11 Aug 2013, 17:51
އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓާއި ކޮމްޕްލެއިންސް ބިއުރޯ ހިންގެވުމާ ހަވާލުވެ ހުންނެވި ގާނޫނީ ވަކީލު ހަނީފާ ހާލިދު ފުލުހުންގެ މުއައްސަސާގެ އަގުވެއްޓޭ ގޮތަށް އަމަލުކޮށްފައިވާ ކަމަށް ބުނެ، އޭނާގެ ސުލޫކީ މައްސަލައެއް ފުލުސް އޮފީހުން އެޓާނީ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުންނާ ބޭއަދަބީ ގޮތަކަށް މުހާތަބުކޮށް ފުލުހުންގެ މުއައްސަސާގެ އަގުވެއްޓޭ ގޮތަށް ހަނީފާ އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އޭޖީ އަށް ފޮނުވާފައިވާ ކަމަށް ފުލުހުން "ސަން"އަށް ކަށަވަރުކޮށްދިނެވެ. ނަމަވެސް އެ މައްސަލައިގެ ތަފްސީލެއް ފުލުހުން ނުދިނެވެ.
އެޓާނީ ޖެނަރަލް އައިޝަތު އާޒިމާ ޝުކުރޫ މިއަދު ވިދާޅުވީ ހަނީފާގެ މައްސަލައެއް ބަލަމުންދާ ކަމަށާއި އެކަމާ ބެހޭ ތަފްސީލެއް ދެވެން ނެތް ކަމަށެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ވައްކަމުގެ ބޮޑު މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި ފުލުހުންގެ ތަހުގީގީ ޖަލު އަތޮޅުވެއްސަށް ގޮސް، ފުލުހުންނާ ދިމާލަށް "މަނީ، މަނީ" އަށް ހަނީފާ ގޮވި ކަމަށްވެ އެވެ. ދިފާއީ ވަކީލެއްގެ ގޮތުގައި އަތޮޅުވެއްސަށް ހަނީފާ ދިޔައީ ރިލެކްސްއިން ހޮޓަލުގެ ތިޖޫރީން 122،000 ޑޮލަރު (1.88 މިލިއަން ރުފިޔާ) ވަގަށް ނެގި މައްސަލާގަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާ އަށް އެމްޑީޕީން ވާދަކުރެއްވި ޑރ. އަހްމަދު އަޝްރަފްގެ އަނބިކަނބަލުންނާ ގުޅޭ ގޮތުން ޕީޕީއެމާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ ޝަކުވާތަކެއް އިލެކްޝަނަށް ހުށަހަޅާފަ އެވެ. ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހުމަދު މަހްލޫފް ވިދާޅުވެފައި ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ދައުލަތުގެ އެންމެ މަތީ ލަގަބު ލިބިވަޑައިގަތުމުން "އެއީ ލެއިން ތަތްތެޅިފައިވާ އެވޯޑެއް ކަމަށް" ބުނެ ހަނީފާ ޓްވީޓު ކުރެއްވި ކަމަށެވެ.
ސިޔާސީ ބޭފުޅުންނަށް ފާޑުވިދާޅުވެ، ސިޔާސީ ޓްވީޓް ކުރައްވާ ބޭފުޅަކު އިލެކްޝަންސްގެ އެފަދަ މަގާމެއްގައި ހުންނެވުމަކީ އިންތިހާބާ މެދު އިތުބާރު ކުޑަވެގެންދާނެ ކަމެއް ކަމަށް މަހްލޫފު ވިދާޅުވެފައިވެ އެވެ.