11 Aug 2013, 15:38
އިންޑިއާގެ ޓެމިލްނާޑޫ އަށް އުފަން ތިން މަހުގެ ތުއްތު ކުއްޖަކު ދާހިއްލުމުން އޭނާގެ ހަށިގަނޑުން އަލިފާން ހުޅު ރޯވާކަމަށް ރިޕޯޓުތައް ބުނެފި އެވެ.
އައިބީއެން ލައިވް އިން ރިޕޯޓް ކޮށްފައިވާގޮތުގައި ރާހުލް ކިޔާ އެ ތުއްތު ކުއްޖާގެ ހަށިގަންޑުން "ހުޅު ހިފީ" އެކުއްޖާގެ އުމުރުން ނުވަވަނަ ދުވަހު ކަމަށާއި އަދި އޭގެ ފަހުން ތިން ފަހަރެއްގެ މަތިން އެ ހާދިސާ ތަކުރާރުވެފައިވާ ކަމަށެވެ.
ޑޮކްޓަރުން ވިދާޅުވެފައި ވަނީ، އެކުއްޖާ އަށް އަށް ޖެހިފައި ވަނީ، ވަރަށް މަދުން ދިމާވާ ސިއްހީ ހާލަތެއް ކަމަށްވާ "ސްޕޮންޓޭނިއަސް ހިޔުމަން ކޮމްބަސްޝަން" ކިޔާ ބައްޔެއްގެ ސަބަބުން ކަމަށެވެ. އަދި ހުޅުހިފަން މެދުވެރި ވަނީ ހަށިގަނޑުން ބޭރުވާ ގޭސްތަކެއްގެ ސަބަބުން ކަމަށެވެ.
"އެއީ ވަރަށް މަދުން ދިމަދުން ފެންނަ ކަމެއް. އެމައްސަލަ ދިމާވެދާނެ އުމުރުގެ ކޮންމެ ހިސާބެއްގައި ވެސް. އެއީ ހަށިގަނޑުން ދާހިއްލާއިރު ހުންނަ ގިނި ނަގާ ވައްތަރުގެ ބާވަތްތަކަކުން ދިމާވާ ހާލަތެއް. އެއީ ވަރަށް ނުރައްކާތެރި ބައްޔެއް. މީގެ ކުރިން ހިނގާފައިވާ އެފަދަ ޑިސްއޯޑާތައް ދިމާވެފައިވާ މީހުން ވަނީ މަރުވެފައި. ރައްކާތެރިވުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ކިލްޕައުކް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލްގެ ކުޑަކުދިންގެ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރު އެސިސްޓެންޓް ޕްރޮފެސަރު، ޑޮކްތަރު ތެންމޯޒީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ އޭނާގެ ހަޔާތުގައި ތަޖުރިބާކުރެވުނު އެފަދަ ފުރަތަމަ ހާދިސާ ކަމަށާއި، އަދި ނަސީބު ދެރަކަމުން އެ ބައްޔައް މިހާތަނަށް އަދި އެއްވެސް ފަރުވާއެއް ހޯދިފައި ނުވާ ކަމަށެވެ.
ތުއްތު ރާހުލްގެ ބެލެނިވެރިންނަށް ޑޮކްޓަރުން އިރުޝަދު ދީފައިވަނީ، ހުޅުހިފާ ޒާތުގެ އެއްވެސް މާއްދާއަކާ އެ ދަރިފުޅު ކައިރި ނުކުރުމަށާއި އަދި ފިނިހޫނުމިން ކޮންޓްރޯލް ކުރެވޭފަދަ ކޮޓަރިއެއްގައި އެކުއްޖާ ބޭއްވުމަށެވެ.
ރާހުލްގެ މަންމައާއި ބައްޕައަށް ވަނީ، އެ މީހުންގެ ތިން ވަނަ ދަރިފުޅުގެ ހަށިގަނޑުން ފެނުނު ކަންތަކާ ގުޅިގެން ވަރަށް ބޮޑު ހައިރާންކަމެއް ލިބިފަ އެވެ. އަދި އެމީހުން ތިބީ އެ ދަރިފުޅަށް ފަރުވާ ހޯދޭނެ "ބޭސްވެރިކަމުގެ މުއުޖިޒާތަކަށް" އެދިއެދި އެވެ.
"ފުރަތަމަ ދެފަހަރު އެ ހާދިސާ ދިމާވި އިރު އަހަރެންގެ އަނބިމީހާއާއި ދަރުފުޅު ތިބީ މައިދައިތަ ކައިރީގައި. އަހަރެންގެ ލޮލަށް އެކަން ފެނުމުގެ ކުރިން އަހަރެން އެކަން ގަބޫލެއް ނުކުރަން. ޑޮކްޓަރުން ބުނީ، އެމީހުންނަށް އެ ބައްޔައް ކުރެވޭނޭ އެއްވެސް ފަރުވާއެއް ނެތްކަމަށް. އެކަމަކު ކުއްޖާގެ ހަށިގަނޑުގައި އަނދާފައި ހުރި ތަންތަނަށް ފަރުވާ ކޮށްދޭނެ ކަމަށް،" ރާހުލްގެ ބައްޕަ ބުންޏެވެ. "އަހަރެންގެ ގެ އަލިފާނުން އަނދައި ހުލިވެއްޖެ. ސަރުކާރުން އަހަރެމެންނަށް ހިޔާވަހިކަމެއް ފޯރުކޮށްދޭން ޖެހޭނެ."
ޑޮކްޓަރުން އެކުއްޖާއަށް ދިމާވެފައިވާ ހާލަތު އިތުރަށް ތަހްލީލުކޮށް އާދަޔާ ހިލާފު އެ ބައްޔަށް ފަރުވާއެއް ހޯދުމަށް މަސައްކަތް ކުރަމުން ގެންދާއިރު މިވަގުތު އެކުއްޖާ އޮތީ ޕިޑުޗެރީގައި ހުންނަ ޖަވާހިރުލާލު އިންސްޓިޓިއުޓް އޮފް ޕޯސްޓް ގްރެޖުއޭޓް މެޑިކަލް އެޑިއުކޭޝަން އެންޑް ރިސާޗްގަ އެވެ.