ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ބޭބެ އަދި މައުމޫން ސަރުކާގައި ގިނަ ވުޒާރާތަކެއް ހިންގަވާފައިވާ އިލްޔާސް އިބްރާހީމް ފަހަތަށް ޖައްސައި އިންޒާރުދެއްވައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފި އެވެ.

ގއ. ދާންދޫގައި ރޭ އެމްޑީޕީ އިން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުލަތުން އިއްޒަތް ދެއްވާފައި ތިއްބަވާ ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި ކަމަށާއި ނަމަވެސް ދައުލަތުން އިއްޒަތް ދެއްވާފައިވާ އެހެން ބޭފުޅުން ފަދައިން އިލްޔާސް ކަންތައް ކުރައްވައިފާނެ ކަމަކަށް އެމަނިކުފާނު އެއްގޮތަކަށް ވެސް އުންމީދު ނުކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުން އިއްޒަތް ދެއްވުމުން އެހެން ސިޔާސީ ބޭފުޅުންނާ ހިލާފަށް އިލްޔާސް އަށް ސިޔާސީ ކަންކަމާ ދުރުގައި ހުންނަވަން އެނގިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު އުންމީދު ކުރެއްވި ކަމަށެވެ.

"އަޅުގަނޑު މިރޭ މި ދައްކާ ވާހަކައަކީ އަޅުގަނޑު އެއްގޮތަކަށް ވެސް ދައްކަން ގަސްތުކޮށްގެން ހުރި ވާހަކައެއް ނޫން. އަޅުގަނޑު ދައްކާން ބޭނުންވާ ވާހަކައެއް ވެސް ނޫން. އެހެން ނަމަވެސް އަޅުގަނޑަށް މިރޭ މި އޮއްދެއްކެނީ. އާދެ ކުރީގެ މިނިސްޓަރު އޮނަރަބަލް އިލްޔާސް އިބްރާހީމް، އާދެ އަޅުގަނޑުމެންގެ ސަރުކާރުގައި އެބޭފުޅާ އަށް އެބޭފުޅާއަށް ހައްގު ޝަރަފް އެރުވިން. އަޅުގަނޑު މިރޭ އިލްޔާސް އަރިހު ދަންނަވާލަން ބޭނުން ވަނީ ދައުލަތުގެ އިއްޒަތްތެރިއެކޭ މަނިކުފާނަކީ، ހަނދުމަފުޅު ބަހައްޓަވައްޗޭ އެއް ކައްޓާއަކުންކަން އެންމެން ވެސް ކިރަނީ. އަޅުގަނޑު މި ރިޔާސީ އިންތިހާބުގައި ދެން އިތުރަކަށް މަނިކުފާނާ ގުޅޭ ގޮތުން އެއްޗެއް ނުދަންނަވާނަން. ދައުލަތުގެ އިއްޒަތްތެރިން އެބަ ތިއްބަވާ، އެ އިއްޒަތްތެރިން ތިއްބަވަން ޖެހޭ ގޮތެއް ވެސް އެބަވޭ. އަޅުގަނޑު އުންމީދުކޮށް ހުރީ އެހެން ކިތައްމެ ބޭފުޅުންނެކޭ ހިލާފަށް އެމަނިކުފާނަށް އެ އިއްޒަތާއެކުގައި ސިޔާސީ ކަންކަމުން ދުރުހައި ހުންނަވަން އެނގިވަޑައިގެންނަވާނެ ކަމަށް. އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން ބޭނުން ވަނީ އެއް ކައްޓާއަކުންނޭ އަޅުގަނޑުމެން އެންމެ ވެސް ކިރާނީ،" ނަޝީދުގެ ވެރިކަމުގައި ރަތް ޕާސްޕޯޓް އަރުވާފައި ހުންނެވި އިލްޔާސްއާ ބެހޭ ގޮތުން ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ސަރުކާރުން ކުރީގެ ސަރުކާރުގެ "ހިޔާނާތުގެ މައްސަލަ" ބެލުމަށް ރިޔާސީ ކޮމިޝަނެއް އުފައްދަވައި އެ ސަރުކާރުގެ މައްސަލަތައް ބެލުމަށް 21.9 މިލިއަން ރުފިޔާ ހަރަދުކުރި އިރު މަޝްހޫރު އެފްޕީއައިޑީގެ މައްސަލަ ބެލުމަށް ނަޝީދުގެ ސަރުކާރުން އޮތީ ފަހަތަށް ޖެހިފަ އެވެ. ނަމަވެސް އެ މައްސަލައަކީ ފަހުގެ ތާރީހުގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެ މައްސަލަ ނަޝީދު ސަރުކާރުން ނުބެލީ، ބައެއް ފަރާތްތަކުން ބުނާ ގޮތުގައި، އެފްޕީއައިޑީ ހިޔާނަތުގެ މުގުލުގައި ހުންނެވި އެއް ބޭފުޅަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީގެ ކުރީގެ ފިރިކަލުން އަބްދުއްސައްތާރު ހިމެނޭތީ އެވެ.

ނަޝީދު އިލްޔާސް އިބްރާހީމާ މުހާތަބުކޮށް މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައި މި ވަނީ އިލްޔާސް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އެންޑޯސް ކުރެއްވުމާ ގުޅިގެންނެވެ.

ނަޝީދު ރޭ ވިދާޅުވީ އެމަނިކުފާނާ އިދިކޮޅު ފަރާތްތަކުން އެމަނިކުފާނަށް ތަފާތު އެކި ގޮތްގޮތަށް ހުތުރު ބަހުން މުހާތަބު ކުރަމުން ގެންދަނީ ކުރީގެ 30 އަހަރުގެ ހުދުމުހުތާރު ވެރިކަމުގައި ހިމެނިވަޑައިގެންނަވާ ބޭފުޅުން ކަމަށެވެ. އަދި އެ ބޭފުޅުން މަސައްކަތް ކުރެއްވީ ރާއްޖޭގެ ރައްޔިތުން އަޅުވެތިކޮށް ބިރުދައްކައިގެން އެ މީހުންގެ އަޅުންގެ ގޮތުގައި ގެންގުޅެމުން ދިއުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެން ކަމުން އެބޭފުޅުންނަށް ހުތުރު ބަހުރުވަ ނޫން ބަހުރުވައަކުން ވާހަކަ ދައްކަން ނޭގެނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.