12 Nov 2010, 19:28
23:31-
ލ. ގަމު ތުނޑީ ބަނަދަރުން 11 މީހުންނާއެކު އެ އަތޮޅު މާބާއިދޫއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސް އޭގައި ދަތުރުކުރި އެންމެން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފި އެވެ.
އަތޮޅު ކައުންސިލަރު އަބްދުލް ވައްހާބު ވިދާޅުވީ މިރޭ އިރާކޮޅު ކޮޅު ކައްދޫ ފްލައިޓުން އައި މައިބައިދޫ ބަޔަކު ރަށަށް ދިއުމަށް ގަމުގެ ތުނޑީ ބަނދަރުން ލޯންޗެއްގައި ފުރައިގެން މާބައިދޫއަށް ދަތުރު ކުރަނިކޮށް ކަނޑުމަތިން ރާޅަކާ ޖަހައި ލޯންޗު ދެފަޅިއަށް ފަޅައިގެން ގޮސް އެންމެ ކަނޑުވެފައި ތިއްބައި ސިފައިންނާއި ފުލުހުންގެ އެހީގައި ސަލާމްތކޮށްފައިވާ ކަމަށެވެ.
ކައުންސިލަރު ވިދާޅުވީ މި ހާދިސާ ހިނގި އިރު ލޯންޗުގައި ދެ ކުޑަކުދިންނާއި ތިން އަންހެނުން ވެސް ތިބި ކަމަށާއި އޭގެ ތެރެއިން ހަ މީހަކު ގަމުގެ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އޭނާ އަދި ވިދާޅުވީ މި ހާދިސާގައި އެންމެން ކަނޑުވި ނަމަވެސް ލޮނުބޮވުން ފިޔަވައި އެހެން އެއްވެސް ގެއްލުމެއް އެއްވެސް މީހަކަށް ލިބިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ ކަނޑު ވުމުގެ ސަބަބުން އެންމެނަށް ލޮނު ބޮވިފައިވާއިރު ހާލު ދެރަނުވާ ވަރަށް ލޮނު ނުބޮވެނީ ކަނޑުވި ކުޑަ ދެ ކުދިންނަށް ކަމަށެވެ.
"ލޯންޗު ތުނޑީ ބަނދަރުން ނައްޓާލައިގެން ތަންކޮޅަކަށް ގޮސް ބޮޑު ފިނޮޅާ ހަމައިން ނެގި ރާޅަކާ ޖަހައި ލޯންޗު ދެފަޅިވެ އެންމެ ކަނޑުވީ. އެ މީހުން ކަނޑުވެފައި ތިބިކަން އެނގުނީ ކަނޑުވި މީހުންގެ ތެރޭގައި ހިމެނޭ މީހެއްގެ އަތުގައި އޮތް ވޯޓާ ޕްރޫފް ފޯނަކުން މާބައިދޫއަށް ގުޅައި ހަބަރު ދިނުމުން،" ވައްހާބު ވިދާޅުވި އެވެ.
ވައްހާބު ވިދާޅުވީ އެ ހަބަރު މައިބައިދޫން ގަމަށް އެންގުމުން ސިފައިންނާއި ފުލުހުން ކަނޑު މައްޗަށް ނުކުމެ އެންމެން ސަލާމަތްކޮށްގެން ގެނައީ 11:30 ވެފައި ވަނިކޮށް ކަމަށާއި ކަނޑު މައްޗަށް ދެފަޅިވި ލޯންޗާއި އޭގައި މާބައިދޫއަށް ދަތުރުކުރި، މިރޭ މާލޭން އައި މީހުންގެ ފޮށި ތަންމަތި ވެސް ވަނީ ކަނޑަށް ގެއްލިފަ އެވެ.
"ލޯންޗާއި ފޮށިތަންމަތި ހޯދުމުގެ މަސައްކަތް ސިފައި މިހާރު ވެސް ކުރިޔަށް އެބަގެންދޭ،" ވައްހާބު ވިދާޅުވި އެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ފަޅައިގެން ދިޔަ މާބައިދޫ ލޯންޗަކީ 150 ހޯސްޕަވަރުގެ ދެ އިންޖީނު އަޅާފައިވާ ވަރަށް ބޮޑަށް ބާވެފައިވާ ލޯންޗެކެވެ.