ބަޣްދާދު (އޮގަސްޓް 11): ޢިރާގުގެ ވެރިރަށް ބަޣްދާދުގެ ބައެއް ސަރަހައްދުތަކަށް ފިތްރު ޢީދާ ދިމާކޮށް ދިން ބޮމުގެ ޙަމަލާތަކުގައި 60 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ ބަޔަކު ޒަޚަމްވެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.
ޢިރާޤުގެ ސަލާމަތީ ބާރުތަކުން ބުނީ ހަމަލާތައް އަމާޒުކުރި ތަންތަނުގެ ތެރޭގައި ގިނައީ ކެފޭ ރެންޓޯރެންޓްތަކާއި ބާޒުތަކާއި ކުޅިވަރުކުޅޭ ތަންތަން ކަމުގަ އެވެ. އަމިއްލައަށް މަރުވެގެން ދީފައިވާ ބޮމުގެ މިޙަމަލާތައް އަމާޒުކޮށްފައި ވަނީ ބަޣްދާދުގައި ޝިޔަޢީން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށާ މިއީ ބަރަކާތްތެރި ފިތްރު ޢީދާ ދިމާކޮށް ވީހާ ގިނަ ޢަދަދަކަށް މީހުން މެރުމަށް ދިން ޙަމަލާތަކެއް ކަމަށް ބެލެވޭކަމަށް ޢިރާޤުގެ ސަލާމަތީ ބާރުތަކުން ބުނެ އެވެ. މުރާސިލުން ވަނީ މިއީ ޢިރާޤުގެ ސުންނީންނާއި ޝިޔަޢީންނާ ދެމެދު ހިނގަމުންދާ މަޛްހަބީ އަރާރުމާއި މަޛްހަބީ ލޭއޮހޮރުވުންތަކުގެ ބައެއް ކަމަށް ސިފަކޮށްފަ އެވެ.

އެމެރިކާ ޢިރާޤަށް އަރައި ޢިރާޤުގެ ކުރީގެ ރައީސް ސައްދާމް ޙުސައިންގެ ސަރުކާރު ވައްޓާލުމަށް ފަހު ސުންނީންނާއި ޝިޔަޢީންގެ މަޛްހަބީ އަރާރުންތައް ޢިރާޤުގައި ވަނީ ކޮންޓްރޯލުން ބޭރުވެ ހައްދުން ނައްޓާފަ އެވެ. ސައްދާމުގެ ދުވަސްވަރުގައި ޝިޔަޢީންނަށް އަނިޔާވެރިވެ އެމީހުން ނިކަމެތި ކުރިކަމުގެ ތުހުމަތު ސައްދާމުގެ މައްޗަށް ކުރެވިފައިވެ އެވެ. އަދި އެމެރިކާ ސިފައިން ޢިރާޤަށް އަރައި ގަތުމަށް ތާއީދު ކުރިކަމުގެ ތުހުމަތު ޢިރާޤުގެ ޝިޔަޢީންގެ މައްޗަށް ކުރެވިފައިވެ އެވެ.

ޢިރާޤުގެ ސަލާމަތީ ބާރުތައް ބުނާގޮތުން ފިތްރު ޢީދާ ދިމާކޮށްބަޣްދާދުގެ ޝިޔަޢީންގެ ސަރަހައްދުތަކުގެ ތެރެއިން 12 ތަނެއްގައި އަމިއްލައަށް މަރުވެގެން ބޮންތައް ގޮއްވާލާފައިވެ އެވެ. މިޙަމަލާތަކުގެ ފަހަތުގައިވާ ކަމަށް ތުހުމަތު ކުރެވިފައި ވަނީ ޢިރާޤުގައި ހަރަކާތްތެރިވާ އަލްޤާޢިދާގެ ހަނގުރާމަވެރިން ކަމަށް ޢިރާޤު ސަރުކާރުން ތުހުމަތު ކުރެ އެވެ. (ނޫސްއެޖެންސީތައް)