މި އަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުުގައި ރައީސް މުހައްމަދު ވަހީދަށް 42 ޕަސެންޓް ވޯޓު ލިބޭނެ ކަމަށާއި އެ މަނިކުފާނާ އެންމެ ގާތްކޮށް ވެސް ވާދަކުރައްވާނެ އެމްޑީޕީ ކެންޑިޑޭޓަށް ލިބިވަޑައިގަންނަވާނީ 32 ޕަސެންޓް ވޯޓް ކަމަށް "ގައުމައިގެއިން ކޯލިޝަން"އިން ބުނެފި އެވެ.

ރާވެރިޔާ ރެސްޓޯރެންޓްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަންގެ ތަރުޖަމާނު އަބްދުއްރަޝީދު ނާފިޒް މިއަދު ވިދާޅުވީ އެ ކޯލިޝަނުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އެއް ވަނާގައި އޮވެގެން ކާމިޔާބު ކުރާނެ ކަމަށާއި އެގޮތުން އެ ކޯލިޝަނުން އެންމެ ވާދަކުރާނީ އެމްޑީޕީއާ ކަމަށާއި އެމްޑީޕީ އޮންނާނީ 10 ޕޮއިންޓްގެ ފަރަގަކުން ވަހީދު ކޯލިޝަނަށް ވުރެ ފަހަތުގައި ކަމަށެވެ.

"އަޅުނގަޑުމެން އެންމެ ފަހުން ހެދި ތަފާސް ހިސާބުތަކަށް ބަލާ އިރު އަޅުނގަޑުމެންނަށް ގާތްގަނޑަކަށް 42 ޕަސެންޓް، 43 ޕަސެންޓް އާ ހަމައަށް އަޅުނގަޑުމެންނަށް މެޖޯރިޓީއެއްގައި އުޅެމުން އައީ. އަޅުނގަޑުމެންނާ ދެން އެންމެ ވާދަކުރަނީ އަޅުނގަޑުމެން ބަލާލި އިރުގައި އެމްޑީޕީ. އެމްޑީޕީއާ އަޅުނގަޑުމެންނާ ދޭތެރޭގައި 10 ވަރަކަށް ޕޮއިންޓް ތަފާތު ހުރިކަމަށް މިދައްކަނީ،" ނާފިޒް ވިދާޅުވި އެވެ.

ނާފިޒް އިތުރަށް ވިދާޅުވީ އެ ކޯލިޝަންގެ ފަރާތުން ހެދި ތަފާސްހިސާބުތަކުގައި ތިން ވަނަ ލިބޭނީ ޕީޕީއެމް އަށް ކަމަށާއި ހަތަރު ވަނަ ލިބޭނީ ޖުމްހޫރީ ޕާޓީ އަށް ކަމަށެވެ. އަދި ފުރަތަމަ ބުރު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށާއި މިހާރު ވެސް ގައުމައިގެން ކުރިއަށް ކޯލިޝަން އޮތީ އެއްވަނައިގައި ކަމަށް ނާފިޒް ވިދާޅުވި އެވެ.

އަދި ރައީސް ވަހީދުގެ ފަހަތްޕުޅުގައި ގިނަ ބަޔަކު ނުފެންނަ ކަމަށް ބައެއް ފަރާތްތަކުން ދައްކާ ވާހަކައަށް ރައްދުދެއްވަމުން ނާފިޒް ވިދާޅުވީ އެއީ ރައީސް ވަހީދު ކެމްޕޭން ކުރައްވާ ގޮތް ކަމަށާއި އެ މަނިކުފާނުގެ ފަހަތުގައި ސައިލެންޓް މެޖޯރިޓީއެެއް އެބަ އޮތް ކަމަށެވެ.