10 Aug 2013, 18:55
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ވުމަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ ހުށަހެޅުއްވި ކަމަށް ބުނާ ވާހަކަ ތަސްމީން ދޮގުކުރައްވައިފި އެވެ.
ތަސްމީން "ސަން" އަށް މިރޭ ވިދާޅުވީ ގާސިމްގެ ރަނިންމޭޓްކަން ބޭނުންފުޅުވެގެން ހުށަހެޅުއްވި ކަމަށް ބުނެ، ޖުމްހޫރީ ޕާޓީން ވާހަކަތަކެއް ދައްކަމުންދަނީ ރޭ ބޭއްވި "ގައުމައިގެން ކުރިއަށް" ކޯލިޝަންގެ ޖަލްސާގައި ގާސިމަށް ރައްދުވާ ގޮތަށް ދެއްކި ވާހަކަފުޅުތަކާ ގުޅިގެން ކަމަށެވެ. ތަސްމީން ވަނީ ރޭގެ ޖަލްސާގައި ދެއްކި ވާހަކަތައް އަލުން ތަކުރާރު ކުރައްވާފަ އެވެ.
އޭނާ ވިދާޅުވީ 21 ވަނަ ގަރުނުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ގެންނަ މީހެއްގެ ގައިގައި "އިލްމާއި ހިލްމާއި އަހުލާގު" ހުންނަންޖެހޭނެ ކަމަށާއި އެފަދަ ބޭފުޅަކު ރައީސްކަމަށް ގެނައުމާމެދު ރައްޔިތުން ވަރަށް ރަނގަޅަށް ވިސްނަންޖެހޭނެ ކަމަށް ތަސްމީން ވިދާޅުވި އެވެ.
ތަސްމީން ވިދާޅުވީ ގާސިމްގެ ރަނިންމޭޓަކަށްވުމަށް އެދި ޑިއާރްޕީން ވެސް އަދި އަމިއްލަ ހައިސިއްޔަތުން ވެސް ހުށަހަޅުއްވާފައި ނުވާނެ ކަމަށާއި ޖުމްހޫރީ ޕާޓީން ދައްކަމުން ގެންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަތަކެއް ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ކައިރިވެފައި ވަނިކޮށް ހުރިހާ ޕާޓީއަކުން ދައްކާވާހަކަ ވެސް ހުންނަންޖެހޭނީ ހަގީގަތާ އެއްގޮތަށް ކަމަށް ތަސްމީން ވިދާޅުވި އެވެ.
"ގައުމަށް އެންމެ ރަނގަޅު އެންމެ ފައިދާ ބޮޑު ގޮތެއް ކަމަށް ފެނިގެން ޑީއާރްޕީގެ ކައުންސިލުން ނިންމައިގެން ފާސްކޮށްފައި އޮންނާނީ ޑރ. ވަހީދާއެކު ރިޔާސީ އިންތިހާބަށް ޑިއާރްޕީ ނުކުތުމަށް. ޖުމްހޫރީ ޕާޓީން މިއަދު ދެއްކި ވާހަކައަކީ ހަގީގަތެއް ނޫން. ޑީއާރްޕީއަކުން ވެސް އަޅުގަނޑު އަމިއްލައަކަށް ވެސް ގާސިމްގެ ރަނިންމޭޓަކަށް ވުމަށް ހުށަހަޅާފައެއް ނުވާނެ. އަޅުގަނޑަކީ އަމިއްލައަށް ކަންތައްތައް ނިންމާ މީހެއް ނޫން،" ގައުމައިގެން ކުރިއަށް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރަނިންމޭޓް ތަސްމީން ވިދާޅުވި އެވެ.
ޖުމްހޫރީ ގުޅުމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދު ވިދާޅުވީ ތަސްމީން އަލީ، ގާސިމަށް ފާޑުވިދާޅުވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ތަސްމީން ރަނިން މޭޓަކަށް ވުމަށް ފުރަތަމަ އެދިވަޑައިގެންފައި ވަނީ ގާސިމް އިބްރާހިމްގެ އަރިހުން ކަމަށެވެ.
"އޮނަރަބުލް ތަސްމީންގެ ރަނިން މޭޓްކަމަށް ކުރިމަތިލައްވަން ބޭނުންވެގެން ފުރަތަމަ އެކަމަށް އެދިވަޑައިގެންނެވީ އަޅުގަނޑުމެންގެ ލީޑަރު (ގާސިމް އިބްރާހިމް)ގެ އަރިހުގައި. އެހެންވީމާ ތަސްމީނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކޮން ކޮލެޓީއެއްގެ ކިހާ ގާބިލު ބޭފުޅެއް ކަން އޮނަރަބުލް ގާސިމަކީ،" ޑރ. ހުސެއިން ވިދާޅުވި އެވެ.