ދެހާސް އަށް ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގައި ގަވާއިދާ ޚިލާފަށް ބައެއް ކަންތައްތައް ހިނގަފައިވާ ކަމަށާއި އެފަދަ ކަންތައްތައް ތަކުރާރުވާކަށް ބޭނުންނުވާކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ށ. ފުނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެންމެ މީހަކަށް އެއްވޯޓަށް ވުރެ ގިނައިން ވޯޓު ލެވޭނެ ގޮތަށް އިލެކްޝަންސްގެ ޑޭޓާބޭސްއާ ކުޅެލުމުގެ ފުރުސަތު އޮތް ކަމަށާއި އެކަމަށް އިލެކްޝަންސްގެ ބޭފުޅުން މަޖިލީހުގެ ކޮމެޓީއެއްގައި އެއްބަސްވެފައިވާ ކަމަށެވެ.

"ކުރިން، އޭރު ވޯޓުލާ މީހުންގެ ރަޖިސްޓްރީގަ ހުރި ނަމްބަރުތައް ހުރި އަދަދުތައް ހުރި މީހުންގެ ނަން އެ ވޯޓުލާ އޮތް ދަފްތަރު ފިޔަވައި އެހެން ދަފުތަރަކަށް ނޫންނަމަ ވޯޓުލާން އޮތް ފޮށި ނޫން އެހެން ފޮއްޓަކަށް ބަދަލުކޮށްލުމުގެ އިޚްތިޔާރު އިލެކްޝަންސްގެ ޑޭޓާބޭސްއަށް އެކްސެސް އޮތް ބޭފުޅުންނަށް އެ ފުރުސަތު އޮތް. އެބޭފުޅުން އެއޮތީ އަޅުގަނޑުމެންގެ މި މަޖިލީހުގެ މި ކޮމެޓީގައި ކޮމެޓީގަ އެފުރުސަތު އޮތްކަމަށް ވިދާޅުވެފަ. އިއުތިރާފުވެފަ. ކޮންކޮން ބޭފުޅުންނެއްގަ ތޯ ޕާސްވޯޑު އޮތީ. ހަމަ ތިބޭފުޅުން ބައްލަވާލެއްވީމަ އެ ދުވަސްވަރުގެ ނޫސް ބައްލަވާލެއްވީމަ އެބޭފުޅުންގެ ނަންވެސް ހާމަވެގެންދާނެ. މި ޖަލްސާގަ އެ ނަންތައް ދަންނަވާކަށް އަޅުގަނޑު ނެތިން،" ޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސިޔާސީ ވެރިން އެބައި މީހުންގެ ޒިންމާތައް އަދާކުރުމުގައި ކުރިއަށްދާން ޖެހޭ ކަމަށާއި ހަމައެފަދައިން ދައުލަތުގެ މުއައްސަސާތަކުގެ އިސް ބޭފުޅުން ވެސް އެބައިމީހުންގެ ޒިންމާ އުފުލުމުގެ ހިތްވަރު ހުންނަން ޖެހޭނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ޔާމީން ވަނީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޝަރީއަތް ލަސްވާތީ އެކަމަށް އިޝާރާތްކުރައްވައި ވާހަކަދައްކަވާފަ އެވެ.

އޭނާ ވިދާޅުވީ ނަޝީދުގެ މައްޗަށް ޖިނާއީ އަދުލު ނުހިންގޭ ނަމަ އެހެން މީހެއްގެ މައްޗަށް ޖިނާއީ އަދަލު ހިންގިގެންނުވާނެ ކަމަށެވެ.

ކޯޓުތަކުގައި ހުރި ދުސްތޫރީ ބޮޑެތި މައްސަލަތައް ނުނިމޭ ނަމަ އެއީ މައްސަލައެއް ކަމަށާއި އެފަދަ މައްސަލަތައް ނުނިމެނީ އަދުލު އިންސާފުގެ ދާއިރާގައި ހުރި ކޮން މައްސަލަތަކެއްގެ ސަބަބުންތޯ ދެނެގަންނަން ޖެހިފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

ނަޝީދުގެ ޝަރީއަތް ހުއްޓިފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ހައިކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފް އަލީ މުއްދަތެއް ނެތްގޮތަށް ސަސްޕެންޑުކޮށްފައިވާތީ އެވެ.

އޭނާ ސަސްޕެންޑު ކުރުމުގެ ސަބަބުން ހުޅުމާލޭ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ސައްޚަ ކަމާ މެދު ގޮތެއް ކަނޑައަޅައިދިނުމަށް ނަޝީދު ހުށަހެޅުއްވި މައްސަލަ ކުރިއަށް ނުދެއެވެ. ސަބަބަކީ ޝަރީފް އަކީ އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރަކަށް ވާތީ އެވެ.

ނަޝީދު ހައިކޯޓަށް ހުށަހެޅުއްވި މައްސަލަ ނިމެންދެން އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް ހައިކޯޓުން ވަނީ ހުޅުމާލޭ ކޯޓުގެ މައްޗަށް އަމުރުކޮށްފަ އެވެ.