11 Aug 2013, 13:07
އިންޑިއާ އިން އަމިއްލަ އަށް ފަރުމާކޮށް ބިނާކޮށްފައިވާ ނިއުކްލިއާ ސަބްމެރީން "އަރިހާންތު"ގައި ހުރި ނިއުކްލިއާ ރިއެކްޓާ އެގައުމުން އެކްޓިވޭޓްކޮށްފި އެވެ.
މިއާ އެކު މިސަބްމެރީން ކަނޑުގައި ކުރުމަށް ހަމަޖެހިފައިވާ ޓެސްޓް ދަތުރުތައް ފެށުމުގެ މަގުފަހިވާނެ ކަމަށް އިންޑިއާ އިން ބުނެ އެވެ.
ތަޖުރިބާކާރުން ބުނާ ގޮތުގައި މިއީ ދުނިޔެއިން ގަބޫލުކުރާ ނިއުކްލިއާ ހަތިޔާރުގެ ގާބިލްކަން ލިބިފައިވާ ފަސް ގައުމު ނޫން ގައުމަކުން ނިއުކްލިއާ ސަބްމެރީނެއް ބިނާކުރި ފުރަތަމަ ފަހަރެވެ.
އިންޑިއާ އިން ވަނީ މިދިޔަ އަހަރު ރަޝިޔާގެ ސަބްމެރީނެއް އެގައުމުގެ ކަނޑުގެ ސިފައިންގެ ފުލީޓަށް ކޮމިޝަން ކުރުމަށް ފަހު، ދުނިޔެއިން ގަބޫލުކުރާ ނިއުކްލިއާ ގާބިލްކަން ލިބިފައިވާ ފަސް ގައުމު ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، ރަޝިޔާ، ޗައިނާ އަދި ފަރަންސޭސިވިލާތަށް ފަހު ނިއުކްލިއާ ސަބްމެރީނެއް ގެންގުޅޭ ފުރަތަމަ ގައުމަށް ވެފަ އެވެ.
ނިއުކްލިއާ ސަބްމެރީން ކޮމިޝަން ކުރުމާ އެކު އިންޑިއާގެ އަސްކަރިއްޔާއަށް އިތުރު ބާރެއް ލިބިގެންދާނެ އެވެ. މީގެ ކުރިން އިންޑިއާއަށް ދުރު ރާސްތާގެ ބެލިސްޓިކް މިސައިލް ލޯންޗުކުރުމުގެ ގާބިލްކަން ލިބިފައި ވަނީ ވަޔާއި އެއްގަމު މަގުން ނެވެ. ނިއުކްލިއާ ސަބްމެރީން ކޮމިޝަން ކުރުމާ އެކު ކަނޑު މަގުން ބެލިސްޓިކް މިސައިން ލޯންޗުކުރުމުގެ ގާބިލްކަން އިންޑިއާ އަށް ވަނީ ލިބިފަ އެވެ.
ބީބީސީިއިން ބުނާ ގޮތުގައި "އަރިހާންތު"ކަނޑުގެ ޓެސްޓްތައް ކާމިޔާބުވެއްޖެ ނަމަ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އޮޕަރޭޝަނަލް ކެޕޭސިޓީއަށް އެސަބްމެރީން ގެނެވޭނެ ކަމަށެވެ.
"އަރިހާންތު" ޑިޕްލޯއިކުރުމުން ގިނަ ދުވަސްތަކެއް ވަންދެން ކަނޑުގެ އަޑީގައި 100 ފަޅުވެރިންނާއެކު ސަބްމެރީން އޮޕަރޭޓްކުރުމުގެ ގާބިލްކަން އިންޑިއާއަށް ލިބޭނެ އެވެ.
މިދިޔަ އަހަރުން އިންޑިއާއިން ކޮމިޝަން ކުރި ރަޝިޔާގެ ސަބްމެރީނަކީ 10 އަހަރުގެ މުއްދަތަށް އިންޑިއާ އިން ކުއްޔަށް ހިފާފައިވާ ސަބްމެރީނެކެވެ. "އައިއެންއެސް ޗަކުރާ"ގެ ނަން ދީފައިވާ މިސަބްމެރީން މިހާރު ވެސް އިންޑިއާގެ ކަނޑުގެ ސިފައިން ދަނީ ބޭނުން ކުރަމުން ނެވެ.