ޓެކްނޯ މީޑިއާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން "ޖަޒީރާ ޓީވީ"ގެ ނަމުގައި އާ ޓީވީ ޗެނެލްއެއްގެ ހިދުމަށް ދޭން ފަށައިފި އެވެ.

ޖަޒީރާ ޓީވީގެ ޗެއާމަން ހުސެއިން އާދިލް މިއަދު ވިދާޅުވީ އެ ޗެނަލްއަކީ މިދިޔަ އަހަރުގެ މެއި މަހު ބްރޯޑްކާސްޓްކުރުމުގެ ހުއްދަ ލިބިގެން މިދިޔަ ބުރާސްފަތި ދުވަހު ލޯންޗުކުރި ޗެނަލެއް ކަމަށާއި އެ ޗެނަލްގެ ސިގްނަލް އަދި ލިބެމުންދާނީ މާލެ އާއި މާލެ ކައިރީ ރަށްރަށަށް ކަމަށެވެ. އަދި ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި މުޅި ރާއްޖެ އަށް ޗެނަލްގެ ހިދުމަތް ދިނުމަށް ސެޓަލައިޓަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާދިލް ވިދާޅުވި އެވެ.

އާދިލް އިތުރަށް ވިދާޅުވީ ޖަޒީރާ ޓީވީ އަކީ "ރާއްޖޭގައި އަމިއްލަ ހަމަހަމަ ޓީވީ"އެއްގެ ގޮތުގައި ލޯންޗު ކުރި ފުރަތަމަ ޗެނަލް ކަމަށް ބުނެވިދާނެ ކަމަށާއި އެ ޗެނަލުން ރާއްޖޭގެ ސިޔާސީ އެއްވެސް ބަޔަކަށް ބުރަނުވެ ހަމަހަމަކަމާ އެކީގައި ހަބަރާއި ޕްރޮގްރާމްތައް ގެނެސްދޭނެ ކަމަށެވެ.

"މި ޗެނަލްގެ ސްލޯގަންއަކީ [ރާއްޖޭގައި ފުރަތަމަ އަމިއްލަ ހަމަހަމަ ޓީވީ]. އަޅުނގަޑުމެންގެ ޗެނަލުން އެއްވެސް ވަރަކަށް ފަހަތު ފަޔަށް ބުރައެއް ނުވާނެ. އެކަމުގެ ޔަގީންކަން އަޅުނގަޑުމެން ދެން. އަޅުނގަޑުމެންގެ ޗެނަލުން ކޮންމެ އުމުރަކަށް ވެސް އެކަށީގެންވާ ޕްރޮގްރާމް ގެނެސްދޭނެ." އާދިލް ވިދާޅުވި އެވެ.