މި މަހުގެ 31 އިން ސެޕްޓެމްބަރު 11 އަށް ނޭޕާލުގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގައި އެންމެން ގުޅިގެން ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ރާއްޖެއަށް މިފަހަރު އެ މުބާރާތުގެ ތަށި ގެނެވޭނޭ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ގައުމީ ޓީމުގެ ކޯޗު އިސްތަވާން އުރުބާނީ ބުނެފި އެވެ.

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން މިއަދު ހަވީރު ގަލޮޅު ދަނޑުގައި ޕްރެކްޓިސް ފެށުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އުރުބާނީ ބުނީ، މުބާރާތުން ހާސިލުކުރަން ބޭނުންވާ ކަންތައް ވަރަށް ސާފު ކަމަށެވެ.

"ހާސިލްކުރަން ބޭނުންވާ ކަންތައް ވަރަށް ސާފު. އަހަރެމެން ބޭނުންވަނީ، މުބާރާތް ކާމިޔާބުކުރުން،" ގައުމީ ޓީމުގެ ކޯޗު ބުންޏެވެ. "އަހަރުމެންގެ ރަނގަޅު ޓީމް ރޫހެއް އެބައޮތް. މުބާރާތް ކާމިޔާބު ކުރުމަށް އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން،"

ގައުމީ ޓީމުގެ ހަންގޭރީ ކޯޗު ބުނީ މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމަކީވެސް ވަރުގަދަ ޓީމުތަކެއް ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ޓީމުގައި މޮޅުވުމަށް ބޭނުންވާ ހުރިހާ "ކޮލިޓީއެއް" އެބަ ހުރި ކަމަށެވެ.

"އިދިކޮޅު ހުރިހާ ޓީމަކަށްވެސް އަހަރެމެން އިހްތިރާމް ކުރަން. އަދި ހުރިހާ މެޗުތަކަކީވެސް ވަރުގަދަ މެޗުތަކަކަށްވާނެކަން އަހަރެމެން އެންމެނަށް ވެސް އެނގޭ. އެކަމަކު ރާއްޖެއަށް އެ ޓްރޮފީ އަނބުރާ ގެންނަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް އަހަރެމެން ކުރާނަން،" އުރުބާނީ ބުންޏެވެ.

"އަހަރެމެން ޓީމުގައި ޒުވާންކުޅުންތެރިންނާއި، ތަޖުރިބާކާރު ކުޅުންތެރިންނާއި، ހުނަރު އެބަހުރި. އެހެން ނަމަވެސް އެންމެ މުހިއްމު ކަމަކީ ހާސިލްކުރަން ބޭނުންވާ ރަނގަޅު ލަނޑުދަނޑިއެއް އޮވެގެން މުބާރާތް ކާމިޔާބު ކުރުމުގެ މަގުސަދުގައި މަސައްކަތްކުރުން،" ގައުމީ ޓީމުގެ ކޯޗު ބުންޏެވެ. "ހުރިހާ ކުޅުންތެރިން އެއްކުޅުންތެރިއަކު އަނެއްކުޅުންތެރިއަކަށް އެހީތެރިވެދީގެން ރަނގަޅު ޓީމެއްގެ ގޮތުގައި މަސައްކަތް ކޮށްފިނަމަ އެ ލަނޑުދަނޑިއަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،"

ގައުމީ ޓީމްގެ ޕްރެކްޓިސް މިއަދު ފެށިއިރު އިއްޔެ އެފްއޭއެމްއިން އިއުލާނުކުރި 25 ކުޅުންތެރިންގެ ސްކޮޑްގައި ދިވެހި ލީގު ޗެމްޕިއަން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ 13 ކުޅުންތެރިން ހިމަނާފައިވެ އެވެ. މިފަހަރުގެ ސްކޮޑާ ބެހޭގޮތުން ކޯޗު ބުނީ މިހާރު ނަގާފައިވާ ސްކޮޑަކީ މިހާރު ރާއްޖެއިން ނެގޭނޭ އެންމެ ރަނގަޅު ސްކޮޑް ކަމަށާއި އަދި އެކުގައި ކުޅޭ ގިނަ ކުޅުންތެރިން ތަކެއް ތިބުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ފައިދާ އެއް ކަމަށް ވެސް އޭނާ ބުންޏެވެ.

"ގައުމީ ޓީމަށް މިފަހަރު ނަގާފައިވާ ކުޅުންތެރިންގެ 90 ޕަސެންޓު ކުޅުންތެރިން މުޅި ސީޒަންގައި އެކުގައި ކުޅެފައި ތިބި ކުޅުންތެރިންނަށް ވުމަކީ ޓީމަށް ލިވޭ ވަރަށްބޮޑު ފައިދާއެއް. އަދި އެކުޅުންތެރިން ނިއުރޭޑިއަންޓްގައި ކުޅެފައިވާ ގޮތާއި އަހަރެމެން ކުޅެން ބޭނުންވާގޮތާ ހުރިހާ ގޮތަކުންވެސް އެއްގޮތް،" ކޯޗު ބުންޏެވެ. "އެ ކުޅުންތެރިންނަކީ އޭއެފްސީ ކަޕްގައި ބައިނަލްއަގްވާމީ ގިނަ މެޗުތަކެއް ކުޅެ ތަޖްރިބާ ލިބިފައިވާ ކުޅުންތެރިން،"

އުރުބާނީ ބުނީ ކުޅުންތެރިންނަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ދިވެހި ލީގާއި އަދި އޭއެފްސީ ކަޕްގައިވެސް ގިނަ މެޗުތަކެއް ކުޅުމުގެ ސަބަބުން އެ ކުޅުންތެރިންނަށް ދިމާވެދާނެ މައްސަލަތައް ކަމާއި، އެހެން ކަމުން ކޯޗުގެ އެންމެ ބޮޑު މަސައްކަތަކަށްވާނީ އެކުޅުންތެރިންގެ އަސްލު ފޯމަށް އަނބުރާ ކުޅުންތެރިން ގެނައުން ކަމަށެވެ.

ނިއުގެ 13 ކުޅުންތެރިންގެ އިތުރުން 25 ކުޅުންތެރިންގެ ސްކޮޑްގައި ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހަތް ކުޅުންތެރިއަކާއި ބީޖީގެ ތިން ކުޅުންތެރިންނާއި، ވެލެންސިޔާ އަދި އީގަލްސްގެ އެއް ކުޅުންތެރިއެކެވެ.

ގައުމީ ޓީމުގެ ކޯޗު ބުނީ، މުބާރާތަށްދާ 20 ކުޅުންތެރިންގެ ފައިނަލް ސްކޮޑް އިއުލާނުކުރާނީ މިމަހުގެ 15 ވަނަ ދުވަހު ގައުމީ ޓީމް ތައިލެންޑަށްކުރާ ތަމްރީނު ދަތުރަށްފަހު އެނބުރި މާލެ އައިސް ކަމަށެވެ.