11 Aug 2013, 17:13
ޕްރިސީޒަން ޓްއާގައި ޗެލްސީ ކުޅެން ހަމަޖެހިފައިވާ އެންމެ ފަހު މެޗުގައި އިޓަލީގެ ރޯމާއާ ވާދަކުރި މެޗުގެ ފަހު ވަގުތުގައި ރޮމެލޫ ލުކާކޫ ޖަހައިދިން ލަނޑާއެކު 2-1 އިން ޗެލްސީ މޮޅުވެއްޖެ އެވެ.
އަންނަ ހަފްތާގެ ހަފްތާ ބަންދުގައި ފެށުމަށް ހަމަޖެހިފައިވާ އިނގިރޭސި ޕްރިމިއާ ލީގަށް ތައްޔާރުވުމުގެ ގޮތުން ހޯސޭ މޮރީނިއޯގެ ޓީމް، ކުޅުމަށް ހަމަޖެހިފައިވާ ފަހު މެޗުގެ 21 ވަނަ މިނިޓުގައި އެރިކް ލަމެލާ ކާމިޔާބުކޮށްދިން ލަނޑުން ރޯމާ ކުރި ހޯދާފައި ވަނިކޮށް 62 ވަނަ މިނިޓްގައި ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފްރޭންކް ލަމްޕާޑު އެވެ. އަދި ޗެލްސީ މޮޅުވި ލަނޑު ލުކާކޫ ކާމިޔާބުކުރީ މެޗުގެ 89 ވަނަ މިނިޓްގަ އެވެ.
ވޮޝިންޓަންގައި ޗެލްސީން މި ހޯދި ކާމިޔާބާ އެކު އެ ކްލަބް ވަނީ، މިފަހަރުގެ ޕްރިސީޒަންގައި އިޓަލީގެ ވަރުގަދަ ތިން ޓީމު ބަލިކޮށްފަ އެވެ. އެގޮތުން އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕްގެ ފައިންލްގައި ރެއާލް މެޑްރިޑް އަތުން 3-1 އިން ބަލިވުމުގެ ކުރިން ޗެލްސީ ވަނީ، އިންޓަ މިލާނާއި އޭސީ މިލާން ބަލިކޮށްފަ އެވެ.
ޕްރިމިއާ ލީގުގައި ޗެލްސީ ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ބައްދަލު ކުރާނީ ހަލް ސިޓީއާ އެވެ.