ކޮލަންބޯ (އޮގަސްޓް 11): ސްރީލަންކާގެ ވެރިރަށް ކޮލަންބޯގެ ގްރޭންޑްޕާސް ސަރަހައްދުގައިވާ މިސްކިތަކަށް ބުޑިސްޓުންގެ ހަރުކަށި ބަޔަކު ޙަމަލާތަކެއް ދީފި އެވެ.

މިޙަމަލާތަކާ ގުޅިގެން އެ ސަރަހައްދުގައި ސްރީލަކާންކާގެ މުސްލިމުންނާއި ބުޑިސްޓުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި ފަސް މީހަކު ޒަޚަމް ވެފައިވެ އެވެ. އަދި ގިނަ އަދަދެއްގެ ގެއަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ބުޑިސްޓުންގެ ހަރުކަށި ބަޔަކު ގްރެންޑްޕާސްގެ މިސްކިތަށް ޙަމަލާދިނީ އޮއްގަލާއި ފުޅިއާއި އެނޫން ވެސް ހަރުތަކެތިންނެވެ. ޙަމަލާދިނީ ހުކުރުދުވަހުގެ ރޭ އެ މިސްކިތުގައި ގިނަ އަދަދެއްގެ ބަޔަކު ޢިޝާނަމާދުކުރަން ތިއްބައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

އިއްޔެ ހިނގި ކުރިމަތިލުންތަކާ ގުޅިގެން ފުލުހުން ވަނީ ގްރޭންޑްޕާސް ސަރަހައްދުގައި މީހުން މަގުތަކަށް ނުކުމެއުޅުމާ އެއްވުންތައް ބޭއްވުން މަނާކޮށްފަ އެވެ. ސްރީލަކާންކާގެ ބުޑިސްޓުންގެ ހާމުދުރުންގެ ބަޔަކު މިދިޔަ ޖުލައި މަހު ވަނީ ގްރޭންޑްޕާސްގެ މިސްކިތް އެހުރިތަން ނޫން އެހެންތަނަކަށް ބަދަލުކުރުމަށް ގޮވާލައި އަޑުއުފުލާފަ އެވެ. އަދި އެމީހުން ވަނީ ރަމަޟާން މަސް ނިމެންދެން އެމިސްކިތް ބޭނުންކުރިޔަސް އެންމެ ރަނގަނޅު ކަމަށްބުނެ ރަމަޟާން މަސް ނިމެންދެން އެމީހުން އަމިއްލައަށް މުސްލިމުންނަށް މުހުލަތެއް ދީފަ އެވެ. އެ ސަރަހައްދުގެ މުސްލިމުން ބުނާ ގޮތުން ސްރީލަންކާގެ ދީނީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އެމިސްކިތަށް ޙިމާޔަތް ދޭނެކަން މުސްލިމުންނަށް އަންގައި އެ މިސްކިތް ބޭނުންކުރަމުން ގެންދިޔުމަށާއި ހަރުކަށި ބުޑިސްޓުންގެ އިންޒާރުތަކަށް ޢަމަލުނުކުރުމަށް މުސްލިމުންގެ ކިބައިން އެދިފަ އެވެ.

ސްރީލަންކާގެ ބުޑިސްޓުންގެ ތެރޭގައި ހަރުކަށި އަދި ހައްދުފަހަނަޅާފައިވާ ފަރާތްތައް މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. މި ހަރުކަށި ފަރާތްތަކުން ގެންދަނީ ކުރިއާ ޚިލާފަށް މުސްލިމުންނަށް ގޯނާ އާއި ދުއްތުރާކޮށް މުސްލިމުންގެ ތަންތަނަށް ޙަމަލާތައް ވެސް ދެމުންނެވެ. މުސްލިމުންގެ އިތުރުން ނަސާރާ އިން ނަށް ވެސް ސްރީލަންކާގައި އިތުރުވަމުންދާ ހަރުކަށި ބުޑިސްޓް ޖަމާއަތްތަކުގެ ގޯނާތަކާއި ދުއްތުރާތައް ކުރިމަތިވަމުންދާ ކަމަށް ޚަބަރުލިބެ އެވެ.

މިދިޔަ އަހަރުސްރީލަންކާގެ ހަރުކަށި ބުޑިސްޓް ޖަމާއަތްތަކުން މުސްލިމުންގެ ގެދޮރަށާއި މިސްކިތްތަކުގެ އިތުރުން ނަސާރާއިންގެ ފައްޅިތަކަށް ވެސް އެތައް ފަހަރަކު ޙަމަލާތައް ދީފައިވެ އެވެ. ބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް ހަރުކަށި އަމަލުތައް ހިންގަނީ މުސްލިމުން ބުޑިސްޓުންގެ ތެރޭގައި އިސްލާމް ދީން ފަތުރާ ކަމަށް ތުހުމަތުކޮށެވެ. ނަމަވެސް މުސްލިމުން މިކަން ދޮގުކުރެ އެވެ. ނަމަވެސް ބުޑިސްޓުންގެ ބައެއްމީހުން އަމިއްލައަށް އިސްލާމްވާ ކަމަށް މުސްލިމުން ބުނެ އެވެ. ހަމައެފަދައިން ނަސާރާއިން ވެސް އެމީހުންގެ ދީން ފަތުރާކަމަށް ބުޑިސްޓުން ތުހުމަތު ކުރެ އެވެ. ސްރީލަންކާގެ 20 މިލިޔަން މީހުންގެ އާބަދީގެ ހަތަރު ބައިކުޅަ ތިންބަޔަކީ ބުޑިސްޓުންނެވެ. މުސްލިމުންނާއި ނަސާރާއިންނަކީ ސްރީލަންކާގައި ބައިމަދު ބައެކެވެ. (ނޫސްއެޖެންސީތައް)