11 Aug 2013, 10:39
ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ މަޝްހޫރު ރާޅާ އެޅުންތެރިން ބައިވެރިވާ "ފޯސީޒަން ރިޒޯޓްސް މޯލްޑިވްސް ސާފިން ޗެމްޕިއަންސް ޓްރޮފީ" މިމަހުގެ 26 ވާ ހޯމަ ދުވަހު ފަށަން ނިންމާފައިވާ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.
ފޯސީޒަން ރިޒޯޓްސްގެ ސޭލްސް އެންޑް މާކެޓިން އެގްޒެކްޓިވް ވަސީމް ސޭޚް މިއަދު "ސަން"އާ ވާހަކަ ދައްކަމުން ވިދާޅުވީ މިއަހަރުގެ މުބާރާތް މިފަހަރު ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރީ އަހަރު ތަކެކޭ ވެސް އެއްގޮތަށް ކަމަށާއި އެގޮތުން މުބާރާތް ކުރިއަށް ދާނީ މި މަހުގެ 26 އިން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި މިފަހަރު ވެސް މުބާރާތް ކުރިއަށް ދާނީ ކުޑަހުރާ ރިސޯޓް ކައިރީ އޮންނަ ރާޅާ އާޅާ ފޮއިންޓުގައި ކަމަށް ވަސީމް ސޭޚް ވިދާޅުވި އެވެ.
ވަސީމް ސޭޚް ވިދާޅުވީ މިއަހަރުގެ މުބާރާތުގައި ބައިވެރި ވުމަށް އެދި ދުނިޔޭގެ މަސްހޫރު ރާޅާ އެޅުންތެރިންނަށާއި ދިވެހި ރާޅާ އެޅުންތެރިންނަށް ވެސް މިހާރު ދައުވަތު ދީފައިވާ ކަމަށެވެ.
"އެހެން އަހަރުތަކަށް ވުރެ މިފަހަރުގެ މުބާރާތުގައި ގިނަ ރާޅާ އެޅުންތެރިން ބައިވެރިވާނެ ކަމުގެ އުންމީދު އެބޮތް. ރާއްޖޭގެ ރާޅާ އެޅުންތެރިންނަށް ވެސް މުބާރާތުގައި ބައިވެރިވުމަށް ދައުވަތު ދީފަ މީހާރު ވާނީ،" ވަސީމް ސޭޚް ވިދާޅުވި އެވެ.
ވަސީމް ސޭޚް ވިދާޅުވީ، މި އަހަރުގެ މުބާރާތުގައި ވެސް ތިން އިވެންޓެއްގައި ބައިވެރިން ވާދަކުރާ އިރު، އެއް ވަނަ އަށްދާ ފަރާތަކަށް 25،000 ޑޮލަރުގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ދިވެހި ރާޅާ އެޅުންތެރިންގެ ތެރިންގެ އެންމެ މޮޅު ރާޅާ އެޅުންތެރިއަކަށް 25،000ރ.ގެ ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ރިސޯޓުން އެންމެ ފަހުން ބޭއްވި ރާޅާ އެޅުމުގެ މުބާރާތުގައި ރާޅާ އެޅުމުގެ ދުނިޔޭގެ ޗެމްޕިއަންކަން ކުރިން ހޯދާފައިވާ ފަސް ރާޅާ އެޅުންތެރިން ވާދަކޮށްފައިވެ އެވެ. އެގޮތުން ރާޅާ އެޅުންތެރިންނަކީ 1999 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި އޮސްޓްރޭލިއާގެ މާކް އާއި ތިން ފަހަރެއްގެ މަތިން ވޯލްޑް ޗެމްޕިއަންކަން ހޯދީ އެމެރިކާގެ ޓޮމް ކުރީންނާއި 1998 ވަނަ އަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދި މާޓިން ޕޮޓާ އާއި 2007 ވަނަ އަހަރު ލޯގް ބޯޑް މާސްޓާގެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ބްރެޒިލްގެ ފިލް ރަޒްމަން އަދި ދެ ފަހަރު ވޯލްޑް ޗެމްޕިއަންކަން ހޯދި އޮސްޓްރޭލިއާގެ ދަމިން ހާޑްމަންއެވެ.
"ފޯ ސީޒަންސް ރިސޯޓްސް މޯލްޑިވްސް ސާފިން ޓްރޮފީ"ގެ ނަމުގައި ފަސް ތަރީގެ އެރިސޯޓުގައި 2011 އަދި 2012 ވަނަ އަހަރު ވެސް ވަނީ ދުނިޔޭގެ މަސްހޫރު ރާޅާ އެޅުންތެރިން ބައިވެރި ކޮށްގެން ރަނގަޅު ފެންވަރެއްގެ މުބާރާތެއް ބާއްވާފަ އެވެ. އެގޮތުން 2011 ވަނަ އަހަރު ބޭއްވި މުބާރާތުގެ ސިންގަލް ފިން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ދުނިޔޭގެ ކުރީގެ ޗެމްޕިއަން އޮސްޓްރޭލިޔާގެ މާކް އޮޗިލޮޕޯ (އޮކީ) އެވެ. އަދި 2012 ވަނަ އަހަރުގެ ސިންގަލް ފިން ބައިގެ ޗެމްޕިއަންކަން ހޯދާފައި ވަނީ އޮސްޓްރޭލިއާގެ ދަމިން ހާޑްމަން އެވެ. އަދި އެ ފަހަރު ފިން ބައިގެ ޗެމްޕިއަންކަން ހޯދި އޮސްޓްރޭލިއާގެ ދަމިން ހާޑްމަންއަކީ ދެ ފަހަރު މަތިން ވޯލްޑް ޗެމްޕިއަންކަން ހޯދާފައިވާ ރާޅާއެޅުންތެރިއެކެވެ.