މާލޭގައި ހުންނަ ދަރުމަވަންތަ މިސްކިތުގައި ހުކުރު ކުރަމުންދަނީ ހުއްދަ ނެތް އިމާމުން ކަމަށާއި އެކަން ހުއްޓުވަންޖެ ހޭކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

"ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ ދަރުމަވަންތަ މިސްކިތުގައި އެހެން މިސްކިތްތަކާ ހިލާފަށް ހުކުރު ކުރަމުންދާތީ އެކަން ހުއްޓުވަން ޖެހޭ ކަމަށެވެ. އަދި އެ މިސްކިތުގައި ހުކުރު ކުރަނީ އިސްލާމިކް މިނިސްޓްރީ އިން ހުއްދަ ދީފައިނުވާ އިމާމުން ކަމަށާއި އަދި އެބޭފުޅުންގެ ހުތުބާތަކުގައި ހަރުކަށި ވާހަކަތައް ދައްކާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"ސުންނަތް ޖަމާއަތުގެ އަގީދާގެ މަތިން ރާއްޖޭގެ ކަންތައްތައް ހިނގަމުން މިއަންނަނީ، ހާއްސަކޮށް ދީނާ ގުޅޭ ކަންތައްތަކުގައި. ދެން މިސްކިތްތަކުގެ އިމާމުންގެ ފަހަތުގައި ނަމާދު ނުކުރަންވެގެން ގޮސް ވަކިން އެހެންތަނެއްގައި ނަމާދުކޮށް ޖަމާއަތް ހަދާ ހެދުމާއި، ހުކުރު ކުރުމުގެ ހުއްދަ އޮންނަ މީހުންނެއް ވެސް ނޫން އެ ހުކުރުކޮށް، އަނެއްކާ އެހާ ރަނގަޅަށް ކިޔަވައިގެން ތިބި މީހުން ވެސް ނޫން. އަނެއްކާ އެމީހުންގެ ހުތުބާގައި ބައެއް ދުވަސްދުވަހު ވަރަށް ހަރުކަށި ވާހަކަތައް އަންނަ ވާހަކަ ވެސް އަޅުގަނޑަށް މައުލޫމާތް ލިބިފައި އެބަހުރި،" ޝަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކަން ހުއްޓުވަން ބަލާ އިރު މިސްކިތްތައް މިހާރު ހުންނަނީ ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިކަމުން އެމިސްކިތަކުގައި ކުރާ ނޭދެވޭ ކަންކަން ހުއްޓުވުމުގެ ބާރު ލިބެނީ ވަނީ މާލޭގައި ނަމަ، ސިޓީ ކައުންސިލަށް ކަމަށެވެ. އަދި ތަފާތު އިލްމެރިން މެދުވެރިކޮށް އެގޮތަށް ނަމާދުކޮށް ހަދާ ފަރާތްތައް އިސްލާހުކުރުމަށް މަސައްކަތްކޮށްފައިވާނެ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

އެމައްސަލައާ ގުޅޭ ގޮތުން ސިޓީ ކައުންސިލްގެ ބަހެއް ހޯދުމަށް އެކައުންސިލްގެ ވަކިވަކި މެމްބަރުންނަށް އެކި ފަހަރު މަތިން ގުޅުމުން ވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާ ގުޅިގެން އެކައުންސިލްގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފަ އެވެ.

ދަރުމަވަންތަ މިސްކިތުގައި ހުކުރު ކުރަމުންދަނީ އެހެން މިސްކިތްތަކާއި ހިލާފަށެވެ. އެގޮތުން އެ މިސްކިތުގައި މެންދުރު ނަމާދު ބަންގިއާ އެކު ހުތުބާ ކިޔަން ފަށަ އެވެ. އަދި އެހެން މިސްކިތްތަކަށް ވުރެ މާ އަވަހަށް އެ މިސްކިތުގައި ހުކުރުކޮށް ނިންމާ އިރު ގިނަ އަދަދެއްގެ ބަޔަކު އެމިސްކިތަށް ހުކުރުކުރަން ދާކަން ފާހަގަވެ އެވެ.