11 Aug 2013, 13:53
ލިވަޕޫލަށް ކުޅެމުން އަންނަ ޑެންމާކުގެ ޑިފެންޑަރު ޑެނިއަލް އެގާއަކީ ޓީމަށް ވަފާތެރި އަދި އެހާމެ މުހިންމު ކުޅުންތެރިއެއް ކަމަށް އެ ޓީމުގެ ކޯޗް ބްރެންޑަން ރޮޖާސް ބުނެފި އެވެ.
އުމުރުން 28 އަހަރުގެ އެގާއަށް ތައުރީފްކޮށް ލިވަޕޫލްގެ ކޯޗް ރޮޖާސް ވާހަކަ ދައްކާފައި ވަނީ ކުރިއަށް އޮތް އިނގިރޭސި ޕްރިމިއާ ލީގުގައި އެ ކުލަބުގެ ވައިސް ކެޕްޓަންކަން އެގާއާ ހަވާލުކޮށްފައި ވުމުން ނެވެ.
ރޮޖާސް ބުނީ، އެގާއަކީ ޓީމުގެ ވައިސް ކެޕްޓަންގެ ޒިންމާ ނެގޭނެ ވަރުގެ މުހިންމު ކުޅުންތެރިއެއް ކަމަށެވެ.
"އެގާއަކީ ކުލަބަށް ވަފާތެރި ކުޅުންތެރިއެއް. އޭނައާ ހަވާލުކުރި ޒިންމާއަކީ މުހިންމު ޒިންމާއެއް. އަހަރެން ގަބޫލް ކުރަން އެގާ އެ ޒިންމާ އެންމެ ފުރިހަމަ ކަމާއެކު ހިފާނެ ކަމަށް،" ރޮޖާސް ބުންޏެވެ.
ލިވަޕޫލްގެ ވައިސް ކެޕްޓަންގެ މަގާމް މީގެ ކުރިން ކުރަމުން އައީ ޖެމީ ކަރެގާ އެވެ. އެހެން ނަމަވެސް ކަރެގާ މިހާރު ވަނީ ފުޓްބޯޅަ ކުޅުން ހުއްޓާލައިފަ އެވެ.
ރޮޖާސް ބުނީ ލިވަޕޫލްގެ ކެޕްޓަންކަން އަދި ވައިސް ކެޕްޓަންކަމަކީ ވެސް ވަރަށް މުހިއްމު ދެ މަގާމު ކަމަށާއި ވައިސް ކެޕްޓަނަކަށް ކުޅުންތެރިއަކު ހަމަޖެއްސި ކަމަކު، ކުލަބުގެ ކެޕްޓަނަކަށް ރަސްމީކޮށް ކުޅުންތެރިއަކު ހަމަޖައްސާނީ ޕްރީސީޒަންގެ މެޗްތަކަށްފަހު ކަމަށެވެ.
ލިވަޕޫލްގެ ކެޕްޓަންކަންގެ މަގާމް އަދި ހުރީ ސްޓީވެން ޖެރާޑެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެގާއަށް ލިވަޕޫލްގެ ވައިސް ކެޕްޓަންގެ މަގާމް ހަވާލު ކޮށްފައި ވަނީ ސްޕެއިންގެ ބާސެލޯނާއިން އޭނާ ހޯދުމަށް މަސައްކަތް ކުރަމުންއަންނަ ދަނޑިވަޅެއްގައެވެ.