11 Aug 2013, 10:48
މުވައްޒަފުން މަސައްކަތް ކުރާ ވަގުތު އިތުރުކުރުމާ ގުޅިގެން ހދ. ކުޅުދުއްފުށީގައި ހުންނަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ޏ. ފުވައްމުލަކުގައި ހުންނަ ޏ. އަތޮޅު ހޮސްޕިޓަލުގެ ނަރުހުންނާއި އެހެން ބައެއް މުވައްޒަފުން ހަޅުތާލު ކުރަމުން އެބަދެ އެވެ.
ފުވައްމުލަކު ހޯދަނޑު ކައުންސިލްގެ ރައީސް މުހައްމަދު އިބްރާހީމް މިއަދު ސަން އަށް ވިދާޅުވީ ހޮސްޕިޓަލުގެ މުވައްޒަފުން ހަޅުތާލުކުރަން ފެށީ އެމީހުން މަސައްކަތް ކުރަން ޖެހޭ ވަގުތު އަށް ގަޑި އިރުން 10 ގަޑި އިރަށް އިތުރުކޮށް، އިތުރުގަޑީގެ ފައިސާ ގަޑިއަކަށް ޖެހޭ މިންވަރު ވެސް މަދުކުރުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ހޮސްޕިޓަލުގެ ނަރުހުންނާއި ބައެއް އެހެން މުވައްޒަފުން ހަޅުތާލު ކުރަމުން ދިޔަ ނަމަވެސް ހޮސްޕިޓަލް އަދި ބަންދު ނުކުރާ ކަމަށާއި ކޮންމެވެސް ސިފައެއްގައި ހިދުމަތް ދެމުން އަންނަ ކަމަށެވެ.
"ހޮސްޕިޓަލުގެ ހުރިހާ ނަރުހުންނާއި އެހެން މުވައްޒަފުން މިއަދު ތިބީ ހަޅުތާލުގައި. އެހެން ނަމަވެސް ހޮސްޕިޓަލުގެ ހިދުމަތް އަދި މުޅިން ހުއްޓައެއް ނުލާ، އެބޭފުޅުންގެ ޑިމާންޑަކީ ސިވިލް ސާވިސްގެ އެހެން މުވައްޒަފުންނާ އެބޭފުޅުންނާ ތަފާތު ނުކުރުން،" ސަން އާ ވާހަކަ ދައްކަވަމުން މުހައްމަދު އިބްރާހިމް ވިދާޅުވި އެވެ.
ހދ. ކުޅުދުއްފުށިން ވާހަކަ ދެއްކެވި އެ ރަށު ކައުންސިލްގެ ނައިބު ރައީސް ފާރޫގު މުހައްމަދު ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުންނާއި އެމީހުން އާއިލާތަކުން ހޮސްޕިޓަލުގެ ބޭރުގައި މުޒާހަރާ ކުރަމުން އެބަދާ ކަމަށާ އެހެން ނަމަވެސް ހޮސްޕިޓަލް އަދި ބަންދު ނުކުރާ ކަމަށެވެ.
"އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހޮސްޕިޓަލް އަދި ބަންދެއް ނުކުރޭ، އެހެން ނަމަވެސް ހިދުމަތް ވަނީ ވަރަށް ބޮޑަށް ދަށް ވެފައި، ނަރުހުންނާއި ނަރުހުންގެ އާއިލާތަކުން ދަނީ މުޒާހަރާ ކުރަމުން،" ފާރޫގު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު ހަސަން ވިދާޅުވީ ޑިއުޓީތަކަށް ގެނައި ބަދަލަކާ ގުޅިގެން ނަރުހުންނާއި އާއްމުންގެ ބައެއް މީހުން ހެނދުނު ހޮސްޕިޓަލަށް އައިސް ޝުއޫރު ފާޅުކުރި ކަމަށެވެ.
"ޑިއުޓީތަކަށް ގެނައި ބަދަލަކާ ގުޅިގެން، ނަރުހުންނާއި ބައެއް އާއްމުން މިއަދު ހޮސްޕިޓަލަށް އައިސް ޝުއޫރު ފާޅުކުރި، އެހެން ނަމަވެސް މިހާރު އެބޭފުޅުން ފެންނާކަށް ނެތް، އަޅުގަނޑަކަށް ނޭނގޭ ހޮސްޕިޓަލުގެ ބޭރުގައި ނެތް ކަމެއް،" މުހައްމަދު ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޑިއުޓީތަކަށް ގެނައި ބަދަލުގެ ސަބަބުން މަސައްކަތް ކުރަން ޖެހޭ ގަޑި އިތުރުވި ނަމަވެސް އިތުރުވާ ގަޑިއަށް، އިތުރުގަޑީގެ ފައިސާ ދޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.