11 Aug 2013, 21:26
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް މިދިޔަ މަހު ލިބުނު އާމްދަނީ 1.3 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން މިއަދު އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާ ބަލާއިރު 98.8 ޕަސެންޓް އިތުރުވެފަ އެވެ. ނަމަވެސް މިއީ ކުރިން ލަފާކުރި މިންވަރަށް ވުރެ 3.3 ޕަސެންޓް އަދަދު މަދު އަދަދެއް ކަމަށް ބުނެފައިވެ އެވެ.
އެ އިދާރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީ އެކަނި ވެސް 24.8 މިލިއަން ޑޮލަރަށް އަރަ އެވެ.
މީރާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ބޮޑު އާމްދަނީ އެއް ލިބިފައި ވަނީ ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ)ންނެވެ. ބީޕީޓީގެ ގޮތުގައި 594.7 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޖީއެސްޓީގެ 275.5 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. މީގެ އިތުރުން ބޭންކް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 234.1 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިރާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެ އޮތޯރިޓީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ ނިޔަލަށް އެ އޮތޯރިޓީއަށް އާމްދަނީގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައި ވަނީ 4.1 ބިލިއަން ރުފިޔާ އެވެ.