11 Aug 2013, 12:53
އިސްލާމިކް ފައުންޑޭޝަންގެ ރައީސް އިބްރާހީމް ފައުޒިގެ މައްޗަށް ޝެއިޚު އިބްރާހީމް ފަރީދު އަހްމަދު އާއި ނޫރުލް ގުރުއާން ކުލާސްގެ ވެރިޔާ މުހައްމަދު ފައުޒީ ކުރެއްވި އަބުރާބެހުމުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ދައުވާ އަށް ޖަވާބުދާރީވުމަށް އިބްރާހީމް ފައުޒީ އަށް 15 ދުވަހުގެ ފުރުސަތެއް ދެއްވައިފި އެވެ.
އިސްލާމިކް ފައުންޑޭޝަންގެ ރައީސް އިބްރާހީމް ފައުޒީގެ މައްޗަށް ޝެއިޚު ފަރީދު އާއި މުހައްމަދު ފައުޒީ އަބުރުގެ ދައުވާ ކުރައްވާފައި ވަނީ އެ ދެ ބޭފުޅުންގެ ބޮލުގައި ދޮގު ތުހުމަތުތަކެއް އަޅުވައި މީޑިއާތަކަށް އިބްރާހީމް ފައުޒީ އިންޓަވިއު ދެއްވާފައިވާ ކަމަށް ވިދާޅުވެ އެވެ.
އިބްރާހީމް ފައުޒީ އެ ދެ ބޭފުޅުންގެ އަބުރާއި ބެހިއްޖެ ކަމަށް ކަނޑައަޅައި އަބުރާއި ބެހުމުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 3،045،000ރ. ނަގައިދިނުމަށް ވަނީ އެދިފަ އެވެ.
ސިވިލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ޝެއިޚު ފަރީދު އާއި މުހައްމަދު ފައުޒީގެ ވަކީލު މުހައްމަދު ޝާނީޒު އަބްދުﷲ ދައުވާ ހުށަހެޅުއްވުމުން އިބްރާހީމް ފައުޒީގެ ވަކީލު ވިދާޅުވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ނަގައިދިނުމަށް އެދިފައި ވަނީ ފައިސާގެ ބޮޑު އަދަދެއް ކަމަށާއި އެހެންކަމުން ދައުވާ އަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުސަތެއް ބޭނުންވާކަމަށެވެ. އެގޮތުން ދައުވާ އަށް ޖަވާބުދާރީވުމަށް 15 ދުވަހުގެ ފުރުސަތަކަށް އޭނާ އެދިވަޑައިގަތެވެ.
ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ ޖަމީލު މޫސާ ވަނީ އިބްރާހީމް ފައުޒީގެ ވަކީލު އެދިވަޑައިގަތް ގޮތަށް ދައުވާ އަށް ޖަވާބުދާރީވުމަށް 15 ދުވަހުގެ ފުރުސަތެއް ދެއްވާފަ އެވެ.
ދައުވާ ހުށަހަޅުއްވަމުން ޝާނީޒު ވިދާޅުވީ ޝެއިޚު ފަރީދު އަކީ އިސްލާމިކް ފައުންޑޭޝަންގެ މެމްބަރެއް ނޫންކަމަށާއި ނަމަވެސް އެކިފަރާތްތަކުން އެ ޖަމްއިއްޔާ އަށް ދީފައިވާ މިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަށް ފަރީދު ޚިޔާނާތްތެރިވެފައިވާތީ ކަމަށް ބުނެ އޭނާ އެ ޖަމްއިއްޔާ އިން ވަކިކޮށްފައިވާ ކަމަށް ބުނެ އިބްރާހީމް ފައުޒީ މީޑިއާތަކަށް ދޮގު އިންޓަވިއުއެއް ދީފައިވާ ކަމަށެވެ.
ފަރީދު އަކީ ރާއްޖޭގެ ރައްޔިތުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ އިލްމުވެރިއަކަށް ވާތީ އިބްރާހީމް ފައުޒީ މީޑިއާތަކަށް ދެއްވި އިންޓަވިއުގެ ސަބަބުން އޭނާގެ ގަދަރަށް އުނިކަމެއް އައިސްފައިވާ ކަމަށް ވެސް ޝާނީޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދީނީނަސޭހަތް ދިނުމަށް އެކިރަށްތަކަށް ދިޔުމަށް ފަރީދު އަށް ލިބުނު ބައެއް ދަތުރުތަކަށް ވެސް އެކަމުގެ ސަބަބުން ހުރަސްއެޅިފައިވާ ކަމަށެވެ.
އިބްރާހީމް ފައުޒީ މީޑިއާތަކަށް ދެއްވި އިންޓަވިއުގެ ސަބަބުން ޝެއިޚު ފަރީދު އާއި އިސްލާމިކް ފައުންޑޭޝަންގެ ކުރީގެ ނާއިބް ރައީސް މުހައްމަދު ފައުޒީ އެ ދެ ބޭފުޅުންގެ އާއިލާއާއި ރައްޓެހީންގެ ކުރިމަތީގައި ލަދުވެތިވެފައިވާ ކަމަށް ވެސް ދައުވާ އިއްވަމުން އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލު ޝާނީޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ނޫރުލްގުރުއާން ކުލާހާ މެދު އާންމުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެދި އަދި އިބްރާހީމް ފައުޒީ އަކީ ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ވެރިއަކަށް ވާތީ އެކަމުގެ ސަބަބުން ވެސް ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.