11 Aug 2013, 09:10
އުފެއްދުންތެރިކަން ދަށް ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް ކުރިމަތިލާން ޖެހެނީ ބޮޑު ޑެފިސިޓް ބަޖެޓަކާ އެވެ. މިދިޔަ އަހަރުގެ ބަޖެޓް ތިން ބިލިއަން ރުފިޔާ އިން ޑެފިސިޓްވެފައިވާ އިރު މި އަހަރުގެ ބަޖެޓު ޑެފިސިޓް ވާނޭ ކަމަށް ލަފާކޮށްފައި ވަނީ 1.3 ބިލިއަން ރުފިޔާ އެވެ. ބަޖެޓް އަހަރުން އަހަރަށް ޑެފިސިޓްވުމަކީ ރާއްޖެ ކުރިމަތިލާން ޖެހޭ ބޮޑު މައްސަލަ އަކަށް ވެފައިވީ ނަމަވެސް ސީރިއަސްކަމާ އެކު އެ ކަމަށް ހައްލެއް ހޯދުމަށް މަސައްކަތްކުރެވޭތޯ އެވެ؟
ކުރިއަށްއޮތް ފަސް އަހަރަށް ވެރިޔަކު އިންތިހާބު ކުރުން ބޯމަތިވެފައިވާ އިރު އެ އިންތިހާބަށް ތައްޔާރުވާ ސިޔާސީ ކެންޑިޑޭޓުން ވެސް ހަގީގަތް މައްސަލަތަކަށް އަލިއަޅުވާލުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ރައްޔިތުންގެ ހިތް ރުއްސަން "ފޮނިމޮޅު" ވައުދުތައް ވުމަށެވެ.
"ދައުލަތަށް އަހަރަކު ކަނޑައެޅޭ ބަޖެޓެއްގައި ފައިސާ އޮތުމަކުން ފައިސާ ހަރަދުކުރުމުގެ ފުރުސަތެއް ބޭނުންވިޔަސް ނުލިބޭ. މިއަދުގެ ވެސް ހަގީގަތަކީ ދައުލަތް ހިންގަމުން މިގެންދަނީ އާންމު ރައްޔިތުންގެ ބިލްތަކަށް ފައިސާ ނުދައްކާކަން،" މިއަދުގެ މާލީ ހާލަތު ބަޔާން ކޮށްދެއްވަމުން ފިނޭންސްގެ ފައިނޭންސް ކޮންޓުރޯލާ މުހައްމަދު އަހުމަދު ވިދާޅުވި އެވެ.
މިއަދު މިގައުމުގައި ފޯރިއާ އެކު ކެމްޕެއިން ކުރަމުންދާއިރު ރައްޔިތުންގެ ހިތް ރުއްސަން ވަމުން ގެންދާ ވައުދުތަކުގެ ތެރޭގައި ގައުމާއި އެކަށީގެން ނުވާވަރުގެ ވައުދުތައް ހިމެނޭ ކަމަށް ބުނެވޭ އެންމެ ބޮޑު ސަބަބަކީ ގައުމުގެ ހާލަތައް ބަލާއިރު ނުވާވަރުގެ ކިތަންމެ ކަމެއް އެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެވެ. އެގޮތުން ބަލާނަމަ ސިއްހީ ދާއިރާގެ ވައުދުތަކަށް ބަލަމާތޯއެވެ.
ޖުމްހޫރީ ގުޅުމުން ވައުދުވެފައި ވަނީ އެ ކޯލިޝަންގެ ފަސް އަހަރުގެ ވެރިކަމެއްގައި ހދ. ކުޅުދުއްފުއްޓާއި ލ. ގަމާއި އައްޑޫގެ ހޮސްޕިޓަލްތައް އައިޖީއެމް ހޮސްޕިޓަލާއި އެއްފެންވަރަކަށް ކުރިއަރުވާނެ ކަމަށާއި އެ ކޯލިޝަންގެ ސަރުކާރެއްގައި އާސަންދަ ހުސް ނުވާނެ ކަމަށެވެ. އެމްޑީޕީގެ ސިއްހީ ދާއިރާގެ ވައުދުތަކަށް ބަލާއިރު ވެރިކަން ލިބޭތާ 18 މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ތިން ހިސާބެއްގައި ޒަމާނީ ފަރުވާދެވޭ ފެންވަރު ރަނގަޅު ޑޮކްޓަރުންނާއި ސްޕެޝަލިސްޓުން ތިބޭ ޓާޝަރީ ތިން ހޮސްޕިޓަލް ގާއިމްކުރާނެ ކަމަށާއި ކުރިން އޮތް ގޮތަށް އާސަންދައިގެ ހިދުމަތް ދޭނެކަމުގެ ވައުދު ހިމެނެ އެވެ. އަދި ގައުމާއިގެން ކުރިއަށް ކޯލިޝަންގެ ވައުދުތަކަށް ބަލާއިރު ސިއްހީ ސިޔާސަތުގެ ދަށުން އެބޭފުޅުންގެ ވެރިކަމުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ނެޝަނަލް ސްޕެޝަލިޓީ ހޮސްޕިޓަލެއް ގާއިމްކުރުމާއި ރީޖަނަލް ހޮސްޕިޓަލްތައް މެދުވެރިކޮށް ކުޑަކުދިންގެ ފަރުވާ އާއި އާއްމު ބަލިތަކަށް ފަރުވާ އާއި ސާޖިކަލް ހިދުމަތްތައް އެ ވެރިކަމެއްގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ފޯރުކޮށްދޭނެ ކަމުގެ ވައުދު ހިމެނެ އެވެ. އަދި ޕީޕީއެމްއަށް ބަލާއިރު ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް ބޮޑެތި ބަލިތަކަށް ފަސޭހަ ކަމާ އެކު ބޭސްފަރުވާ ކުރެވޭނެ ކަމުގެ ވައުދުތައް ހިމެނެ އެވެ.
ސިއްހީ ދާއިރާއަށް އަމާޒުކޮށްގެން އިންތިހާބަށް ވާދަކުރައްވާ ފަރާތްތަކުން ގިނަ ވައުދުތަކެއްވެފައިވާއިރު ގައުމުގެ ސިއްހީ ހިދުމަތް ވަނީ އަރައިނުގަންނަން އުދަގޫ އަނދަވަޅަކަށް ވެއްޓިފަ އެވެ. ސިއްހީ ދާއިރާ ކޮޅަށް ޖަހައި ރައްޔިތުންނަށް އެކަށީގެންވާ ފަރުވާދެވޭނެ ޒިމާމަކަށް ސިއްހީ ދާއިރާ ބައްޓަން ކުރެވޭނީ ބުރަ މަސައްކަތުންނެވެ. ރާއްޖޭގެ އެންމެ ބޮޑު ހޮސްޕިޓަލް އައިޖީއެމްއެޗު ނޭވާ ހޮޅިއަށް އެޅިފައިވާ އިރު، އަތޮޅު ތެރޭގެ ސިއްހީ މަރުކަޒުތައް ވަނީ އެދުމަތިކޮށްފަ އެވެ.
އައިޖީއެމްއެޗްގެ ޒިންމާދާރު އިސްވެރިޔާ އަދި ސިއްހީ ތަޖުރިބާކާރު ޑރ. މުހައްމަދު ހަބީބު ވިދާޅުވީ ރާއްޖޭގެ ސިއްހީ ދާއިރާ އަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހޮސްޕިޓަލަށް ބޭނުންވާ އެކަށީގެންވާ ސާމާނުތައް ހޯދުމަށް ބޭނުންވާ ފައިސާ ނުލިބުމެވެ. އަދި އެ ދާއިރާއަށް ދިމާވެފައިވާ އިތުރު ދައްޗަކީ ޑޮކްޓަރުންނަށް އެކަށީގެންވާ މުސާރައެއް ނުދެވުމާއި ޑޮކްޓަރުންނަށް ބޭނުންވާ ސަލާމަތްކަމާއި ރައްކާތެރިކަން ފޯރުކޮށްނުދެވުން ކަމަށެވެ.
"ސިއްހީ ދާއިރާ ކުރިއަރުވަން ބޭނުން ނަމަ ކުރަން ޖެހޭ ކަމަކީ ކުރިއަށް އޮތް 10 އަހަރަށް ޕްލޭން ކޮށްގެން ދިވެހިން ތަމްރީނު ކުރަން. އެހެން ނުކުރެވިއްޖެ ނަމަ މީގެ 10 އަހަރު ފަހުން އަޅުގަނޑުމެންގެ ހެލްތު ސެކްޓާ މިއަށް ވުރެ ދަތި ހާލަށް ވެއްޓިގެންދާނެ. ނަމަވެސް އެއްވެސް ސިޔާސީ ޕާޓީއަކުން ނެތް އެ ކަހަލަ ވާހަކައެއް ދައްކާފައި،" ހަބީބް ވިދާޅުވި އެވެ.
އިގްތިސާދީ ދާއިރާއަށް ބަލާއިރު ވެސް ދެކޮޅު ނުޖެހޭ އެތައް ވައުދުތަކެއް ހިމެނެ އެވެ. އެގޮތުން އެމްޑީޕީން ރާއްޖޭގެ ހަތް ދާއިރާގައި 10500 އެނދުގެ އަދަދަށް ގެސްޓް ހައުސް ތަރައްގީ ކުރުމަށާއި ތަފާތު ސިނާއަތްތައް ކުރިއަރުވާނެ ކަމަށް ވައުތައް ވެފައިވެ އެވެ. އަދި 34,000 ވަޒީފާގެ ފުރުސަތު މުޅި ރާއްޖެއަށް ފަހިކޮށްދިނުމަކީ އެމްޑީޕީގެ ވައުދެކެވެ. ޕީޕީއެމްއަށް ބަލާއިރު ރާއްޖެއިން ތެޔޮ ހޯދާނެ ކަމުގެ ވައުދުވެފައިވެ އެވެ. އަދި 26،000 ވަޒީފާ އުފައްދާނެ ވާހަކަ ބުނެ އެވެ. އަދި ޖުމްހޫރީ ގުޅުމުގެ ވައުދަކަށް ބަލާއިރު ރާއްޖެ އިން ތެޔޮ ހޯދުމާއި އެއާޕޯޓެއް ނެތް ކޮންމެ އަތޮޅެއްގައި އެއާޕޯޓެއް ހެދުމާއި މާލެ ފެންވަރުގެ ދެ ސަރަހައްދު ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްގީކުރުމަށް އެ ޕާޓީން ވައުދުވެ އެވެ. އަދި ގައުމައިގެން ކުރިއަށް ކޯލިޝަނުން ބަޖެޓް ޑެފިސިޓް އަންނަ އަހަރު ތިން ޕަސެންޓަށް ދަށް ކުރުމަށާއި ފަސް އަހަރުގެ ދައުރު ނިމޭއިރު ދައުލަތުގެ ބަޖެޓަކީ ސާޕުލަސް ކުރުމާއި ވަޒީފާއެއް ނުލިބިވާ ކޮންމެ މީހަކަށް މާލީ އެހީއެއް ދޭނެ ކަމުގެ ވައުދު ފާހަގަކޮށްލެވެ އެވެ.
އިސްވެ ދެއްނެވި ވައުދުތަކަކީ ކިތަންމެ ހާސިލް ކުރަން ބޭނުންވާ ވައުދުތަކަށް ވީނަމަވެސް ހަގީގަތަކީ ސިޔާސީ ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތުގެ ވާހަކަ ނުދެއްކުމެވެ. ހަގީގަތަކީ މިގައުމު ހިނގަމުންދަނީ ލިބޭ އާންމު ދަނީއަށް ވުރެ ބޮޑަށް ހަރަދުތައް ކުރަމުންނެވެ. އެކަން އިސްލާހުކުރުމަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭއިރު އިގްތިސާދް ހަމަޔަކަށް އެޅުވޭނެ އެއްވެސް ގޮތެއް ނެތެވެވެ. އެބޭފުޅުން ވިދާޅުވަނީ ވަޒީފާތައް އިތުރުކުރާނެ ވާހަކަ އެވެ. ނަމަވެސް ބިދޭސީއިންގެ މައްސަލަ ހައްލުނުކޮށް އެކަން ވާން ނެތްއިރު އެކަން ހައްލުކުރާނެގޮތުގެ ތަފްސީލެއް ހާމައެއް ނުކުރެއެވެ. އަދި ބަލަމާތޯއެވެ. މިގައުމަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގައުމަށް އެކަށީގެންނުވާވަރުގެ އޮނިގަނޑެއް އޮތުމެވެ.
"އަޅުގަނޑުމެންގެ ހާލަތު އެބަ އެނގެން ޖެހޭ. ހަމަ އެގޮތަށް އެކަންތައްތައް ރައްޔިތުންނަށް އަންގައިދޭން ވެސް އެބަޖެހޭ. ވޯލްޑް ބޭންކުން މިހާރު ބުނާ ގޮތުގައި ރާއްޖޭގެ ޖީޑީޕީގައި ރާއްޖޭގެ ދަރަނި އުޅެނީ 80 ޕަސެންޓަށް ވުރެ މަތީގައި. އެހެންވީމާ އެ ހަގީގަތް އެބަ އެނގެން ޖެހޭ. ސިޔާސީ ފަރާތްތަކުން ރައްޔިތުނަށް އެކަންތައްތައް އަންގައިދޭން ޖެހޭ،" އިގްތިސާދީ މާހިރެއް ކަމަށްވާ ޑރ. ސިމާދު ސައީދު ވިދާޅުވި އެވެ.
ތައުލީމީ ދާއިރާއަށް ބަލައިރު ވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ ނުބައްދަލު ވައުދުތައް ހުރުމެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ތައުލީމީ ސިޔާސަތުގެ ދަށުން އޭލެވެލްގެ ފަސް މާއްދާއިން ފާސްވާ ކޮންމެ ކުއްޖަކަށް ވެސް ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ދޭނެ ކަމަށާއި ސެކަންޑަރީ ގްރޭޑްތަކުގައި ކިޔަވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ހަރަދުގައި ލެޕްޓޮޕެއް ފޯރުކޮށްދޭނެ ކަމުގެ ވައުދު ހިމެނެ އެވެ. އަދި އެމްޑީޕީއިން 6150 ޒުވާނުންނަށް ކިއެވުމަށް މާލީ އެހީ ދިނުމަށާއި "ހުނަރު ޕްރޮގްރާމް" ކުރިއަށް ގެންދަން ފެށުމުގެ ވައުދުވަނީވެފަ އެވެ. އަދި ގައުމާއިގެން ކުރިއަށް ކޯލިޝަން އިން ކޮންމެ ދަރިވަރަކަށް ޓެބްލެޓެއް ދީ ތައުލީމީ ދާއިރާއަށް ބޮޑު ބަދަލެއް ގެންނާނެ ކަމުގެ ވައުދާއި އައިސީޓީގެ އެހީގައި ކިޔެވުމާއި ކިޔަވައިދިނުމުގެ ވައްޓަފާޅި ބަދަލުކުރާނެ ކަމުގެ ވައުދު ހިމެނެ އެވެ. އަދި ޕީޕީއެމްއިން ވަނީ ތަފާތު ޔުނިވާސިޓީތައް ގާއިމްކޮށް ތައުލީމީ ދާއިރާ އިން މަތީތައުލީމް ހާސިލް ކުރެވޭނެ މަގުފަހިކޮށްދޭނެ ކަމުގެގިނަ ވައުދުތަކެއް ވެފަ އެވެ.
އެ ވައުދުތަކަކީ ދިވެހި ރައްޔިތުން ކިތަންމެހާ ވެސް ބޭނުންވާ ވައުދުތަކެކެވެ. ނަމަވެސް ބަލިފަޔަށް ބުރަވެފައިވާ މިގައުމުގައި އެބުނާ ފަސް އަހަރު ތެރޭގައި ކޮންމެ ކުއްޖަކަށް ލެޕްޓޮޕާއި ޓެބްލެޓް ދޭނީ ކިހިނެއްތޯ އެވެ. މިއަދުގެ ހަގީގަތަކީ ކުދިންނަށް ފޮތް ފަންސުރު ދިނުމަށް ވެސް ސަރުކާރު ނުކުޅެދިފައިވުމެވެ. އަދި ސްކޮލާޝިޕްތަކުގެ ވާހަކަ ދައްކާއިރު އެމްޑީޕީ އިން ހިންގި ހުނަރު ޕްރޮގުރާމަށް 13 މިލިޔަން ރުފިޔާ ހަރަދުކޮށްގެން ތަމްރީނުވީ 200 ކުދިންކަން ހަދާންކޮށްލަންޖެހެ އެވެ.
މި ގައުމާ ނުބައްދަލު ވައުދުތަކާ މެދު ސިޔާސީ ފަރާތްތަކުން ފުންކޮށް ވިސްނަންޖެހެ އެވެ. ވޯޓް އެކަނި ވައުދުވާ ނަމަ އެއީ ގައުމަށް ހުރި ބިރެކެވެ. ސަބަބަކީ ކޮންމެ ވައުދެއްގެ ފަހަތުގައި ގިނަ އަދަދެއްގެ ފައިސާތަކެއްވާ އިރު އޭގެ ގެއްލުން ފަހުން ގައުމަށް ކުރާނެތީ އެވެ. އިންތިހާބަކަށް ނުކުމެ ވައުދުތައްވާ އިރު އެއީ ދިގު މުއްދަތެއްގައި ރައްޔިތުންނަށް ފައިދާކުރާ އަދި ގައުމު އޮތް ހާލަތުން ކުރެވޭނެ ފަދަ ކަންތައްތައް ވައުދުގެ ގޮތުގައި ހުށައެޅުމަށް ސިޔާސީ ފަރާތްތަކުން ވިސްނަން ޖެހެ އެވެ. ސަބަބަކީ ވޯޓުހޯދުމަށް ސިޔާސީ ފަރާތްތަކުން ކުރަން އޮތް ކަމަކީ ރައްޔިތުން ގުނބޯހެއްދުން ކަމަށް ނުވާތީ އެވެ.