މާލޭ ހުޅަނގު ހާބަރު ކެފޭތައް ހުންނަ ސަރަހައްދާ އެކު އެ ސަރަހައްދު ތަރައްގީކޮށް ހިންގުމަށް މަހަކު 400،000 ރުފިޔާ އަށް، 25 އަހަރު ދުވަހަށް ވެސްޓް ގޭޓް އެސެޓްސް ޕުރައިވެޓް ލިމިޓެޑަށް ކުއްޔަށްދީފި އެވެ.

އެކުންފުންޏަށް ޓީޖެޓީ ސަރަހައްދު 25 އަހަރަށް ދީފައި ވަނީ މީގެ ހަ މަސް ދުވަސް ކުރިންނެވެ. އަދި އޭސީސީ އިން އެ މައްސަލަ އޭރު ތަހުގީގްކުރި އިރު އެކޮމިޝަނުން ވެސް ހައުސިން މިނިސްޓްރީ އިން ވެސް އެ ޕްރޮޖެކްޓް ކުރިއަށް ގެންދިއުމަށް ހުއްދަދީފައިވާ ކަމަށް ސިޓީ ކައުންސިލްއިން ބުނެ އެވެ.

މިއަދު މާލޭ ސިޓީ ކައުންސިލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވެސްޓް ގޭޓްގެ ކޮންސަލްޓަންޓް އިސްމާއިލް ފިރާގު ވިދާޅުވީ އެ ކުންފުންޏަށް 25 އަހަރު ދުވަހަށް އެތަން ދީފައިވާ ވަނީ ފޭސްތަކަކަށް ބަހާލައިގެން ތަރައްގީ ކުރުމަށް ކަމަށާއި އެ ޕްރޮޖެކްޓް މިއަންނަ މަހުގެ ފުރަތަމަ ދުވަހު ފެށޭވަރު ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން އެއް ފޭސް އަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އެ ޕްރޮޖެކްޓް ފޭސްތަކަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން ކަމަށެވެ.

އޭނާ ވިދާޅުވީ އެއް ފޭސް އަށް އެ މަސައްކަތް ނިންމާ ނަމަ ދެ އަހަރު ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށާއި ނަމަވެސް ފޭސްތަކަކަށް ބަހާލުމުން ކޮންމެވެސް ވަރެއްގެ ޑިލޭއެއް އަތުވެދާނެ ކަމަށެވެ. އަދި އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ތަރައްގީކުރާ އެ ޕްރޮޖެކްޓަށް 30 ނުވަތަ 40 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ އެކައުންސިލްގެ ވިސްނުން ހުރީ އެ ސަރަހައްދުގައި މަސައްކަތްތައް ކުރާ ހުރިހާ ފަރާތްތަކުން ވެސް ކުރާ މަސައްކަތްތައް ނުހުއްޓެވި މަސައްކަތްކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން ކަމަށާއި އެގޮތުން ފޭސްތަކަށް ބަހާލައިގެން އެ މަސައްކަތް ކުރުމަށް ވިސްނީ އެހެންވެ ކަމަށެވެ.

ހުޅަނގު ހާބަރު ސަރަހައްދު ކުއްޔަށްދީފައި ވަނީ، މާލޭ ސިޓީ ކައުންސިލުން ބުނި ގޮތުގައި، މަހަކު 400،000 ރުފިޔާ އަށެވެ. ސުޖާއު ވިދާޅުވީ މިހާރު އެ ސަރަހައްދުން މަހެއްގެ މައްޗަށް 80،000 ލިބެނީ ރުފިޔާ ކަމަށެވެ.
ނަމަވެސް 400،000 ރުފިޔާ ލިބެން ފަށާނީ ކޮން އިރަކުން ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

ވެސްޓް ގޭޓް ފިރާގު ވިދާޅުވީ އެތަން ތަރައްގީކޮށް ނިމޭ އިރު ވަރަށް ޒަމާނީ ވަސީލަތްތައް ގާއިމްވެފައި ހުންނާނެ ކަމަށެވެ. އެގޮތުން ރައްކާތެރިކަމާ އެކު މުދާ ގެންގުޅެވޭނެ ކަމަށާއި އަދި ޒަމާނީ ކެފޭތަކެއްގެ އިތުރުން ޕާކިން ޒޯންތައް ވެސް ހުންނާނެ ކަމަށެވެ. އަދި ޕެޓްރޯލް ސެޑްތަކާއި ޝޮޕިން މޯލްތައް ހުނާނެ ކަމަށް ވިދާޅުވި އެވެ.