11 Aug 2013, 10:31
ރާއްޖޭގެ ގައުމީ ބާސްކެޓްބޯޅަ ޓީމާއި އަވައްޓެރި ސްރީލަންކާގެ އެވަންޓް ބާސްކެޓްބޯލް ކްލަބް ރޭ ކުޅުނު ރަހުމަތްތެރި ކަމުގެ މެޗުން ރާއްޖެ ބަލިވެއްޖެ އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު 25 ޕޮއިންޓު 24 ޕޮއިންޓުން ކުރި ހޯދީ ރާއްޖެ އެވެ. ދެ ވަނަ ކުއާޓާގައި ރާއްޖެ ކުރީގައި އޮތީ 44 ޕޮއިންޓު 40 ޕޮއިންޓުންނެވެ. އެހެން ނަމަވެސް ތިން ވަނަ ކުއާޓަރު ނިމުނުއިރު އެވަންޓް ވަނީ 55 ޕޮއިންޓުން 63 ޕޮއިންޓުން ކުރި ހޯދައިފަ އެވެ. އަދި ފަހު ކުއާޓާއިން ރާއްޖެ ބަލިވީ 82 ޕޮއިންޓު 80 ޕޮއިންޓުންނެވެ.
ރޭގެ މެޗުގައި ރާއްޖެ އަށް އެންމެ ގިނަ ޕޮއިންޓް ހޯދަދިނީ އިލްޔާސް އިބްރާހިމް (އިއްލަ) އެވެ. އޭނަ ވަނީ މެޗުގައި ޖުމްލަ 23 ޕޮއިންޓް ހޯދައިދީފައެވެ. އަދި ރޭގެ މެޗުގައި ލަންކާގެ ޓީމަށް އެންމެ ގިނަ ޕޮއިންޓު ހޯދަދިނީ ޕިލިޕްއެވެ. އޭނާ ވަނީ މެޗުގައި 21 ޕޮއިންޓު ހޯދައިދީފަ އެވެ.
ބާސްކެޓް އެސޯސިއޭޝަނުން ބުނީ، ލަންކާގެ އެވަންޓު ޓީމުން ރާއްޖެއަށް ކުރާ މިދަތުރުގައި މިރޭ ވެސް ރާއްޖޭގެ ރަހުމަތެރި ކަމުގެ މެޗެއް ކުޅޭނެއެވެ.