މަސްތުވާތަކެތި އުފައްދަން ބޭނުންކުރާ ގަހެއް ކަމަށްވާ "މަރުއާނާ" ދެ ގަހާއެކު ހުޅުމާލެއިން ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން މިއަދު މެންދުރުފަހު 14:35 އެހައިކަންހާއިރު ހުޅުމާލޭގައި ހިންގި އޮޕަރޭޝަންގައި މަރުއާނާ ދެ ގަހާއެކު ދެ މީހުން ހައްޔަރު ކޮށްފައި ވަނީ ހުޅުމާލެ ފުލެޓް ތެރޭގައި ތިއްބާ ކަމަށެވެ.

ހުޅުމާލެ ފުލެޓް ތެރެއިން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނަކާއި 31 އަހަރުގެ ރަޝިޔާގެ އަންހެނެކެވެ.

މަރުއާނާ ގަސް ފެނިފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފުލެޓް ބަލައިފާސް ކުރަމުން ދަނިކޮށް ބެލްކަނީ ތެރޭގައި ބަހައްޓާފަ ހުރި ބާލިދީއެއްގައި އިންދާފައި ހުއްޓާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.