އިންޑިއާގެ މަޝްހޫރު ސިޓީއެއްކަމަށްވާ މުމްބާއިން ރަމޭސްވަރަމްއަށް ކުރާ ދަތުރެއްގައި ހިނގާ ލޯބީގެ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ އެކްޝަން ކޮމެޑީ ފިލްމް، "ޗެންނާއީ އެކްސްޕްރެސް"އަށް ޝްވެކް ސިނަމާގައި ބޮޑު ތަރުހީބެއް ލިބެން ފަށައިފި އެވެ.

"ޗެންނާއި އެކްސްޕްރެސް" ރާއްޖޭގައި އަޅުވަމުން ގެންދާ ޝްވެކް ސިނަމާއިން ބުނީ އެ ފިލްމް ސިނަމާގައި އަޅުވާފައި ވަނީ އިންޑިއާގައި ފިލްމް ރިލީސްކުރިތާ އެއް ދުވަސް ފަހުން ކަމަށާއި އެންމެ ފުރަތަމަ ޝޯ އަޅުވާފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އެގޮތުން ހުކުރު ދުވަހު އެ ފިލްމުގެ ދެ ޝޯ ހައުސްފުލްކޮށް އަޅުވާފައިވާއިރު ކުރިއަށް އޮތް ހަފްތާގެ ބުދަ ދުވަހާ ހަމައަށް އެ ފްލިމްގެ ޝޯތައް އެއްކޮންހެން ހައުސް ފުލްވެފައިވާ ކަމަށް ވެސް އެ ސިނަމާއިން މައުލޫމާތު ދިނެވެ. އަދި ފިލްމްއަށް ރިޒަވޭޝަން ހެއްދުމަށް ވަރަށް ގިނަ ބަޔަކު ގުޅަމުންދާ ކަމަށާއި ފިލްމަށް ތަރުހީބު ލިބެމުންދާ ވަރަށް ޝޯތައް އިތުރު ކުރާނެ ކަމަށް އެ ސިނަމާއިން ބުންޏެވެ.

ގޯލްމާލް އާއި ސިންގަމް އަދި ބޯލް ބައްޗަން ފަދަ މަޝްހޫރު ފިލްމްތަށް ޑައިރެކްޓް ކޮށްފައިވާ ޑައިރެކްޓަރު ރޯހިތް ޝެޓީ ޑައިރެކްޓްކޮށް ގައުރި ކާން ޕްރޮޑިއުސްކުރާ އެ ފްލިމްގައި ލީޑްރޯލްއިން ފެނިގެން ދަނީ ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޝާހްރުކް ހާން އާއި ދީޕިކާ ޕަޑުކޯން އެވެ. މިއީ 2007 ވަނަ އަހަރު ރިލީސް ކުރި މަޝްހޫރު ފްލިމް އަދި އެ ފިލްމަކަށް އެތަށް އެވޯޑްތަކެއް ލިބިފައިވާ "އޯމް ޝާންތި އޮމް"އަށްފަހު މި ދެ ތަރިން ފެނިގެންދާ ދެވަނަ ފަހަރަށްވާއިރު އެވެ.

މި ފްލިމް މިހާރު އެމެރިކާ އާއި އިނގިރޭސި ވިލާތުގައި މިދިޔަ ބުރާސްފަތި ދުވަހު އަޅުވާފައިވާ އިރު މިދިޔަ ހުކުރު ދުވަހު ވަނީ މުޅި ދުނިޔެއަށް ފިލްމު ރިލީސްކޮށްފަ އެވެ. އެގޮތުން މި ފްލްމް ވަނީ އިންޑިއާ އާއި އެއްވަގުތެއްގައި މޮރޮކޯ، ޖަރުމަން، ސްވިޒަލޭންޑް، އޮސްޓްރޭލިއާ، ފްރާންސް އަދި އިސްރާއިލްގެ އިތުރުން ޕެރޫގައިވެސް ރިލީސްކޮށްފައެވެ. އަދި މި ފިލްމްވެގެން ގޮސްފައި ވަނީ ޕެރޫގައި ހިންދީ ފިލްމެއް އެޅުވި ފުރަތަމަ ފަހަރަށް ވެސް ވެފަ އެވެ.

ޖުމްލަ ނުވަ ލަވަ ހިމެނޭ މި ފިލްމް އިންޑިއާގެ 3500 ސްކްރީނެއްގައި އަޅުވަން ނިއްމާފައިވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 700 ސްކްރީނެއްގައި މި ފްލިމް އެޅުވުމަށް ވަނީ ހަމަޖެހިފައިވެ އެވެ. އެގޮތުން އެމެރިކާގެ 195 ސްކްރީނެއްގައި އާއި އިނގިރޭސި ވިލާތުގެ 175 ސްކްރީނެއްގަ އާއި މެދު އިރުމަތީގެ 55 ސްކްރީނެއްގައި އެ ފިލްމް އެޅުވުމަށް ހަމަޖެހިފައިވާއިރު އޮސްޓްރޭލިއާގެ 30 ސްކްރީނެއްގައި މި ފިލްމް އަޅުވާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

ޗެންނާއި އެކްސްޕްރެސް އިންޑިއާގައި މިދިޔަ ބުރާސްފަތި ދުވަހު އަޅުވާފައިވާ އިރު އެ ފިލްމަށް މިދިޔަ ހުކުރު އަދި ހޮނިހިރުގައި އެކަނިވެސް ވަނީ 33 ކަރޯޑް ރުޕީސް ލިބި އިންޑިއާގެ އެ ރިކޯޑް އޮތް ސަލްމާން ހާން އެކްޓްކޮށްފައިވާ "އެކްތަ ޓައިގާ" ގެ ރިކޯޑް މުގުރާލާފައެވެ.