އައިޖީއެމްއެޗުން އަންހެނެއްގެ އަތްދަބަހެއް ވަގަށްނެގި މީހަކު ހޯދުމަށް ފުލުހުން ވީޑިއޯއެއް އާންމުކޮށްފި އެވެ.

ފުލުހުން އާންމުކޮށްފައިވާ އެ ވީޑިއޯ އިން އައިޖީއެމްއެޗުގެ ކުޑަކުދީންގެ ވޯޑުގެ ތެރެއިން މީހަކު އަންހެނެއްގެ އަތްދަބަހެއް ހިފައިގެން ނުކުންނަ މަންޒަރު ފެނެ އެވެ.

އަތްދަބަސް ހިފައިގެން ލިފްޓުން އަރައިގެން އެމީހާ ތިރިއަން އަންނަ ވަގުތު ޚިދުމަތް ހޯދަން ތިބި ބައެއް މީހުން ވެސް އެ ވީޑިއޯ އިން ފެނެ އެވެ. އެ މީހުން ތިބެނީ އެ މީހާއާ ދިމާލަށް ބަލަހައްޓައިގެންނެވެ.

އެ ވީޑިއޯ އިން ފެންނަގޮތުގައި އެ މީހާ ދެން ދަނީ އެ ހޮސްޕިޓަލްގެ އެމަޖެންސީ ބަޔާއި ދިމާލަށެވެ. އެތަނަށް ގޮސް ސެކިއުރިޓީ ގާޑާއި ވާހަކަދައްކަން ކުޑަވަގުތުކޮޅަކު ހުރުމަށް ފަހު އެމީހާ ބޭރަށްދާ މަންޒަރު ވެސް އެ ވީޑިއޯ އިން ފެނެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށާއި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ އެ ދުވަހުގެ ހެނދުނު 6:45 އެހައިކަންހާއިރު ކަމަށެވެ.

އެ ވީޑިއޯ އިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 އަށް ގުޅައި އެ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

އެ މީހާއާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.

ފަހަކަށް އައިސް އައިޖީއެމްޗްގެ ވޯޑުތަކުން ވައްކަން ކުރުން ވަނީ އާންމުވެފަ އެވެ.

:http:// http://www.youtube.com/watch?v=7LF3S4Ppogo