11 Aug 2013, 16:00
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ މިދިޔަ ކުއާޓަރުގެ ރިޕޯޓް ނެރެން ޖެހޭ މުއްދަތު މިމަހުގެ ނިލަށް އިތުރުކޮށްދިނުމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އެދެފި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ މިދިޔަ މަހުގެ 31ގެ ކުރިން ނެރެން ޖެހޭ ކުއާޓަރުގެ ރިޕޯޓް ނެރެފައި ނުވާތީ ސީއެމްޑީއޭ އިން އެ ކުންފުނި 30،000ރ، ޖޫރިމަނާކޮށްފައިވާ ކަމަށެވެ.
"އެ ރިޕޯޓް އަޅުގަނޑުމެންނަށް ނުނެރެވުނު ސަބަބުން އޮންނާނެ ސީއެމްޑީއޭ އަށް އަންގާފައި. މި ކުންފުނީގެ ކުއާޓަރުގެ ހިސާބުތައް އަދި އަހަރީ ހިސާބުތައް އާއްމުކުރެވޭނީ ބޯޑުން ފާސްކޮށްގެން. އަޅުގަނޑުމެންނަށް އެކަން ނުކުރެވި އޮތީ ބޯޑަށް ސަރުކާރުން އައްޔަންކުރަން ޖެހޭ ޑިރެކްޓަރުން އައްޔަން ނުކުރާތީ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ މި އަހަރުގެ ދެވަނަ ކުއާޓަރުގެ ރިޕޯޓް މި މަހުގެ 31ގެ ކުރިން ނެރޭނެ ކަން ސީއެމްޑީއޭ އަށް މިހާރު އަންގާފައިވާނެ ކަމަށެވެ. އަދި އެގޮތަށް އެންގީ ކުންފުނީގެ ބޯޑަށް ސަރުކާރުން އައްޔަން ކުރަން ޖެހޭ ހަތަރު ޑިރެކްޓަރުން ވަރަށް އަވަހަށް އައްޔަން ކުރާނެ ކަމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އަންގާފައިވާތީ ކަމަށެވެ.
އެ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އަހަރުން އަހަރަށް އައްޔަން ކުރަން ޖެހޭ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން އައްޔަން ކުރަން ޖެހޭ ޑިރެކްޓަރުން އައްޔަން ކޮށްފައިނުވާތީ ބޯޑު ޖަލްސާއެއް ނުބާއްވާ ކަމަށެވެ. އަދި އެ ކުންފުނީގެ އޮޑިޓް ކޮމިޓީ އާއި ނޮމިނޭޝަން އެންޑް ރެމިނަރޭޝަން ކޮމިޓީ ވެސް އައްޔަންކުރެވިފައިނުވާ ކަމަށް އެމްޓީޑީސީން ބުންޏެވެ.
އެ ކުންފުނިން ބުނީ ކުއާޓަރުގެ ރިޕޯޓް ޝާއިއުކުރެވޭނީ ކުންފުނީގެ ޗެއާމަނާއި މެނޭޖިން ޑިރެކްޓަރަކު އައްޔަން ކުރެވުމުން ކަމަށެވެ.