އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މިރޭ ރާއްޖެ ގަޑިން ހައެއް ޖަހާއިރު ކުޅޭ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗަށް މެންޗެސްޓާ ޔުނައިޓެޑްޑުން އެކުލަވާލި ސްކޮޑުން އިނގިރޭސި ފޯވާޑް ވޭން ރޫނީ ބާކީކޮށްފި އެވެ.

އެފްއޭ ކަޕްގެ ޗެމްޕިއަން ވިގަން އެތުލެޓިކޯ އާއި ދެކޮޅަށް ޔުނައިޓެޑް މިރޭގެ މެޗަށް ނިކުންނައިރު، ޔުނައިޓެޑްގެ ފޯވާޑް ވޭން ރޫނީ ޓީމުގެ ސްކޮޑުން ބާކީ ކުރީ އޭނަގެ ކޮނޑުހުޅަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ކަމަށް ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއިސް ވަނީ ބުނެފަ އެވެ.

ކޯޗް މޮއިސް ބުނީ، މިރޭގެ މެޗުގައި ރޫނީ ނުފެނުނު ކަމުގައި ވިޔަސް އޭނަ ނެތްތަން ފޫބެއްދޭވަރުގެ ކުޅުންތެރިން ޓީމުގައި ތިބި ކަމަށެވެ.

"ރޫނީ ވަނީ އިއްޔެ ޔުުނައިޓެޑްގެ ފުރަތަމަ ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވެފަ. ނަމަވެސް އޭނައަށް ލިބިފައިވާ އަނިޔާގެ ސަބަބުން ވާދަވެރި ބޮޑު މެޗެއްގައި އަދި އޭނައަކަށް ނުކުޅެވޭނެ،" މޮއިސް ބުންޏެވެ.

އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުގައި މިރޭ ރޫނީ ނުފެނުނު ކަމުގައި ވިޔަސް، ބައެއް މީޑިއާ ތަކުގައި އިނގިރޭސި ކޯޗް ރޯއީ ހޮޖްސަންއާ ހަވާލާދީ ބުނެފައި ވަނީ، އަންނަ ބުދަ ދުވަހު އިނގިރޭސިވިލާތާއި ސްވިޑަން ބައްދަލުކުރާ އެކުވެރި ކަމުގެ މެޗުގައި ރޫނީ ފެންނާނެ ކަމަށެވެ.