އެމްޑީޕީގެ ޕުރައިމަރީގައި ވާދަކޮށް ބަލިވާ މީހަކު ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ބައިވެރި ވެއްޖެ ނަމަ އެ މީހަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން ބުނެފި އެވެ.


މިދިޔަ ބުދަ ދުވަހު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކާ ހަވާލާދީ އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ޕާޓީގެ ޕްރައިމަރީސްގައި ވާދަކޮށް ބަލިވާ މީހަކު އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކޮށްފި ނަމަ ޕާޓީން ވަކިކުރާނެ ކަމަށާއި ކުރިއަށް ހުރި އިންތިހާބުތަކުގައި އެ މީހަކަށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރުމަށް ފުރުސަތު ނުދިނުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.  


އެ ނޫސް ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހަޅާ ފޯމްފައި ޕްރައިމަރީން ބަލިވިއަސް، ޕްރައިމަރީ ކާމިޔާބު ކުރާ ކެންޑިޑޭޓަށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށް ބުނެފައި ވާނެ ކަމަށާއި އަދި އެކަމަށް އިގުރާރު ވެފައިވެސް ވާނެ ކަމަށެވެ.


ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީ ޓިކެޓް ހޯދުމަށް އެދި އެޕާޓީއަށް ހުށަހެޅި ފޯމުގައިވާ އިގްރާރުގައި ބުނަނީ ޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުހޮވުނު ނަމަވެސް ޕާޓީގެ ނިންމުމަށް އިޙްތިރާމްކޮށް އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ހޮވޭ ކެންޑިޑޭޓަކަށް ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން މަސައްކަތްކޮށްދިނުމަށް އިގްރާރުވުމުގެ އިތުރުން އިންތިޚާބު ކާމިޔާބު ވެއްޖެނަމަ އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ދެމިހުންނަން ޖެހޭނެ ކަމަށެވެ.