅުވި އެވެ. ޝެއިޚް ނަސީމް ވިދާޅުވީ އެކްސިޑެންޓްވި ދެމަފިރިންގެ ތެރެއިން އަންހެން މިހާގެ ފައިގެ ކަށިގަނޑުގައި ރެނދުއެޅުމުގެ ސަބަބުން އޭނާގެ ފައިގައި މިހާރު ޕްލާސްޓަރު އަޅައިފައިވާ ކަމަށާއި އަދި އެ އަންހެން މީހާގެ ފިރިމީހާ އަކީ ލޭގެ ޕްރެޝަރާއި ހަކުރު މައްޗަށް ދިއުން ހުންނަ މީހަކަށް ވާތީ އޭނާ ވެސް އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާ ވެސް ދޫކޮށްލާނެ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށާއި އެންމެންގެ ވެސް ހާލު ރަނގަޅު ކަމަށް ޝެއިޚް ނަސީމު ވިދާޅުވި އެވެ.