ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީ އާއި މައިނޯރިޓީ ޕާޓީ ޕީޕީއެމުން އެއްބަސްވެގެން، ބޭނުުންވާހާ ގޮތަކަށް މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެންބަރުން ބަހަން އެއްބަސްވިޔަސް، ޑީއާރްޕީއަކުން އެ ކަމަށް އެއްބަސްނުވާނެ ކަމަށް އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ އަދަދަށް އައި ބަދަލާ ގުޅިގެން މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް އަލުން މެންބަރުން ކަނޑައެޅުމަށް ޓަކައި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އެ މަސައްކަތް ހަވާލު ކުރައްވާފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާ އެވެ. ޕާޓީތަކާ މަޝްވަރާކޮށްގެން ކޮމެޓީތަކަށް މެންބަރުން ހަމަޖެއްސިއިރު، މާލިއްޔަތު ކޮމެޓީ އަށް މެންބަރުން އައްޔަން ކުރި ގޮތާމެދު ޑީއާރްޕީއާ އެކު ވަނީ އެއްބަސްވުމަކަށް ނާދެވި އެވެ.

"ސަން"އަށް ދެއްވި އިންޓަވިއުއެއްގައި ތަސްމީން ވިދާޅުވީ މާލިއްޔަތު ކޮމެޓީގައި ހިމެނޭ 11 ގޮނޑީގެ ތެރެއިން ޕީޕީއެމަށް ފަސް ގޮނޑި ދީފައި ޑީއާރްޕީ އަށް އެންމެ ގޮނޑިއެއް ދޭ ގޮތަށް އެމްޑީޕީއާ އެކު ޕީޕީއެމުން އެއްބަސްވެފައިވާ ކަމަށެވެ. ޑީއާރްޕީގެ ރުހުމާ ނުލައި އެފަދަ ކަމެއް ނުކުރެވޭނެ ކަމަށާއި އެއީ ޑީއާރްޕީން ދޫދޭނެ ކަމެއް ނޫން ކަމަށް ތަސްމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެގޮތަކަށް އެއްބަހެއް ނުވާނަން. މަޖިލީހުގެ ތެރޭގައި މީގެ ކުރިން އަމަލު ކުރަމުން ގެންދިޔަ ގޮތާ ހިލާފަށް ހަމައެކަނި، އެމްޑީޕީއާ ގުޅިގެން އަގުލަބިއްޔަތު ހޯދައިގެން އެފަދަ ކަންކަން ނިންމިދާނެ ކަންނޭގޭ. އެހެން ނިންމާފިއްޔާ މިހާތަނަށް އަޅުގަނޑުމެން އެންމެން އެއްބަސްވެގެން އަމަލު ކުރަމުން ގެންދިޔަ އުސޫލާ ހިލާފުވީ،" ޑީއާރްޕީގެ ލީޑަރު ވިދާޅުވި އެވެ.

މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް "ސަން"އަށް އިއްޔެ ވިދާޅުވީ ޕާޓީތަކުގެ މެދުގައި އެންމެ ބޮޑު ހިޔާލުތަފާތުވުމެއް އުފެދިގެން ދިޔަ ނަމަވެސް އެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިސް ފަށާ އިރު ހުރިހާ ކޮމެޓީތަކުގެ މަސައްކަތް ވެސް ފަށާނެ ކަމަށެވެ.

މަޖިލީހުގެ ކޮމެޓީތަކަށް މެންބަރުން ކަނޑައަޅަނީ މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ މެންބަރުންގެ އަދަދަށް ބަލައިގެންނެވެ. މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގައި މިހާރު ތިއްބެވީ 33 މެންބަރުންނެވެ. އަދި ޕީޕީއެމްގައި ތިއްބެވީ 18 މެންބަރުންނެވެ. އަދި ޑީއާރްޕީގައި ތިއްބެވީ ނުވަ މެންބަރުންނެވެ. ޖޭޕީގައި ތިއްބެވީ ތިން މެންބަރުންނެވެ.