11 Aug 2013, 10:44
ކެނެޑާގެ ގެއެއްގައި ނިދާފައި ތިއްބާ، ހަރުފައެއް ހަމަލާދީ މަރާލި ދެބެއިންގެ ޖަނާޒާ ބާއްވައިފި އެވެ.
ކެނެޑާގެ ކޭމްޕްބެލްޓަންގައި ބޭއްވި ޖަނާޒާގައި ދެބެއިން ވަޅުލާފައި ވަނީ އެއް ސަންދޯކެއްގަ އެވެ. ހަރުފަ މަރާލާފައިވާ ދެބެއިންނަކީ އުމުރުން ހަ އަހަރުގެ ކޮނާ ބާތު އާއި ކޮނާގެ ހަތަރު އަހަރުގެ ކޮއްކޮ ނޮއާ ބާތު އެވެ.
ދެބެއިން މަރުވެފައިވާ ކަން އެނގުނީ ހޯމަ ދުވަހުގެ ހެނދުނު އެވެ.
އޭރު ލަފާކުރެވުނީ ދެބެއިން ނިދާފައި ތިބި އެޕާޓްމަންޓްގެ ތިރީގައި ހުންނަ ޕެޓް ޝޮޕަކުން ފިލި ހަރުފަ ވެންޓިލޭޝަން ޝެފްޓަކުން އެއެޕާޓްމަންޓުގެ ތެރެއަށް ވަދެ ދެބެއިން މަރާލީ ކަމަށެވެ.
ނަމަވެސް އިއްޔެ ކެނެޑާގެ ފުލުހުން ބުނީ އެ ހަރުފައަކީ ދެބެއިން ނިދާފައި ތިބި އެޕާޓްމަންޓުގައި ހުންނަ ބިއްލޫރި ޓޭންކެއްގައި ގެންގުޅުނު ހަރުފައެއް ކަމަށާއި ހަރުފަ ޓޭންކުން ނުކުމެފައި ވަނީ ޓޭންކުގެ ބިއްލޫރި ތަޅައިގެން ދިއުމުގެ ސަބަބުން ކަމަށެވެ.
ދެބެއިން ޕޯސްޓް މޯޓެމްއިން ދައްކާ ގޮތުގައި ދެބެއިންވެސް މަރުވެފައި ވަނީ ނޭވާ ހާސްވެގެން ނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ދެބެއިންނަށް ހަމަލާދިން ހަރުފައަކީ އެފްރިކަން ރޮކް ޕައިތަން އެކެވެ. މިހަރުފައިގެ ދިގުމިނުގައި 14 ފޫޓު ހުރި އިރު، ހަރުފަ ދެބެއިން މަރާލާފައި ވަނީ ނޭވާ ހާސްކޮށްލައިގެން ނެވެ.
މިހާދިސާއާއި ގުޅިގެން ކެނެޑާގެ ރޯޔަލް ކެނޭޑިއަން މައުންޓެޑް ޕޮލިހުން ވަނީ ޖިނާއީ ތަހުގީގެއް ފަށާފަ އެވެ. ކެނެޑާގެ ބައެއް ނޫސްތަކުން ބުނީ ދެބެއިންނަށް ހަމަލާދިން ހަރުފަ މިހާރު ނައްތާލާފައިވާ ކަމަށެވެ.