(07 އޯގަސްޓްގެ އަދަދާއި ގުޅޭ)

ދެފިކުރެއްގައި ހުރެފައި އިޔަން ތަޅުގައި ހިފައި އަނބުރައިލިއެވެ. ޒޯހާ ފުރަގަސްދީގެން ހުރެފައި ކުއްލިއަކަށް އެނބުރިލީ އެއަޑަށެވެ. އިޔަން ފެނިގެން ޒޯހާގެ މޫނު ކުރިއަށްވުރެ ވެސް ރަތް ވެގެން އައެވެ. އިސްޖަހައިގެން ހުރެ އަތުގެ އިނގިލިތަކާއި ކުޅެން ފެށި ގޮތުން އިޔަންއަށް ލިބުނީ އިތުރު ހިތްވަރެކެވެ. އިޔަން ވައިއަޑުން "ޒޯހާ" އޭ ގޮވައިލާފައި ގޮސް ކައިރިއަށް ހުއްޓުނު ފަހުން ޒޯހާ އަވަސް އަވަހަށް ފުރަގަސްދިނެވެ. ޒޯހާ އަދިވެސް ބޮޑަށް ރަކިވީކަން އެނގިގެން އިޔަންއަށް ހިނިތުންވެ ލެވުނެވެ. މަޑުމަޑުން ކަނާއަތް އުފުލާލައިފައި ޒޯހާގެ ކޮނޑުގައި އިޔަން އަތް ބާއްވައިލުމުން ތެޅިގެންފައި ކުއްލިއަކަށް އެނބުރި އެމޭގައި ޒޯހާ މޫނު ފޮރުވާލައިފިއެވެ. ޚުދު އިޔަންވެސް ޒޯހާގެ އެހަރަކާތުން ސިހޭގޮތްވިއެވެ. "ޒޯހާ ލަދުގަތީތަ؟" އިޔަން ޒޯހާ ވަށާލައި ރީތިކޮށް ބައްދައިލިއެވެ. "އެއީ ކީއްވެ ލަދުގަތީ؟" ޒޯހާ ކުޑަކޮށް ބޯހަލުވައިލާފައި އާއެކޭ ބުނުމުން އިޔަން އިތުރަށް އަހައިލިއެވެ. "ލެމް މީ ގެސް؟ ...އެއީ ޒޯހާގެ ފަސްޓް ކިސް ދޯ." ޖުމްލަ ނިމޭއިރަށް ޒޯހާ ދެއަތުން އިޔަންގެ ޓީޝާޓް މޭމަތި ބޮނޑިކޮށްލި ގޮތުން ޖަވާބު ލިބުނެވެ. "ހެހެހެ....." އިޚުތިޔާރެއްނެތިވެސް ލުއި ހުނުމެއްގެ އަޑު އިޔަންގެ ދެ ތުންފަތް ފޫދުއްވާލައިފައި ނިކުތެވެ. "އާވވ... މައި ބޭބީ ގާރލް އިޒް ބްލަޝިން." އިޔަން ޒޯހާގެ ދެކޮނޑުގައި ހިފައި ދުރުކޮށްލާފައި އެމޫނަށް ބަލަން ފެށިއެވެ. ޒޯހާ އެސްފިޔަތައް އުފުލައިލަން ބޭނުން ނުވެފައި ހުއްޓާ އިޔަން އެމޫނުގައި ދެއަތުން ހިފާފައި އުފުލައިލިއެވެ.

"ޒޯހާ އަހަރެންނަށް ތިދިން އުފާވެރިކަމުގެ ކޮޅެއްވެސް ނެތް. އައެމް އޯނޯރޑް." އިޔަންގެ ވާހަކަ އަހާފައި ޒޯހާ އެސްފިޔަތައް އުފުލައިލުމުން އެލޮލުގައި ސާފުކޮށް ވިދަމުން ދިޔަ ކަރުނަތައް ފެނުނެވެ. ވަގުތުން ޒޯހާގެ މެއަށް ފިނިވިއެވެ. ފެންކަޅިވެފައި ހުންނައިރު ކުރިއަށްވުރެވެސް އިޔަންގެ ދެލޯ ކަޅުކުލަ ގަދަވެފައި ތޫނެވެ. "ޒޯހާ ބޭނުމިއްޔާ ސެކަންޑް އަދި ތާޑްގެ ޝަރަފްވެސް ލިބިގަންނަން އަހަރެން ހަމަ ތައްޔާރު." ޒޯހާގެ ސީރިއަސްކަން ފެނިގެން އިޔަން ބޭނުންވީ އެކަން ބަދަލު ކޮށްލާށެވެ. ވަގުތުން ޒޯހާ ފާޑަކަށް ހީގަތުމާއެކު ކުޑަވައި އިނގިލީގައި ދަތް އަޅައިލާފައި ފުރަގަސްދީފިއެވެ. ކައިރިވެލުމުން އިޔަންގެ ނަޒަރު ހުއްޓުނީ ހިސާބަކަށް ހާމަވެފައިވާ އޮމާން ކޮނޑަށެވެ. އިތުރަށް ވިސްނާކަށް އިޔަން ބޭނުމެއް ނުވިއެވެ. ކުޑަކޮށް ގުދުވެލައިފައި އެއޮމާން ކޮނޑުގައި ތުންފަތް ޖައްސައިލައިފިއެވެ. ޒޯހާގެ ގަޔަށް ކަރަންޓް އައި ފަދައެވެ. ތެޅިގެންފައި "އިޔަން" އޭ ގޮވައިލި ނަމަވެސް ނިކުތީ ވައި އަޑެވެ. "ޝޫޝޝ... އިޔަން އަނެއް އަތް ކުރިއަށް ގެންގޮސް ޒޯހާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސައި ހުއްޓުވާފައި އެއިސްތަށިގަނޑަށް މޫނު ހަރާލައިގެން އެތެރެއަށް ނޭފަތް ދަމައިލިއެވެ. އެއިސްތަށިގަނޑުން ދުވި ލުއި މީރު ވަހަކުން ހިއްސުތައްވެސް އިތުރަށް މަސްތު ކޮށްލިއެވެ.

އިޔަން ޒޯހާގެ ކަނާތު ކޮނޑުމައްޗަށް ފެތުރިފައިވާ އިސްތަށިތައް އަނެއްފަރާތަށް ގެންގޮސް ކުރިމައްޗަށް ވައްޓާލުމުން އެދޮން ކޮނޑާއި ކަނދުރާ ބޮޑަށް ފައުޅުވިއެވެ. ޝޯލް ނަގާފައި ހުރިއިރު ލައިގެން ހުރި އެހެދުމުގެ ފަހަތު ކަރުވެސް ފުދޭވަރަކަށް ބޮޑެވެ. އިޔަން ކެތްތެރިކަމެއް ނެތި ޒޯހާގެ ކޮނޑާއި ކަނދުރާއި ބޮސްދެމުން އެލުއި ލުއި އަންހެންކުއްޖާ އަތްދަނޑި މައްޗަށް ތިރިކޮށްލިއެވެ. ފިޔަވަޅެއްހާ ކައިރީގައި ނިދާ އެނދު ހުރުމުން ހަމަ އެންމެ ހަރަކާތަކުން ޒޯހާ އެނދުގައި ބާއްވައިލިއެވެ.

ޒޯހާގެ މެރިފައިވާ އެސްފިޔަތައް ދުރުކޮށްލީ މަޑު ތަންމަތީގައި ބުރަކަށި ޖެހުނު ފަހުންނެވެ. އޭރު އިޔަން ގަމީހުގެ ގޮށް ނައްޓަމުން އެމޫނާއި ދިމާއަށް ގުދުވެލަނީއެވެ. "އިޔަން!" ކުއްލިއަކަށް ޒޯހާގެ އަނގައިން ނިކުތެވެ. ޒޯހާ އިޔަންގެ މޫނުގައި ދެއަތުން ހިފަހައްޓާލައިފައި އިތުރަށް ކައިރި ކުރިޔަ ނުދީ ހިފަހައްޓައިލިއެވެ. "ކިހިނެއްވީ؟" އިޔަން ސީދާ ޒޯހާގެ ދެލޮލަށް ބަލަން އޮތެވެ. "އައެމް ސޮރީ." ޒޯހާ ބުނެލިއެވެ. އިޔަން ހައިރާން ކަމާއެކު އެއީ ކީއްވެތޯ އަހައިލީ ނިތް އަރުވައިލާފައެވެ. "އަހަރެންގެ މަންމަ ބުނި މަޢާފަށް އެދޭ ފަރާތަށްވުރެ ހެޔޮ ފަރާތަކީ މަޢާފު ދޭ ފަރާތޭ. އަދި މަޢާފަށް އެދުމުން ލަސްނުކޮށް މަޢާފު ދޭންވާނެއޭ. އިޔަން! ފުރަތަމަ ދުވަހުވެސް އަހަރެން ހުރީ އިޔަންއަށް މަޢާފު ދޭން ތައްޔާރަށް. އެކަމަކު އަހަރެން ބިރުގަތީ. ބިރުގަތީ އެހާ ފަސޭހައިން މަޢާފް ދޭއިރަށް އިޔަން ގެއްލިދާނެތީ. ބޭނުންވީ ދުވަސްކޮޅަކު ފެންނަ ހިސާބުގައި ހުންނަން. އިޔަން އަހަރެންގެ ފަހަތުން މަޢާފަށް އެދި އާދޭސް ކުރާތަން ބަލަން. "ޒޯހާ އަސަރާއެކު ކިޔައިދިނެވެ. އިޔަން ބުނާނެ އެއްޗެއް ނޭނގިފައި ބަލަހައްޓައިގެން އޮތްވާ އަނެއްކާވެސް ވާހަކަ ދެއްކީ ޒޯހާއެވެ." އަހަރެން އިޔަން އަށް މާފުކޮށްފިން. މިހާރު ބޭނުމީ ވެދިޔަ ހުރިހާކަމެއް ހަނދާން ނައްތައިލާފަ އާ ފެށުމަކުން ފަށަން. އިޔަން ޕްލީޒް ވީ އެންމެ އަވަހަކަށް އަހަރެން މީ އިޔަންގެ އަންބަކަށް ހަދާ." ޒޯހާގެ ޖުމްލަ ނިންމާފައި އިޔަންގެ މޫނުން ދޫކޮށްލުމުގެ ކުރިން ކުރިއެކޭ އެއްގޮތަށް އެކަކުގެ ނޭވާ އަނެކަކަށް އެޅޭހާ ކައިރިކޮށްލިއެވެ. އެހަރަކާތުން ޒޯހާ ދޭން ބޭނުންވި މެސެޖް އިޔަންއަށް ލިބުނެވެ. އެއަށްވުރެ ބޮޑަށް އިޔަން އުފާވީ ޒޯހާ މަޢާފު ކުރި ކަމުންނެވެ. ދެލޮލަށް ގިނަވެގަތް ކަރުނަތަކާއި އެކު އިޔަން ޒޯހާގެ މުޅި މޫނުގައި ބޮސްދީފައި އެންމެފަހުން ތުންފަތާއި ހަމައަށް އައެވެ. އެވަގުތު އިޔަންއަށްވުރެ ކުރީން ޒޯހާ މޫނު އުފުލައިލިއެވެ.

"ދެން އޮތްބައި ވެޑިން ނައިޓަށް ސޭވް ކޮށްލީ." ނޭވާ ކޮޅަށް ދިޔަފަހުން އިޔަން ދުރުވެލައިފައި ޒޯހާގެ ކައިރިއަށް އުއްޑުން ވެއްޓިގަތެވެ. އެވަގުތު އިޔަންގެ ޖުމްލަ އަހާފައި ޒޯހާ އަށް ހެވިއްޖެއެވެ. "ގުޑް އައިޑިއާ." ޒޯހާ އިޔަންއަށް ރައްދު ދިންއިރު ޖުމްލަ ފުރިހަމަވީ ނިކަން އުނދަގުލުންނެވެ. އެއަށްވުރެ މާބޮޑަށް އޭނާ ހުރީ ނޭވާ ކުރުވެފައެވެ. ކުޑައިރުކޮޅަކު އިޔަންގެ އަތްދަނޑިމަތީގައި ޒޯހާ ބޯ އަޅާލައިގެން އޮތީ ކުޑައިރުގެ ހެއްވާ ވާހަކައެއް ކިޔައިދޭށެވެ. ދޭތެރެއަކުން ދެމީހުންގެ ހުނުމުގެ އަޑު ކޮޓަރިތެރޭގައި ގުގުމާލައެވެ. ބާރަ ޖަހާ ބޮޑުވިފަހުން އިޔަން ތެދުވެ ދޮރުތައް ތަންޑު އަޅާފައި ދެމީހުން ނިދަން އޮތީ އިޔަންގެ ކޮޓަރީގައެވެ. އަނެކަކު ނުފެންނަ ހިސާބުގައި އޮންނަން އެކަކުވެސް ބޭނުން ނުވީއެވެ.

އިޔަން އާއި ޒޯހާގެ ކައިވެނި ހަފްލާ އޮތީ އޭގެ ދެހަފްތާ ފަހުން އެގޭގައެވެ. އެކުޑަ ހަފްލާއަށް މައިކަލް އާއި ނަވަލްގެ އިތުރުން ބައެއް އަވަށްޓެރީންނަށް ދައުވަތު ދެވުނެވެ. ހުރިހާ އިންތިޒާމެއް އަމިއްލަ ބޮލުގައި އެޅީ މައިކަލްއެވެ. މާކުރިއްސުރެ މައިކަލް ވެފައިވާ ވަޢުދެއް ކަމަށް ޒޯހާ ކައިރީވެސް ބުންޏެވެ. ހެނދުނު އައި ޓީމު އިރު އޮއްސެންވާއިރަށް މުޅިގެ ޒީނަތްތެރިކޮށް ނިންމައިލިލެއް ފުރިހަމަ ކަމުން ޒޯހާވެސް ހުރީ ހައިރާންވެފައެވެ. ޒޯހާ ގޮވައިގެން ކައިވެނީގެ ޝޮޕިންއަށް ދިޔައީ ނަވަލްއެވެ. އެނބުރި އައިސް ގެއަށް ވަދެފައި ތައްޔާރީތައް ފެނިގެން ޒޯހާ ހުރީ ކުރިއަށް ފިޔަވަޅެއް އަޅައިލަން ނޭނގިފައެވެ.

"ދެން ތިހެން ސްޓެޗޫއަކަށް ވެގެން ހުއްޓަސް ގަޑި ހިނގާނެ އިނގޭ. ކިރިޔާ ތައްޔާރު ވެވޭނީ. އަދި މެރީކޮށްގެން ދެން އޮންނާނީ ޕާޓީ." ނަވަލް އަތުގައި ހިފައި ދަމައިލުމުން ޒޯހާ ސިހުނެވެ. ނަވަލް އެއަތުގައި ހިފާ ދަމަމުން ކޮޓަރި އާއި ހަމައަށް ގެންދިޔައިރު ވެސް ޒޯހާ ފަސްއެނބުރި ބެލިއެވެ. ކުއީންސް ޓައުންގެ މުސްލިމުން ކައިވެނި ކުރާ ކޯޓެއްގައި ދެމީހުންގެ ކައިވެނި ކޮށްފައި އެނބުރި އައިއިރު އެރޭ ހަތެއް ޖަހަން ކައިރި ވެއްޖެއެވެ. ކާރުން ފައިބައިފައި ނަވަލް އަވަހަށް ޒޯހާ އަތުގައި ހިފައިގެން އެތެރެއަށް ދުވަން ފެށުމުން އިޔަން ހުރީ ބަލަހައްޓައިގެންނެވެ. "އޭ ހާދަ ކެތްމަދޭ ދޯ." މައިކަލް އައިސް އިޔަންގެ ކޮނޑުގައި އަތް ބާއްވައިލައިފައި ދިމާކޮށްލުމުން އިޔަން ހިނިތުންވެލިއެވެ. "ތިކަން އެނގެއޭ. އެކަމަކު އަދިވެސް ގަބޫލު ކުރަން ދަތިވެގެން މިއުޅެނީ. އަހަރެން މިދުނިޔެމަތީން ލޯބިވި ހަމައެކަނި އަންހެން ކުއްޖާ މިއަދު އަހަރެންގެ އަންބަކަށްވީ." އިޔަން މައިކަލްއަށް އެނގޭނެހެން އިނގިރޭސި ބަހުން ކިޔައިދިނެވެ.

ހުދު ބޮކިފަތި ހަރުކޮށް ދިއްލައި އަޅާފައިވާ ގޭގެ ދޮރުމަތީގަ އާއި އެތެރޭގައި ހުރި ދެ ތަނބު ގައިވެސް މާމެލާމެލީގެ ވެޔޮތައް އޮޅާފައި ހުއްޓެވެ. ޒީނަތްތެރި ކުރުމަށްޓަކައި މުޅިންވެސް ހުދު ކުލަ ބޭނުން ކޮށްފައިވާ ހަފްލާގައި ގިނައީ ހުދު ލޭސް ފޮތިތަކާއި ލިލީ މަލެވެ. މޭޒުތަކުގައި ރަތް ފިނިފެންމާވެސް ވާސްގައި ހުއްޓެވެ. މެހުމާނުން އައިސް ހަމަވުމުން އިޔަން ޒޯހާ ކޮޓަރިން ނިކުމެގެން އައީ ނަވަލްގެ ފަހަތުންނެވެ. އެތެރެ ނޭނގޭނެހެން ދަށަށް ސެޓިން ފޮތި ލައިގެން އެކަމަކު ގިނަ އަދަދަކަށް ލޭސް ބޭނުންކޮށްގެން ފަހާފައިވާ ކުކުޅުބިސް ކުލައިގެ މެކްސީގައި ޒޯހާ ފެނިފައި އިޔަންވެސް ދިޔައީ ސިއްސައިގެންނެވެ. ކުދި މިނާތައް ހަރުކޮށްފައިވާ ޝޯލް އޮޅާލައިފައި އޮތްއިރު އެމޫނު ހަނދެއް ފަދައެވެ. އަދި ވާއަތުން ކުޑަކޮށް އެއްފަރާތެއްގައި ނިއްމައްޗަށް އެލިފައިވާ ތިނެސްކަން ބަށްޓަމުގެ އަލިމަސްފަތި އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ޒޯހާގެ ތުންފަތާއި ގުޅޭގޮތަށް މަޑު ފިޔާތޮށި ކުލަ ޖައްސާލެވިފައިވާ ތުންފަތުގައި ހިނިތުންވުމެއް ނަށަމުން ދިޔައިރު އަބަދުވެސް ކަޅުކުލަގަދަ ދެލޯ އިހުނަށްވުރެ ކުލަގަދަހެން ހީވެއެވެ. އެދެލޯ އުޖާލާވެފައި ތަރިތަކެއް ފަދައިން ވިދައެވެ. ޒޯހާ ގޮސް ކައިރިއަށް ހުއްޓުނުއިރު އިޔަން މައިކަލްގެ ކައިރީގައި ހުރީ ކުކުޅުބިސް ކުލައިގެ ކޯޓް ފަޓްލޫނާއި އެކުލައި ބޫޓްގައެވެ. ހިމަ ޓައީ އާއި އިޔަންގެ އަތުކުރީ ގަޑިވެސް އެހާމެ ގުޅެއެވެ.

މައިކަލް ތައާރަފް ކޮށްދިން ފަހުން ހަފްލާ ފެށިގެން ކުރިއަށް ދިޔައެވެ. ހުނުމާއި މަޖާ ވާހަކަ ތަކުގައި އުފާވެރި މާހައުލެއް އެތާގައި ޤާއިމްވިއެވެ. ހިތްފަސޭހަ މިއުޒިކާއި މީރު ބުއިމާއި އެހާމެ ރަހަމީރު ކާނާތައް މެހުމާނުންގެ މޫނަށް އުފާވެރިކަން ގެނެސްދިނެވެ. މަރުހަބާގެ ބަސްތަކާއި ހަދިޔާތައް އަލަތު ދެމަފިރިންނަށް ލިބެމުން ދިޔައިރު ކެތްތެރިކަން ކުޑަވެފައި ދެމީހުންމެ އިންތިޒާރު ކުރީ ނިމޭނެ ވަގުތަކަށެވެ. އެއަށްފަހު ދެމީހުން އެކަނިވާނެ ވަގުތަކަށެވެ. ކޮންމެ ފެށުމަކަށްވެސް ނިމުމެއް އަންނަ އުސޫލުން އެވަގުތުވެސް އައެވެ. އެންމެންނަށް ވަދާޢު ކިޔާފައި ދެމަފިރީން ދޮރާއި ހިސާބުން އަނެއްފަރާތަށް އެނބުރުނެވެ. އިޔަންއަށް ފޯނެއް އައިސްގެން މަޑު ޖެހިލުމުން ޒޯހާ ކުރީގައި ގޮސް ސިޑިން އެރިއެވެ. މައިކަލް އާއި ނަވަލް ގެއަށް ދިޔަ މަގުމަތީގައި އިޔަންއަށް އުދަނގޫކޮށް ދިމާކޮށްލަން ބޭނުންވީއެވެ. އިޔަން އެމީހުންގެ ވާހަކަ އިވިގެން ހީހީފައި ފޯނު ބޭއްވިއިރު ޒޯހާ ފެންނާކަށް ނެތެވެ. އިޔަން ފޯން ޖީބަށް ލައިފައި ސިޑިން އަރައިގެން ގޮސް ކޮޓަރި ހުޅުވައިލި އިރު ޒޯހާއެއް ނެތެވެ. ކުރިން ޒޯހާ ނިދި ކޮޓަރީގައި އުޅެފާނެ ކަމަށް ހީކޮށްގެން ދިޔައިރު އެތަންވެސް ހުހެވެ. އިޔަން ކަންބޮޑުވީ އެހިސާބުންނެވެ. ތަންކޮޅެއް ބާރަށް ނަމުން ގޮވާލައިފައި ބެލްކަންޏަށް ނިކުމެވެސް ބަލައިލެވުނެވެ. އިޔަން ތިރިއަށް ދާން އުޅެފައި ފަތާ ފެންގަނޑު ކައިރިއަށް ދާން މިސްރާބު ޖެހީ ޒޯހާ ފެނާއި ދޯޅުވަރު ހަނދާންވެފައެވެ.

"ބޭބީ! ސްކިނީ ޑިޕްއެއް ހަދައިލުމުގެ ހިޔާލު ގެންގުޅެނީތަ؟" އިޔަން ކަރުގައި އޮތް ޓައީ ދޫކުރަމުން ގޮވައިލިއެވެ. އެވަގުތު އިޔަންއަށް ޒޯހާ ފެނުނީ ފަތާ ފެންގަނޑުގެ ކޮޅުގައި ފެންގަނޑު ތެރެއަށް ދެފައި ބާލައިގެން އޭނާއަށް ފުރަގަސްދީގެން އިންދައެވެ.

"ޒޯހާ! ޔޫ އޯކޭ؟" ފިޔަވަޅުގެ އަޑު އިވިގެންވެސް ޒޯހާ އެނބުރި ބަލައިނުލުމުން އިޔަން ގޮސް ހުއްޓިފައި ސުވާލު ކުރިއެވެ. ޒޯހާ ޖަވާބެއް ނުދިނުމުން ފުރަގަހުގައި އުޑަފައިން އިށީންދެފައި ކޮނޑުގައި އަތް ބާއްވައިލިއެވެ. ޒޯހާގެ ހިމޭން ގިސްލުމުގެ އަޑު އިޔަންގެ ކަންފަތުގައި ޖެހުނީ އެހިސާބުންނެވެ. "އޯ މައި ގޯޑް. ޒޯހާ ރޮނީތަ؟" އިޔަން ޒޯހާގެ އެއްފަރާތަށް އަރާފައި މޫނުގައި ހިފައި މަގަތަށް އެނބުރައިލިއެވެ. އެރީތި ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފެނިފައި ހިތުގައި ކަނޑީގެ މިޔަ އަޅައިލިހެން ހީވިއެވެ. "ކިހިނެއްވީ ޒޯހާ؟ ބުނެބަލަ!" އިޔަންގެ ހިތް ތެޅިގަތީ ނުހަނު ބާރަށެވެ. އަނެއްކާ ޒޯހާ އެރޮނީ އެކައިވެނީގެ ސަބަބުން ހެއްޔެވެ؟
"ޒޯހާ.... މިކައިވެންޏާއި ނުޤަބޫލީތަ؟...." ޒޯހާގެ ފަރާތުން ޖަވާބެއް ނައުމުން އިޔަން އެންމެ ފަހުން އަހައިލިއެވެ. "ނޫން. ނޫން އިޔަން." ޒޯހާ ވަގުތުން ދެފަރާތަށް ބޯ ހޫރުވައިލާފައި ދެކޮޅުހެދިއެވެ. "ދެން ކީއްވެ؟" އިޔަން ހުރީ އޮޅިފައެވެ. ވިސްނައިގަންނާނެ އެއްޗެއް ނޭނގިފައެވެ.

"އައެމް ސޮރީ. އަހަރެން ގޭމީހުން މަތިން މިސްވީ." ޒޯހާ އަވަސް އަވަހަށް ކަރުނަތައް ފުހެލިއެވެ. އިޔަންގެ ވިސްނުން އޭނާ ބޭނުން ނޫން ދިމާއަކަށް ދިޔަތަން ފެނިގެން އިތުރަށް ކަރުނަ އޮއްސާކަށް ޒޯހާ ބޭނުމެއް ނުވިއެވެ. "ޓްރަސްޓް މީ އިޔަން. މީ އަހަރެންގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސް." ޒޯހާ ގަދަކަމުން ހިނިތުންވެފައި ވާހަކަދެއްކިއެވެ. އިޔަން އެއްޗެއް ނުބުނެ ބަލަން އިނދެލާފައި ފެންގަނޑަށް ދެފައި ބާލައިގެން ކައިރިފަށުގައި ރީތިކޮށް އިށީންދެލިއެވެ. އެވަގުތު ޒޯހާ ކައިރިވެލައިފައި އިޔަންގެ ކޮނޑުގައި ބޯ އަޅައިލީ އިޔަންގެ އަތާއި އަތް މަހާލައިފައެވެ. "ޒޯހާ އައި ޕްރޮމިސް. އަހަރެން ވަރަށް އަވަހަށް ޒޯހާގެ ފެމެލީ އާއި ބައްދަލުކޮށްދޭނަން." އިޔަން ފެންގަނޑުގެ ފުންމިނަށް ބަލަން އިނދެފައި ވާހަކަދެއްކިއެވެ. "ރާއްޖެ ދާއިރަށް އެމީހުން އަހަރެމެން ވަކިކޯށްފާނެ." ޒޯހާ ހާމަ ކުރީ ބިރުގަންނަ ކަންތަކުގެ ވާހަކައެވެ. "ކިޑެއް ލިބުނީމަ ދާނީ. އެއިރުން ކިޑްގެ މޫނު ފެނިފަ އެންމެންގެ ހިތްތައް މެލްޓް ވެދާނެ. އަދި މާޒީ ހަނދާން ނައްތައިލާފަ އަހަރުމެންނަށް މާފުވެސް ކުރާނެ." އިޔަން އުންމީދު އާކޮށްދިނެވެ.

އިޔަންގެ ވާހަކަ ތަކުން ޒޯހާ ހަމައަކަށް އެޅުނު ފަހުން ދެމީހުން ތެދުވެފައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ލާމެހިފައިވާ ދެއަތްތިލަ ވަކިނުވެ ކޮޓަރިއާއި ހަމައަށް ދާންދެން ހުއްޓެވެ. ދޮރާއި ހަމައަށް ގޮސްފައި ޒޯހާ އުޅުނީ ހެދުން ތެމިފައި ހުރެގެން ނުވަންނާށެވެ. "އޯލްރައިޓް. ބޭރުވެސް އޯކޭ. މުޅިގެ ވެސް އަހަރުމެންނަށެއްނު މިއޮތީ. "އިޔަން ލާނެތް ގޮތަކަށް އެއްލޯ މަރައިލުމުން ޒޯހާ ރަކިވިއެވެ. "މިލައިގެން ނިދާކަށް ނޫނެއްނު މިއުޅެނީ." އިޔަން އިތުރަށް ޒޯހާ ތަޅުވައިލިއެވެ. ޒޯހާ ރަކިވެގެން އެވަގުތުކޮޅުވެސް ދަތް އަޅައިލީނުން ތުންފަތަށް ލޭ ކުލަ އަރުވައިލިއެވެ..

(ނުނިމޭ)