ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމްގެ ޕްރެކްޓިސްތައް އިއްޔެ ފެށިއިރު، ނިއުރޭޑިއަންޓްގެ އިސްމާއީލް އީސާ (މެސީ) ނޫން ހުރިހާ ކުޅުންތެރިންވެސް ފިޓް ކަމަށް ގައުމީ ޓީމްގެ ފިޒީޝަން އަހްމަދު ޝަކީބް ވިދާޅުވެއްޖެ އެވެ.

ގައުމީ ޓީމްގެ ތަޖުރިބާކާރު "ޑޮކްޓަރު" ޝަކީބް ވިދާޅުވީ، ޖުމްލަ ގޮތެއްގައި ހުރިހާ ކުޅުންތެރިންގެ ހާލަތު ވެސް ރަނގަޅު ކަމަށާއި، އީސަ މެޗުގައި ކުޅޭނެތޯ ނޫންތޯ ބުނަން އެނގޭނީ އިތުރު ޓެސްޓުތައް ހެދުމަށްފަހު ކަމަށެވެ.

"ޖުމްލަކޮށް ހުރިހާ ކުޅުންތެރިން ވެސް ރަނގަޅު. ހަމަ އެކަނި އަނިޔާގައި ކޮންމެވެސް ވަރަކަށް ހުރެ، ރިކަވަރީ ވަމުން އަންނަ ކުޅުންތެރިއަކީ މެސީ. ދެން މެސީ ވެސް މިހާރު ކޮންމެ ވެސް ވަރަކަށް ކޯޗާއެކު ފިޒިކަލް ޓްރޭނިންތައް ހަދަމުން އެ އަންނަނީ. ކުޑަ ކުޑަ ތަދެއް އޭނަގެ އެބަހުރި،" ޝަކީބު ވިދާޅުވި އެވެ.

އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ފަރިތަކުރުން ފެށުމުގެ ކުރިން ގައުމީ ޓީމްގެ ކޯޗު އިސްތަވާން އުރުބުނީ ވެސް ބުނެފައި ވަނީ، ޓީމުގައި މިވަގުތު އަނިޔާގައި ހުރި ހަމައެކަނި ކުޅުންތެރިއަކީ އީސަ ކަމަށާއި އޭނާއަށް ހާއްސަ ސަމާލުކަމެއް ދީގެން ތަމްރީނުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"އަހަރެންގެ ޒިންމާއަކީ އޭނާގެ ފިޒިކަލް ފިޓްނަސް އަނބުރައި ހޯދައިދިނުން. ގޮތެއް ނިންމާނީ މެޑިކަލް ޓީމުން. އެ މީހުން އެކްސްރޭ އެއް ނަގާފައި މައްސަލައެއް ހުރިއްޔާ ބުނާނެ،" ކޯޗު ބުންޏެވެ. "އަހަރެން ބޭނުން މެސީ ތައިލެންޑުގައި އޮންނަ ފަރިތަކުރުންތަކުގައި ބައިވެރިކުރަން. އަދި އެތަނުގައި ބާއްވާ އެންމެ ފަހު މެޗުގައި އޭނާއަށް ކުޅެވިއްޖިއްޔާ ޓީމުގައި ހިމެނުމުގެ ފުރުސަތު އޮންނާނެ. އެއީ މުހިއްމު ކުޅުންތެރިއެއް."

ގައުމީ ޓީމުގެ ފިޒީޝަން ވިދާޅުވީ، އިސްމާއީލް އީސާއަށް މިހާރު ލިބިފައިވާ އަނިޔާއަށްވުރެ އޭނާ ލައްވައި ކުޅުވުމުގެ ސަބަބުން އިތުރު އަނިޔާއެއް ލިބޭނެކަމަށް ބެލެވޭ ނަމަ އޭނާ ލައްވައި ނުކުޅުވާނެ ކަމަށެވެ.

"އެއްވެސް ހާލެއްގައި ކުޅުމުގެ ސަބަބުން މެސީއަށް އިތުރު އަނިޔާއެއް ނުވަތަ ވެފަހުރި ގެއްލުމަށްވުރެ އިތުރު ގެއްލުމެއް އޭނާއަށް ވާނެކަމަށްވަންޏާ ކޮންމެ ގޮތެއްވިޔަސް އޭނާ ލައްވައި ގައުމީ ޓީމަކަށް ނުކުޅުވާނެ،" ޝަކީބް ވިދާޅުވި އެވެ. "ދެން އަޅުގަނޑުމެން އޮންނާނީ އައިޖީއެމްއެޗްގެ ކަށީގެ ޓީމުން ވެސް އިސްކޮށް ތިއްބެވި ފަރާތްތަކާ ވާހަކަ ދައްކާފައި. ދެން އެކޮޅުން ވެސް ބަހެއް ލިބިގެން އަޅުގަނޑުމެން ސީދާ މެސީ ލައްވައި ކުޅޭނެތޯ ނުކުޅުވާނެތޯ ނިންމާނީ."

ގައުމީ ޓީމާއެކު ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައިވާ ޓީމުގެ ފިޒީޝަން ވިދާޅުވީ، ނޭޕާލަކީ ރާއްޖެއަށްވުރެ އުސް ގައުމަކަށްވުމުން، މާހައުލަށް އަންނަ ބަދަލާ ގުޅިގެން ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ އުނދަގުލެއް އިހްސާސް ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް ޓީމުންދާނީ އެހުރިހާ ކަމަކަށް ތައްޔާރުވެގެން ކަމަށްވުމުން އެފަދަ ކަމަކުންވެސް މައްސަލައެއް ނުކުންނާނެ ކަމަށް ނުބެލެވޭ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމާއި ރާއްޖޭގައި ތިބި ބިދޭސީ ކުޅުންތެރިން ހިމަނައިގެން ހަދާ ޓީމަކާއެކު މިމަހުގެ 15 ވަނަ ދުވަހު މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ތައިލެންޑްގައި ކޭމްޕު ކުރުމަށް ގައުމީ ޓިމް ފުރުމަށް ހަމަޖެހިފައިވަނީ، މިމަހުގެ 16 ވަނަ ދުވަހު އެވެ.