އިންޑޮނޭޝިއާގައި ހުރި އަލިފާން ފަރުބަދައެއް ގޮވައި، އަޅި ފޭބުމުގެ ސަބަބުން ހަތަރުމީހުންނާއި ކުޑަކުއްޖަކު މަރުވެއްޖެ އެވެ.

އިންޑޮނޭޝިއާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ ޖަކާޓާގެ އިރުމަތިން 1250 މޭލު ދުރުގައި އޮންނަ ކުޑަ ރަށެއް ކަމަށްވާ ޕާލޫގައި ހުންނަ، މައުންޓް ރޮކަޓެންޑާ ނަމަކަށް ކިޔާ އަލިފާން ފަރުބަދަ ގޮވައި ކައިރީގައިވާ ގޮނޑުދޮށެއް އަޅިން ފޮރުވިފައިވާ ކަމަށެވެ.

އިންޑޮނޭޝިއާގެ ޑިޒާސްޓާ މެނޭޖްމެންޓް އެޖެންސީގެ އޮފިޝަލުން ބުނިކަމަށް ބީބީސީން ބުނީ ހަތަރު މީހުންނާއި ކުޑަކުއްޖާ މަރުވީ ގޮނޑު އަލިފާން ފަރުބަދަ ގޮވައި، ފޭބި ހޫނު އަޅިން ގޮނޑުދޮށް ފޮރުވުމުން ކަމަށެވެ.

މައުންޓް ރޮކަޓެންޑާ އަށް މިދިޔަ އަހަރުން ފެށިގެން ލޮޅުންތައް އަންނަމުން ދިޔަ ކަމަށް އިންޑޮނޭޝިއާގެ ވޯލްކެނޮލޮޖީ އެޖެންސީއާ ހަވާލާދީ ނޫހުގައިވެ އެވެ. އެ އެޖެންސީގެ ތަރުޖަމާނެއް ކަމަށްވާ ސުރޫނޯ ވިދާޅުވެފައި ވަނީ އަލިފާންފަރުބަދަ ހުރި ސަރަހައްދުގައި ދިރިއުޅޭ މީހުން ތިބީ ފަރުބަދައިގެ ހަރަކާތްތަކަށް ހޭނިފައި ކަމަށާއި އެ ސަރަހައްދު ދޫކޮށް ދިއުމަށް އަންގާފައިވާ އެންގުމަށް ބައެއް މީހުން ތަބާވެފައި ނުވާ ކަމަށެވެ.

ރޮކަޓެންޑާ އަލިފާން ފަރުބަދަ މިފަހަރު ގޮވަން ފެށީ ހުކުރު ދުވަހު ކަމަށާއި އެގޮވުން ހަތަރު ގަޑިއިރަށް ދެމިގެން ދިޔަ ކަމަށް އިންޑޮނޭޝިއާގެ އޮފިޝަލުން ބުންޏެވެ.

އަލިފާން ފަރުބަދައިގެ އަސަރުކޮށްފައިވާ ސަރަހައްދުތައް ދޫކޮށް ދިއުމަށް ސުރޫނޯ ވަނީ ގޮވާލައްވާފަ އެވެ. އެއީ ފަރުބަދަ އަނެއްކާ ވެސް ގޮވާނެ އިރެއް ލަފާކުރަން ނޭނގޭތީ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އާބާދީގައި 10،000 މީހުން ދިރިއުޅޭ ޕާލޫއަކީ އިންޑޮނޭޝިއާގެ އިރުމަތީގައިވާ ނޫސާ ޓެންގާރާ ޕްރޮވިންސްގެ މައިރަށް، ފްލޮރެސްގެ ކައިރީގައިވާ ފުޅާމިނުގައި އެންމެ ހަތަރުކިލޯމީޓަރު ހުންނަ ރަށެކެވެ.

ޕާލޫގެ އަލިފާން ފަރުބަދަ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާއި މި އަހަރުގެ މާޗްމަހު ގޮވުމުގެ ސަބަބުން އެތައް ސަތޭކަ ބަޔަކު އެރަށް ދޫކޮށް ގޮސްފައިވެ އެވެ. އަދި އެކަމުގެ ސަބަބުން މަސްވެރިކަމާއި ދަނޑުވެރިކަމަށް އަސަރުކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގައި ހަރަކާތްތެރިވާ އިންސާނީ އެހީދޭ ޖަމާއަތެއް ކަމަށްވާ އެކްޓް އެލަޔަންސް އިން ވަނީ ބުނެފަ އެވެ.