މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޑރ. މުހައްމަދު ވަހީދު ހަސަން މަަނިކުގެ ކެމްޕެއިނަށް ބަޔަކު ހުރަސް އަޅަމުންދާ ކަމަށް "ގައުމާއިގެން ކުރިއަށް އެކޯލިޝަނުން" ބުނެފި އެވެ.

ރާވެރިޔާ ރެސްޓޯރެންޓްގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެ ޕާޓީގެ ސްޕޯކްސް ޕާސަން އަބްދުއްރަޝީދު ނާފިޒް ވިދާޅުވީ އެ ކޯލިޝަނުން ކެމްޕޭން ކުރަން ތައްޔާރުކޮށްފައިވާ ޖަގަހަތައް ބޮޑު އަގުދީފައި އިދިކޮޅު ބައެއް ޕާޓީތަކުން ގަނެ، އެ ކޯލިޝަންގެ ހަރަކާތްތަކަށް ހުރަސް އެޅުމަށް މަސައްކަތް ކުރާ ކަމަށެވެ.

"ކެމްޕޭން ކުރަން އަޅުގަނޑުމެން ރާވައި ވެރިފަރާތާ ވާހަކަ ދައްކައިގެން ހޯދާއިފައި ހުންނަ ބައެއް ޖަގަހަތައް، އެހެނިހެން ބައެއް ޕާޓީތަކުން އަޅުގަނޑުމެން ކުލަލާ ތައްޔާރުކޮށް ހަމަ ކެމްޕޭން ފަށަން ތައްޔާރުކޮށްފައި ހުއްޓައި އެގޭގެ ވެރިފަރާތަށް މާ ބޮޑުއަގެއްދީފައި އެތަން ނަގައި އަޅުގަނޑުމެންގެ ކެމްޕޭން އަށް ހުރަސްއެޅޭ ކަހަލަ ބައެއް ކަންތައް ކުރަމުން އެބަދޭ،" ނާފިޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބޮޑު އަގުދީފައި އެ ކޯލިޝަންގެ ޖަގަހައެއް އަތުލާފައި ވަނީ ރިޔާސީ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނޭ ވިޔަފާރީގެ ގޮތުން ވަރަށް ފުންނާބުއުސް ބޭފުޅެއް ކަމަށާއި ނަމަވެސް ގައުމުގެ ރައްޔިތުންނަކީ ލިބޭ ފައިސާ އަކަށް ނުވަތަ ލިބޭ މުދަލެއްގެ މައްޗައް ބަލައިގެން އެމީހުންގެ ވަލިޔުލް އަމުރުކަން ވަކި ބޭފުޅަކާ ހަވާލުކުރާނެ ބައެއް ނޫން ކަމަށެވެ.

ޖުމްހޫރީ ޕާޓީ އަށް އިޝާރާތް ކުރައްވައި ނާފިޒު ވިދާޅުވީ އެފަދަ ކަންކަން ކުރާ ޕާޓީއެއްގެ ތާއިދު ރައްޔިތުންގެ ކުރިމަތީގައި ވަރަށް ބޮޑަށް ވެއްޓިގެންދާނެ ކަމަށާއި އެއީ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ކިބައިގާ ހުންނަންވާނެ ސިފައެއް ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެ ކޯލިޝަންގެ ޖަގަހައް ބޮޑު އަގުދީފައި އަތުލާފައި ވަނީ އައްޑޫ ސިޓީން ކަމަށެވެ.