ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގައި ބޭނުންކުރާ އޮފިޝަލް ބޯޅަ "ނިވިއާ ސިމްބޯލޯ" ބޭނުންކޮށްގެން ގައުމީ ޓީމް ބޭއްވި ފުރަތަމަ ޕްރެކްޓިސް ނިމުނު އިރު ބައެއް ބޯޅަ ތަކުގެ ބޭރު ތޮށިގަނޑު ހަލާކުވެއްޖެ އެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން އިއްޔެ ޕްރެކްޓިސް ނިންމާލުމުން ނޫސްވެރިން ގޮސް ބައެއް ބޯޅަތައް ބެލި އިރު ބޯޅައިގެ ވަށައިގެން އަޅާފައިވާ "ސިލިކަން" ވައްތަރު ފަށަލަ ހުރީ "ފޮޅިފަ" އެވެ.

ހުސްވި ޖުލައިމަހުގެ 30 ވަނަ ދުވަހު ކަތުމަންޑޫގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ ގުރުނެގުމުގެ ރަސްމިއްޔާތުގައި، އެ މުބާރާތުގައި ބޭނުންކުރާނެ ރަސްމީ ބޯޅައެއްގެ ގޮތުގައި "ސިމްބޯލޯ" ތައާރަފްކުރީ ނިވިއާގެ މެނޭޖަރު ސޭލްސް އެންޑް ޕްރޮމޯޝަން ކިޝޯރު ތާޕާއާއި، އޭއެފްސީގެ ވައިސް ޕްރެޒިޑެންޓް އަދި ނޭޕާލް ފުޓްބޯލް ފެޑެރޭޝަންގެ ރައީސް ގަނޭޝް ތާޕާއެވެ.

އިންޑިއާގެ ކުޅިވަރު ސާމާނު އުފައްދާ ކުންފުންޏެއް ކަމަށްވާ ފްރީވިލް ސްޕޯޓްސް ޕްރައިވެޓް ލިމިޓެޑް އިން އުފައްދާފައިވާ އެ ބޯޅައިގެ 32 ލެދާ "ޕެނަލް" ހަދާފައިވަނީ އަތުން ފަހައިގެންނެވެ. އަދި އެބޯޅަ ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އެޕްރޫވް ވެސް ކޮށްފަ އެވެ.

ނިވިއާ ސިމްބޯލޯއާ ބެހޭ ގޮތުން ރާއްޖޭގެ ކުރީގެ މަޝްހޫރު ކޯޗު އަދި މިހާރު އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމް އަލީ ސުޒޭން ވިދާޅުވީ، ބައެއް ބޯޅަތައް އެގޮތަށް މައްސަލަ ހުރި ކަމުގައިވީ ނަމަވެސް މުބާރާތުގައި އެ ބޯޅަ ބޭނުން ކުރުމުން ކުޅިންތެރިންނަށް މައްސަލައެއް ދިމާވާނޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އެ ވެދާނެ ފަހަރެއްގައި ބައެއް ބޯޅަތަކުގައި މެނުފެކްޗަރިން މައްސަލައެއް ހުރީ ކަމަށް. އެއީ މާބޮޑު މައްސަލައެއް ކަމަށް އަޅުގަނޑު ނުދެކެން. އަދި އޭގެ ސަބަބުން ކުޅުންތެރިންނަށް ވެސް މާބޮޑު މައްސަލައެއް ދިމާވާނެ ކަމަށް ގަބޫލެއް ނުކުރެވޭ،" ސުޒޭން ވިދާޅުވި އެވެ.

ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވެސް އެ "ބޯޅަ" އެހެން ބޯޅަތަކަށްވުރެ ލުއިކަމަށް ބުނެފައިވާ އިރު ސުޒޭން ވިދާޅުވީ، ރާއްޖޭގައި ވޭތުވެދިޔަ ތިން އަހަރު ބޭނުންކުރި ފުޓްބޯޅަތަކާއި، މިފަހަރު ސާފް ޗެމްޕިއަންޝިޕްގައި ބޭނުންކުރަން ހަމަޖެހިފައިވާ އޮފިޝަލް ބޯޅައިގެ ފެންވަރު އަޅާކިޔުމުން ތަފާތުތަކެއް އެބަ ހުރިކަމަށް ގަބޫލު ކުރަށްވާ ކަމަށެވެ.

"އެ ވެދާނެ އަޅުގަނޑުމެން ވޭތުވެދިޔަ ތިން ވަރަކަށް އަހަރު ތެރޭގައި ހުރިހާ މުބާރާތެއްގައިހެން ބޭނުން ކުރި ފުޓްބޯޅަ ތަކަކީ ތަންކޮޅެއް ފެންވަރު ރަނގަޅު ބޯޅަތަކެއް. ދެން މިބޯޅަ ތަންކޮޅެއް ލުއިވެފައި، ބައުންސް ވުންވެސް ކުޑަ. އެކަމަކު މިއީވެސް ފީފާއިން އެޕްރޫވް ކޮށްފައިވާ ބޯޅައެއް،" ސުޒޭން ވިދާޅުވި އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސައުތު އޭޝިއަން ފުޓްބޯލް ފެޑެރޭޝަނުން (ސާފް) އިން ވަނީ، މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ވެސް ފަރިތަކުރުން ތަކުގައި ބައިވެރި ކުރުމަށް 15 ބޯޅަ ދީފަ އެވެ.

"މުބާރާތް އިންތިޒާމްކުރާ ފަރާތުން އެބަ އިން މިހާރު 15 ބޯޅަ ފޮނުވާފައި. ދެން އަޅުގަނޑުމެން މިހާރު މިގެންނަނީ އިތުރު 20 ބޯޅަ. މި ބަލަނީ ކުރިއަށް ހުރި ޕްރެކްޓިސްތަކުގައި އެއްވެސް ކުޅުންތެރިއަކު އެހެން ބޯޅައެއް ބޭނުން ނުކޮށް، ފަރިތަކުރުންތަކާއި، އަދި މުބާރާތުގެ ކުރިން ކުޅެން ރާވަފައިވާ އެކުވެރިކަމުގެ މެޗުތަކުގައިވެސް މި ބޯޅަ ބޭނުން ކުރުން،" ސުޒޭން ވިދާޅުވި އެވެ.

ނިވިއާ ސިމްބޯލޯއަކީ، 2012 ވަނަ އަހަރު އިންޑިއާގެ އައި-ލީގު ދެވަނަ ޑިވިޝަނާއި، އެގައުމުގެ ރަންޗީގައި 2011 ވަނަ އަހަރު ބޭއްވި ނޭޝަނަލް ގޭމްސްގައާއި، ކަލްކަތާގައި އާޖެންޓީނާއާއި ވެނެޒުއޭލާ ކުޅުނު ބައިނަލްއަގްވާމީ އެކުވެރި ކަމުގެ މެޗާއި، ޑާކާގައި އާޖެންޓީނާއާއި ނައިޖީރިއާ ކުޅުނު ބައިނަލްއަގްވާމީ އެކުވެރި ކަމުގެ މެޗުގެ އިތުރުން ސިންގާ ކަޕާއިން އަދި ސާފް ގޭމްސްގައިވެސް އޮފިޝަލް ބޯޅައިގެ ގޮތުގައި ބޭނުންކުރި ބޯޅަ އެވެ.